ރާއްޖޭގެ މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ މަތީ އަގު ލިބޭ އުފެއްދުންތައް އުފައްދައި، ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓްކުރުންކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
ފިޝަރީޒް މިނިސްޓަރ މިހެން ވިދާޅުވީ ސަރުކާރަށް 4 އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން ޚާއްސަ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމަށް މިހާރު ރާއްޖެއިން މަސް އެކްސްޕޯޓްކުރަމުން އަންނަ ވައްޓަފާޅިއަށް ބޮޑުބަދަލެއް ގެންނަންޖެހޭކަމަށެވެ. އެގޮތުން މަސްވެރިން ބާނާ މަސް ގަނޑުކޮށްގެން ތައިލޭންޑް ފަދަ ޤައުމުތަކަށް އެކްސްޕޯޓްކުރުމުން އެންމެ އެކަށިގެންވާ ފައިދާ ނުލިބޭކަމަށާއި، މިކަން އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ އެންމެ މުހިންމުކަމަކީ މަތީ އަގު ލިބޭ އުފެއްދުންތައް އުފައްދާ އެއުފެއްދުންތައް ތަފާތު މާކެޓްތަކަށް އެކްސްޕޯޓުކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން އެންމެ ތިޔާގި ސަރަހައްދުތަކުގައި ކާރުޚާނާތަކާއި ކޯލްޑް ސްޓޯރޭޖްތައް ޤާއިމްވެފައި ނެތުމަކީ ހަމައަގު ހޯދައިދިނުމަށް ދިމާވާ ބޮޑު ގޮންޖެހުމެއްކަމަށެވެ. މިކަމުގެ ސަބަބުން މަހުގެ ކޮލިޓީ ދަށްވެ، މަސްވެރިން ބާނާ މަހުގެ ނިސްބަތުން ބޮޑު މިންވަރެއް، މަތީއަގު ލިބޭގޮތައް ޕްރޮސަސްނުކޮށް، ރޯމެޓީރިއަލްގެ ގޮތުގައި އެކްސްޕޯޓް ކުރަން ޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން މިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން ގިނަ މަސްއަކަތްކަތެއް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން ސަރުކާރުން މިހާރު ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަޝްރޫޢުއަކީ މިފްކޯގް މަސް ފެކްޓްރީތައް އަޕްގްރޭޑްކުރުމުގެ މަސައްކަތެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި މަސް ކާރުޚާނާތަކުގެ ކެޕޭސިޓީ އިތުރުކުރުމާއި، މަސް ކާރުޚާނާތަކާއި އައިސްޕްލާންޓްތައް ނެތް ރައްތަކުގައި އެތަންތަން ޤާއިމްކުރުމުގެ މަޝްރޫޢުތައް މިހާރުވެސް ކުރިއަށްދާކަމަށެވެ. އަދި މި މަޝްރޫޢުތައް ފުރިހަމަވުމަށް ވަގުތު ނެގިކަމުގައިވީނަމަވެސް އަންނަ އަންނަ އަހަރުގެ ތެރޭގައި މަސްވެރިކަމުގެ ގިނަ މައްސަލަތަކަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށެވެ.
"ސަރުކާރުން ބޭނުންވޭ ރާއްޖޭގައި ބާނާ މަހަށް މިހާރަށްވުރެ ރަނގަޅު އަގު މަސްވެރިންނަށް ލިބޭނެ ގޮތް ހަދަން. އެހެންކަމުން އެކަންކުރުމަށްތަކައި ކުރަންޖެހޭ އިންވެސްޓްމަންޓްތައް މިހާރުކުރަމުން މިދާނީ. މިކަން ކުރަންޖެހެނީކީ ކޮންމެހެން ސަރުކާރަކުން ނޫން. އެގޮތުން ސަރުކާރުން އެންމެ އިސްކަމެއްދެނީ އަމިއްލަ ފަރާތްތަކަށް ފޮރިން އިންވެސްޓްމަންޓް ކުރުމަށް ޖާގަ ދިނުން." މިނިސްޓަރ ވިދާޅުވިއެވެ.
މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމަށް ހުރިގޮންޖެހުންތައް ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ހަމައަގު ހޯދުމަށް ދެން އޮތް ގޮންޖެހުމަކީ 2011 ވަނަ އަހަރު ތެރޭގައި އެންމެ ކުޑަކޮށް ތަރައްޤީވެފައި އޮތް ޤައުމަކުން ފުޅާ ދާއިރާއެއްގައި ތަރައްޤީވަމުން އަންނަ ޤައުމަކަށް ރާއްޖެ ބަދަލުވުމާއި ގުޅިގެން ޔޫރަޕުން ލިބެމުން ދިޔަ ޑިއުޓީ އިނާޔަތްތައް ހުއްޓާލުންކަމަށެވެ.
"ރާއްޖެއިން އެކްސްޕޯތްކުރާ ބާވަތްތަކުން މިހާރު %20 ނުވަތަ %25 ނުވަތަ %26 ޑިއުޓީ އެބަނެގޭ. އަޅުގަނޑުމެން ގިންތީގައި ހިމެނޭ ޤައުމުތަކުން ޔޫރަޕަށް މަސް އެކްސްޕޯޓްކުރާ ޤައުމުތަކުގެ ތެރެއިން ރާއްޖެއަށް އެކަނި ކަންނޭގެ މިގޮތަށް ޑިއުޓީ ނަގަނީ". މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން އިނގިރޭސި ވިލާތާއިއެކު ފަންނީ އަދި ސިޔާސީ މަޝްވަރާތައް ކުރެވެމުންދާކަމަށާއި އިނގިރޭސިވިލާތާއިއެކު ވަރަށް އަވަހަށް އެއްބަސްވުމެއް ހެދިގެންދާނެކަމުގެ ޔަޤީންކަން މިހާރު ލިބިފައިވާކަމަށެވެ.
މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށްޓަކައި މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިފްކޯ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫއެއް ވަނީ ފަށާފައެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސްޕްލާންޓްތައް އަޅައި މަސްވެރިންނަށް ފަސޭހަކަމާއިއެކު އައިސް ލިބޭނެ މަގު ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ހިމެނެއެވެ.