މި ސަރުކާރުގެ ފާއިތުވީ 4 އަހަރުތެރޭ އަލަށް 33 ރިސޯޓު ހުޅުވާ، ފަތުރުވެރިކަމަށް 9497 އެނދު ނެރެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި ޢަދަދަކީ މީގެކުރީ ސަރުކާރުތަކާއި އަޅާ ބަލާއިރު އިތުރު އަދަދެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 17 ނޮވެމްބަރު 2018 އިން ފެށިގެން 17 އޮގަސްޓު 2022 ޖުމްލަ 33 ރިސޯޓު ހުޅުވާފައިވާއިރު، މިއީ 4505 ކޮޓަރިއެވެ. އަދި ޖުމްލަ 9497 ފަތުރުވެރިކަމުގެ އެނދެވެ.
● 2018 (ނޮވެމްބަރު އަދި ޑިސެމްބަރ) : 2 ރިސޯޓު
● 2019 : 18 ރިސޯޓު
● 2020 : 3 ރިސޯޓު
● 2021 : 7 ރިސޯޓު
● 2022 : 3 ރިސޯޓު
● ޖުމްލަ : 33 ރިސޯޓު / 9497 އެނދު
މިސަރުކާރުގެ މިވީ މުއްދަތުގައި ހުޅުވާފައިވާ ރިސޯޓުތަކުން ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިކަމަށް އެނދު ނެރެފައެވެ. މިއީ މީގެކުރީ ސަރުކާރުތަކާއި އަޅާ ބަލާއިރު އިތުރު އަދަދެކެވެ.
● 1978 - 2008 : 19324 އެނދު
● 2008 - 2012 : 751 އެނދު
● 2012 - 2013 : 871 އެނދު
● 2013 - 2018 : 7476 އެނދު
● 2018 – 2022 : 9497 އެނދު
މިި ސަރުކާރުން ދަނީ ނުހެދި ހުރި ރިސޯޓުތަކުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިޔުމަށް އިންވެސްޓަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އިތުރު ރަށްތައްވެސް ބިޑަށް ހުޅުވާލައިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށްވެސް މި ސަރުކާރުން ޚާއްސަ އިސްކަމެއްދެއެވެ.
ފަތުރުވެރިންނަށް ޙިދުމަތްދޭ ފެސިލިޓީތައް އިތުރުކުރުމުގެ އިތުރަށް ސަރުކާރުން ދަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖެ ދުނިޔެއަށް އިޝްތިހާރުކުރުމަށް މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅިގެން އަހަރުގެ މިހާތަނަށްވެސް ގިނަ ހަރަކާތްތަކެއް ހިނގާފައިވާކަން ފާހަގަކޮށްލެއެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ހޯދަމުންދާ ކުރިއެރުންތަކަށް ބަލާއިރު، ޖެހިޖެހިގެން 3 ފަހަރު ވަނީ ދުނިޔޭގެ ލޭޑިންގ ޑެސްޓިނޭޝަން އެވޯޑު ހޯދާފައެވެ. މި އެވޯޑު ރާއްޖެއިން ހޯދާފައިވަނީ ދުނިޔޭގެ ފަތުރުވެރިކަމުގައި ފާހަގަކޮށްލެވޭ އެހެން މަންޒިލްތަކާއި ވާދަކޮށެވެ. މިފަދަ ޝަރަފުވެރި އެވޯޑެއް ރާއްޖެއިން ޖެހިޖެހިގެން 3 ފަހަރު ހޯދުމުން ދައްކައިދެނީ ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް ބަލައިގަނެފައިވާ ކަމެކެވެ.