ދިވެހިރާއްޖެއާއި ޖަޕާނާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 55 އަހަރު ފުރުން ފާހަގަކުރުމުގެގޮތުން "ޖަޕާން މޯލްޑިވްސް ފެސްޓިވަލް" ގެ ނަމުގައި ފެސްޓިވަލެއް ބާންވަން ޖަޕާނުގެ އެންބަސީން ނިންމައިފިއެވެ.
ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މި ފެސްޓިވަލް އޮންނަނީ މިއަދު ހަވީރު 4:00 އިން 22:00 އަށެވެ. މިފެސްޓިވަލްއާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޖަޕާން އެންބަސީން ވިދާޅުވީ، މިފެސްޓިވަލްގެ މައިގަނޑު މަޤްޞަދަކީ ޖަޕާނުގެ ސަޤާފަތާއި އާދަކާދަތަކުގެ މަޢުލޫމާތު ދިވެހިންނަށް ފޯރުކޮށްދީ، ސަޤާފީކަންކަން އެއްތަނަކުން ތަޖުރިބާކުރުމަށް ފުރުޞަތު ދިނުންކަމަށެވެ.
އެގޮތުން މާޝިއަލް އާޓްސްގެ ހަރަކާތްތަކާއި، ދިވެހިންގެ މެދުގައި މަޤްބޫލުކަން ހޯދައިފައިވާ ޖަޕާނުގެ ކެއުމެއްކަމަށްވާ "ސޫޝީ" ތައްޔާރުކުރުން ފަދަ ހަރަކާތްތައް މިފެސްޓިވަލްގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްދާ މި ފެސްޓިވަލްގައި ޖަޕާނުގެ ސަޤާފަތާއި ބެހޭގޮތުން މައުލޫމާތުދިނުމުގެ ހަރަކާތެއް ކުރިއަށްދާނެއެވެ. އަދި ކަރުދާހުން ތަފާތު އެއްޗެހި ތައްޔާރުކުރަން ދަސްކޮސްދިނުމުގެ ހަރަކާތްތަކުގެ އިތުރުން ޖަޕާންގެ ސަޤާފީ ހެދުންކަމަށްވާ "ޔުކާތާ" ހެދުން ލައިގެން ފޮޓޯނެގުމުގެ ފުރުޞަތުވެސް އާއްމުންނަށް ލިބިގެންދާނެއެވެ.
ޖަޕާން އެމްބަސީން ވިދާޅުވީ، މިފެސްޓިވަލްގެ އެންމެ މުހިންމުކަމަކީ ރާއްޖެއާއި ޖަޕާނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ޚަރުދަނާކޮށް އެކަން ފާހަގަކުރުންކަމަށެވެ.
އެގޮތުން، އިކޮނޮމިކް މިނިސްޓްރިއާއި، ޖަޕާންއާއި ގުޅިގެން ކުދި ވިޔަފާރިތަކާއި އަދި މެދުފަންތިގެ ވިޔަފާރިތައް ކުރިއެރުވުމަށް ހުޅުވުނު އޮތެންޓިކް މޯލްޑިވްސްގެ ސްޓޯލްތައް މިފެސްޓިވަލްގައި ހުންނާނެއެވެ. ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ "ޔަމާކީ"އިން އުފައްދާ މަހުގެ ބާވަތްތަކުގެ ސްޓޯލްތައްވެސް މިފެސްޓިވަލްގައި ހުންނާނެއެވެ. އަދި މިފެސްޓިވަލްގައި ސްކޫލު ކުދިންގެ ފަރާތުން ތަފާތު ހަރަކާތްތައް ރޭވިފައިވަކަމަށްވެސް ޖަޕާން އެމްބަސީން ވިދާޅުވެއެވެ.
ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 55 އަހަރު މިއަހަރު ފުރުނުއިރު، ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި މުހިއްމު ދައުރެއް އަދާކުރާ ޤައުމެކެވެ. އިތުބާރު ވޭތުވެދިޔަ އަހަރުތަކުގައި ޖަޕާނުން ވަނީ އެކި ރޮނގުރޮނގުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާއި، އެންމެ ފަހުން ކުރިމަތިވި ކޯވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު ޖަޕާނަކީ، ދިވެހި ރައްޔިތުންނަށް ދީލަތިކަމާއި އެހީތެރިކަން އެންމެ ފުރަތަމަ ފޮނުވި އެއް ޤައުމެވެ.