ޚަބަރު

ދަނޑުވެރިންނަށް 6.8 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި


އެސްއެމްއީ ބޭންކުން ދޫކުރާ "ދަނޑުވެރި ނަފާ" ލޯނުގެ ދަށުން، 4 އަހަރު ދުވަހުގެ ތެރޭގައި 6.8 މިލިއަން ރުފިޔާގެ ލޯނު ދަނޑުވެރިންނަށް ދޫކޮށްފައިވާކަން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހާމަކޮށްފިއެވެ.

އެސްއެމްއީ ބޭންކުގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލިއެވެ. މީގެ ތެރޭގައި ހިމެނޭ 1 ދާއިރާއަކީ ދަނޑުވެރިކަން ކުރިއެރުވުމަށް ހުޅުވާލި ދަނޑުވެރި ނަފާ ލޯނެވެ. މިލޯނަށް ފުރުސަތު ހުޅުވައިލާފައިވަނީ 2019 އަހަރުގެ މާޗްމަހުގެ ތެރޭގައެވެ.

މި ލޯނު ދޫކުރުމުގައި އިސްކަން ދޭނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށްކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން އަރބަން އެގްރިކަލްޗަރ، ޕްރޮޓެކްޓެޑް އެގްރިކަލްޗަރ، ވަރޓިކަލް ގަރޑެނިންގ، އަދި ޕޯލްޓްރީ ފަދަ ކަންތައްތައް ކުރަންބޭނުންވާ އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް މިލޯނު ސްކީމްގެ ދަށުން އަންނަނީ ފައިސާ ދޫކުރަމުންނެވެ.

6 އިންސައްތަ އިންޓްރެސްޓާއެކު ދޫކުރާ މި ލޯން ސްކީމްގެ ދަށުން އެންމެ މަދުވެގެން ލޯނުގެ ގޮތުގައި ނެގޭނީ 75 ހާސް ރުފިޔާއެވެ. އަދި އެންމެ ބޮޑު އަދަދަކަށް ނޭގޭނީ 2 މިލިއަން ރުފިޔާއެވެ.

ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި 4 އަހަރުތެރޭގައި ޖުމްލަ 25 ދަނޑުވެރިއަކަށް 6،887729 ( ހަ މިލިއަން އަށްލައްކަ އަށްޑިހަ ހަތްހާސް ހަތް ސަތޭކަ ނަވާވީސް) ރުފިޔާ ވަނީ މިލޯން ސްކީމުގެ ދަށުން ދޫކޮށްފައެވެ. މީގެތެރެއިން، ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 3 ކުންފުންޏަކަށް 3520820 ރުފިޔާ ދޫކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ. އަދި އަމިއްލަ ފަރުދުންނަށް ޖުމްލަ 3366909 (ތިން މިލިއަން ތިންލައްކަ ފަސްދޮޅަސް ހަހާސް ނުވަސަތޭކަ ނުވަ) ރުފިޔާ ދޫކޮށްފައިވާކަމަށް އެމިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި "ދަނޑުވެރި ނަފާ" ލޯން ސްކީމްގެ ދަށުން ފައިސާ ދޫކޮށްފައިވާ އަމިއްލަ ފަރުދުންގެ ބޮޑު ބައެއް ހިއްސާވަނީ ފިރިހެން ދަނޑުވެރިންނެވެ. އެގޮތުން 20 ފިރިހެން ދަނޑުވެރިންނަށް ޖުމަލް 3216909 (ތިން މިލިއަން ދެލައްކަ ސޯޅަ ހާސް ނުވަސަތޭކަ ނުވަ) ރުފިޔާ ދޫކޮށްފައިވާއިރު، އަންހެން ދަނޑުވެރިންގެ 2 ފަރާތަކަށް 150000 (އެއްލައްކަ ފަންސާސް ހާސް) ރުފިޔާ ވަނީ މި ލޯން ސްކީމްގެ ދަށުން ދޫކޮށްފައެވެ.

މި ލޯން ސްކީމަށް އެދި ހުށަހަޅާ ކުންފުނިތަކާއި ކޯޕަރޭޓްތަކަކީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ރަޖިސްޓަރވެފައިވާ ކުންފުނިތަކަށް ވާންޖެހޭކަމަށް ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތުދެއެވެ. އަދި އަމިއްލަ ފަރުދެއްނަމަ ލޯން ހަމަޖެހޭ ހިސާބުން އެސްއެމްއީ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީވެފައި އޮންނަން ޖެހޭކަމަށް ވެސް މިނިސްޓްރީން ވިދާޅުވެއެވެ.