މިއަހަރުގެ މިހާތަނަށް، ދަޢުލަތަށް ލިބުނު ޢާމްދަނީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 31.8 އިންސައްތަ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ދައުލަތުގެ ޚަރަދުތަކާއި އާމްދަނީގެ ތަފްސީލް ހިއްސާކޮށް ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ މާލީ ތަފާސް ހިސާބުގައެވެ.
ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައިވާގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ނޮވެންބަރުމަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް، ދައުލަތަށް 23.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު 17.9 ބިލިއަން ރުފިޔާ އާއި އަޅާބަލާއިރު، 31.8 އިންސައްތަ އިތުރު ޢަދަދެކެވެ.
ދަޢުލަތަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޓެކްސް އިން ލިބޭ ޢާމްދަނީއެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަަތަށް ޖުމްލަ 16.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު 12.3 ބިލިއަނާއި އަޅާބަލާއިރު 37.3 އިންސައްތަ އިތުރު އަދަދެކެވެ.
ޓެކްސް އިން ލިބޭ އާމްދަނީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑު ޕްރޮޕަރޓީ ޓެކްސް، ބީޕީޓީ އާއި، ޖީއެސްޓީގެ އިތުރުން ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ޓެކްސް އިން ލިބޭ އާމްދަނީގެ ތެރެއިން އެންމެ ގިނައިން ލިބިފައިވަނީ ޖީއެސްޓީ ނުވަތަ މުދަލާއި ޚިދުމަތުން ނެގޭ ޓެކްސްއިންނެވެ. އެގޮތުން، މުދާލާ ޚިދުމަތުން ނެގޭ ޓެކްސްއިން ދައުލަތަށް ވަނީ 8.1 ބލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދޔަ އަހަރުގެ މިމުއްދަތުގައި ލިބުނު 6.1 ބިލިއަން ރުފިޔާއާއި އަޅާބަލާއިރު، 32.7 އިންސައްތަ އިތުރު އަދަދެކެވެ.
ޓެކްސްއިން ލިބޭ އާމްދަނީގެ ތެރެއިން ދެން އެންމެ ގިނައިން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ޓީޖީއެސްޓީ ނުވަތަ ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނެގޭ ޓެކްސްއިންނެވެ. ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނެގޭ ޓެކްސްއިން ދައުލަތަށް ވަނީ 5.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނެގޭ ޓެކްސްއިން ދައުލަތަށް ލިބިފައިވަނީ 4 ބިލިއަން ރުފިޔާއެވެ. މީގެއިތުރުން، އަހަރުގެ މިހާތަނަށް އިންޕޯޓް ޑިއުޓީން ދައުލަތަށް 2.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ބީޕީޓީގެ ގޮތުގައި ދައުލަތަށް 4 ބލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ދައުލަތަށް ލިބޭ އާމްދަނީގެ ދެން އެންމެ ބޮޑުބައެއް ހިއްސާވަނީ ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީއެވެ. ޓެކްސް ނޫން އާމްދަނީގެ ތެރޭގައި ހިމެނެނީ އެއަރޕޯޓު ޑިވެލޮޕްމަންޓު ފީ އާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބޭ ޑިވިޑެންޓާއި، ޕްރޮޕަރޓީ އިންކަމް ފަދަ އާމްދަނީތަކެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި އަހަރުގެ މިހާތަނަށް 6.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި 4.7 ބިލިއަނާއި އަޅާބަލާއިރު 38.2 އިންސައްތަ އިތުރު އަދަދެކެވެ.
ދައުލަތަށް ލިބޭ ޢާމްދަނީ އިތުރުވެފައިވާއިރު، ސަރުކާރުން ހިންގާ މަޝްރޫޢުތައް އިތުރުވެ، ދައުލަތުން ކޮށްފައިވާ ޚަރަދުވެސް ވަނީ މިދިޔަ އަހަރަށްވުރެ އިތުރުވެފައެވެ. މިއަހަރުގެ މިމުއްދަތުގައި ދަޢުލަތުގެ ބަޖެޓުން 32.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު،، މިދިޔަ އަހަރުގެ މިމުއްދަތުގައި ދަޢުލަތުން ހޭދަކޮށްފައިވަނީ 27.4 ބިލިއަން ރުފިޔާއެވެ.
ދައުލަތުން ކުރާ ޚަރަދުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ރިކަރެންޓް ޚަރަދާއި ކެޕިޓަލް ޚަރަދުތަކެވެ.
ރިކަރެންޓް ޚަރަދުތަކުގެ ތެރޭގައި ހިމެނެނީ މުވައްޒަފުންގެ މުސާރައާއި އިދާރީ ހިންގުމުގެ ބައިން ކުރާ ޚަރަދުތަކެވެ. ކެޕިޓަލް ޚަރަދުތަކުގެ ތެރޭގައި ހިމެނެނީ ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ހޭދަކުރާ ޚަރަދުތަކެވެ..