ޚަބަރު

މިއަހަރު މުވައްޒަފުންގެ މުސާރައަށް ހޭދަކުރި މިންވަރު މިދިޔަ އަހަރަށްވުރެ %7.7 އިތުރު


މިއަހަރުގެ މިހާތަނަށް، ދަޢުލަތުން މުވައްޒަފުންގެ މުސާރައަށް ހޭދަކޮށްފައިވާ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 7.7 އިންސައްތަ އިތުރުކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިހެން ހާމަކޮށްފައިވަނީ ދައުލަތުގެ ޚަރަދުތަކާއި ޢާމްދަނީގެ ތަފްސީލް ހިއްސާކޮށް ކޮންމެ ހަފްތާއަކު ނެރޭ މާލީ ތަފާސް ހިސާބުތަކުގައެވެ.

ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައިވާގޮތުން މިއަހަރުގެ ޖެނުއަރީމަހުގެ އެކަކުން އޮކްޓޯބަރުމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް، ޚަރަދުގެ ގޮތުގައި 32.2 ބިލިއަން ރުފިޔާ ދައުލަތުން ވަނީ ހޭދަކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން ޚަރަދުގެ ގޮތުގައި ހޭދަކޮށްފައިވާ 27.4 ބިލިއަން ރުފިޔާ އާއި އަޅާބަލާއިރު، 17.5 އިއްސައްތަ އިތުރު ޢަދަދެކެވެ.

ދައުލަތުން ކުރާ ހަރަދުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ރިކަރަންޓް ޚަރަދާއި ކެޕިޓަލް ޚަރަދުތަކެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މުވައްޒަފުންގެ މުސާރައާއި، އިދާރާތައް ހިންގުމަށް ކުރަންޖެހޭ ޚަރަދުތަކެވެ. އަދި ކެޕިޓަލް ޚަރަދުތަކަކީ ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ހޭދަކުރާ ޚަރަދުތަކެވެ.

ރިކަރަންޓް ޚަރަދުތަކުގެ ތެރޭގައި އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ އިދާރީ ހިންގުމުގެ ބައިނެންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތުން ވަނީ 14.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2019 އަހަރު އިދާރީ ހިންގުމަށް ދައުލަތުން ވަނީ 11.2 ބިލިއަން ޚަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު، %27.7 އިތުރު އަދަދެކެވެ.

ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން ދެން އެންމެ ބޮޑުބައެއް ހޭދަކޮށްފައިވަނީ މުވައްޒަފުންނަށް މުސާރައަށެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި 9.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރުގެ މިމުއްދަތުގައި މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ހޭދަކޮށްފައިވަނީ 8.5 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 7.7 އިންސައްތަ އިތުރު އަދަދެކެވެ.

ކޯވިޑް އާއި ގުޅިގެން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ގިނަ ލޮޅުންތަކެއް އައުމާއި ގުޅިގެން، ވަޒީފާތައް އިތުރުކޮށް ޒުވާނުންނަށް އެތައް ފުރުސަތުތަކެއް ސަރުކާރުން ވަނީ ތަނަވަސްކޮށްދީފައެވެ.

ޒުވާނުންނަށް ސަރުކާރުން ފަހިކޮށްދިން ބައެއް ފުރުޞަތުތައް

1- 20000 އަށްވުރެ ގިނަ ޒުވާނުންނަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުން
2- 15000 އަށްވުރެ ގިނަ ދަރިވަރުންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު
3- ކުޅިވަރުގެ އެންމެ ޒަމާނީ ވަސީލަތްތައް ތަރައްޤީކުރުން
4- 474 މިލިއަން ރުފިޔާގެ އެސްއެމްއީ ލޯން
5- 1103 މުދައްރިސުންނަށް ބޭރު ޤައުމުތަކުން ތަޢުލީމް ހާސިލްކުރުމުގެ ފުރުޞަތު
6- 25178 މުވައްޒަފުންނަށް ތަޢުލީމީ ދާއިރާގެ ތަމްރީން ޕްރޮގްރާތައް ހިންގުން

މަރުކަޒީ ބޭންކް، އެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖޭގެ މައިގަނޑު ހުރިހާ ސިނާޢަތްތަކެއްގައި ވަޒީފާތައް ވަނީ އިތުރުވެފައެވެ. އެގޮތުން އެންމެ ގިނަ އަދަދަކަށް ވަޒީފާތައް އުފެދިފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައެވެ. އަދި މިއަހަރުގެ މިހާތަނަށް އިމާރާތްކުރުމުގެ ސިނާއަތުގެ ވަޒީފާތައްވެސް އިތުރުވެފައިވާކަމަށް އެރިޕޯޓްގައިވެއެވެ.

ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނަށް މުސާރައިގެ ހަމަހަމަކަން ޤާއިމުކުރުމަކީ ރައީސްލްޖުމްހޫރިޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ތަސައްވުރެވެ. ސަރުކާރުން މިއަހަރު ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވާއިރު، އަންނަ އަހަރު ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރާ ބޮޑުކުރަމަށް ވަނީ ހަމަޖައްސަވާފައެވެ.