ޚަބަރު

އަހަރުގެ މިހާތަނަށް ޢުމްރާނީ ތަރައްޤީއަށް 6 ބިލިއަން ރުފިޔާ ހޭދަކޮށްފި


މިއަހަރުގެ މިހާތަނަށް، އިޤްތިސާދީ އަދި ސިނާޢީ ކުރިއެރުމާއި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް 6.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. ފިނޭންސް މިނިސްޓްރީން މިހެން ހާމަކުރައްވާފައިވަނީ ދައުލަތުގެ ޚަރަދުތަކާއި ޢާމްދަނީގެ ތަފްސީލް ހިއްސާކޮށް އެ މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ މާލީ ތަފާސް ހިސާބުތަކުގައެވެ.

ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައިވާގޮތުން މިއަހަރުގެ ޖެނުއަރީ މަހުންފެށިގެން އޮކްޓޯބަރުމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް، ދައުލަތުން ޢުމްރާނީ ތަރައްޤީއަށް ޖުމްލަ 6.1 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ދައުލަތުން ހޭދަކޮށްފައިވާ 3.9 ބިލިއަން ރުފިޔާ އާއި އަޅާބަލާއިރު، %56.4 ބިލިއަން ރުފިޔާގެ އިތުރު ޢަދަދެކެވެ.

މިއަހަރު ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ޒަމާނުއްސުރެ ހައްލުނުވެ ހުރި އަސާސީ އެތައް މައްސަލައެއް ހައްލުކޮށް، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމެވެ. އެގޮތުން މިއަހަރުގެ ބަޖެޓްގައި ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މިދާއިރާއިން ގިނަ މަޝްރޫޢުތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

ތަފާސް ހިސާބުތަކުގައިވާ ގޮތުން ލަފާފުރުމުގެ ދަތިތަށް ހައްލުކުރުމުގެ ގޮތުން މިދާއިރާގެ މަޝްރޫޢުތަކަށް ޖުމްލަ 1.8 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި މިދާއިރާއަށް ދައުލަތުން ހޭދަކޮށްފައިވާ 1.3 ބިލިއަން ރުފިޔާއާއި އަޅާބަލާއިރު %38.4 އިތުރު އަދަދެކެވެ.

ދަތުފަތުރުގެ ދާއިރާގައި ހުރި ދަތިތަށް ހައްލުކުރުމަށް ސަރުކާރުން މިއަހަރު އެންމެ ބޮޑު އިސްކަމެއްދީގެން ކުރިއަށް ގެންދާ މަޝްރޫޢުއަކީ ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ ދަށުން މާލެ-ވިލިމާލެ-ތިލަފުށި-ގުޅީފަޅު ބްރިޖްގެ މަޝްރޫޢުއެވެ. ފިނޭންސްގެ މާލީ ރިޕޯޓްގައިވާ ގޮތުން މިމަޝްރޫޢުއަށް އަހަރުގެ މިހާތަނަށް 595.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިދިޔަ އަހަރު މިމަޝްރޫޢުއަށް ހޭދަކޮށްފައިވަނީ 106.8 މިލިއަން ރުފިޔާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށް ރަށްރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތަށްވެސް ސަރުކާރުން ވަނީ ކުރިއަށް ގެންގޮސްފައިވެއެވެ. ފިނޭންސްގެ މާލީ ރިޕޯޓްގައިވާ ގޮތުން އަހަރުގެ މިހާތަނަށް ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށް ދައުލަތުން ވަނީ 776.2 މިލިޔަން ރުފިޔާ ހޭދަކޮށްފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށް ހޭދަކޮށްފައިވަނީ 471.1 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރާއަޅާބަލާއިރު %64.7 އިތުރު އަދަދެކެވެ.

ރައްޔިތުންނަށް ދަތުރުފަތުރުގެ ނިޒާމު ލުއިފަސޭހަކޮށް، ރާއްޖޭގެ މައި ސަރަޙައްދުތައް އިޤްތިޞާދީގޮތުން ހުޅުވާލުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ތަޞައްވުރެވެ.

އެގޮތުން އަހަރުގެ މިހާތަނަށް ދެން އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ މިހާތަނަށް ދައުލަތުން ވަނީ ޖުމްލަ 477.0 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. ލަފާފުރުމުގެ ދަތިތަށް ހައްލުކުރުމަށް ގަން، ހަނިމާދޫ، އަލިފުށި، ފަރެސްމާތޮޑާ އަދި މުލީގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ސަރުކާރުން ދަނީ ހިންގަމުންނެވެ.

އުމްރާނީ ތަރައްޤީގެ ދާއިރާތަކުގެ ތެރެއިން މަގުހެދުމާއި ބިން ހިއްކުމުގެ މަޝްރޫޢުތަކަށް ދައުލަތުން ވަނީ ބޮޑު ހޭދައެއްކޮށްފައެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްތަކުގެ ބިން ހިއްކުމާއި އެރަށްތަކުގެ މަގުގައި ތާރު އެޅުމާއި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުތަކުގައި ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމުގެ އެތައް މަސްއަކަތެއް ސަރުކާރުން ވަނީ ކޮށްފައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު މިހާތަނަށް މަގުތަށް ތަރައްޤީކުރުމާއި ބިންހިއްކުމުގެ މަޝްރޫޢުތަކަށް ޖުމްލަ 1.08 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ތަފާސް ހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރުގެ މިމުއްދަތުގައި ދައުލަތުން މިދާއިރާއަށް ހޭދަކޮށްފައި ވަނީ 371.8 މިލިއަން ރުފިޔާއެވެ.

ބިން ހިއްކުމާއި މަގުހެދުމުގެ މަޝްރޫޢުތަކުގެ އިތުރުން ދައުލަތުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރަށްތަތަކަށް ރައްކާތެރި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކޮށްދީފައެވެ. ފިނޭންސްގެ މާލީ ރިޕޯޓްގައިވާ ގޮތުން މިމަޝްރޫޢުތަކަށް ދައުލަތުން ވަނީ އަހަރުގެ މިހާތަނަށް 1.2 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އާބާދީގެ ކުޑަބޮޑުމިނަށް ނުބަލާ ވަކި ރަށެއް ބާކީ ކުރުމެއް ނެތި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ސަރުކާރުން ދަނީ ރަށްރަށުގައި ޤާއިމުކުރައްވަމުންނެވެ.

ރާއްޖޭގެ 158 ރަށެއްގައި ފެނާ ނަރުދަމާގެ މަޝްރޫޢުތައް ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައި 644 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ހިންގާ މަޝްރޫޢުތަކަށް 2.4 ބިލިއަނަށްވުރެ ގިނަ ރުފިޔާ، އެކި ރަށްތަކުގައި ވައިގެ ބަނދަރުތައް ތަރައްޤީކުރުމަށް 235.6 މިލިއަން ރުފިޔާ 2023 ވަނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.