ޚަބަރު

މަސްވެރިކަމުގައި ބިދޭސީންނަށް ހަރަކާތްތެރިވެވޭގޮތަށް ގަވާއިދު އިސްލާހުކޮށްފި


މަސްދޯނި ފަހަރުތަކުގައި ބިދޭސީންނަށް މަސްވެރިކަމުގައި ހަރަކާތްތެރިކުރެވޭ ގޮތަށް މަސްވެރިކަމުގެ ޤަވާއިދު އިސްލާހުކޮށްފިއެވެ.

ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގާ، ބެލެހެއްޓުމާ ގުޅޭ ގަވާއިދު ކުރިން އޮތް ގޮތުން މަސްވެރިކަމުގައި ސީދާ ބިދޭސީންނަށް ހަރަކާތްތެރިއެއް ނުވެވޭނެއެވެ.

ރާއްޖޭގައިކުރާ މަސްވެރިކަމަކީ ދިވެހިންގެ ސަޤާފަތާއި ގުޅިފައިވާ ކަމަކަށްވުމުން، ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގާ، ބެލެހެއްޓުމާ ގުޅޭ ގަވާއިދުގައި ކުރިން އޮތީ މަސްދޯނި ފަހަރުގައި ބިދޭސީންނަށް އަދާކުރެވޭނެ ވަޒީފާތައް ބަޔާންކޮށްފައެވެ. އެއީ ސެކުއިރިޓީ ބެލެހެއްޓުމާއި އުޅަނދުގެ ކައްކާއެއްގެ ގޮތުގައި ނުވަތަ ސާފުކުރާ މީހެއްގެ ގޮތުގައި މަސައްކަތްކުރުމެވެ. އަދި އެކަމަށް ގެންގުޅެވޭނީ ގިނަވެގެން 2 ބިދޭސީންކަމަށްވެސް ގަވާއިދުގައިވެއެވެ. އަދި މިގޮތަށް ގެންގުޅޭ ބިދޭސީންނަށްވެސް ޚާއްސަ ކޯޓާއެއް ނަގަން ޖެހޭގޮތަށް ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމާފައެވެ.

މަސްވެރިކަމުގައި ބިދޭސީން ނުގެންގުޅެވޭތީ މަސްވެރިންގެ ޝަކުވާތައް އިތުރުވެ، ބައެއް މަސްވެރި އުޅަނދުތަަކުގެ މަސައްކަތް ހުއްޓުމަކަށްވެސް ވަނީ އައިސްފައެވެ.

މަސްވެރިންގެ މިޝަކުވާތަަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީން ވަނީ މި ޤަވާއިދަށް އިސްލާހު ގެނެސް، މަސްދޯނި ފަހަރުތަކުގައި މަސްވެރިންގެ ގޮތުގައި ބިދޭސީންނަށް ހަރަކާތްތެރިވުމުގެ ހުއްދަދީފައެވެ. އެގޮތުން 15 މީޓަރަށް ވުރެ ކުދި އުޅަނދުފަހަރުގައި، ގިނަވެގެން 4 ބިދޭސީން ހަރަކާތްތެރިވޭކަމަށް ފިޝަރީޒް މިނިސްްޓޯރީގެ އިސްލާހުގައިވާއިރު، 15 މީޓަރާއި 24 މީޓަރާ ދެމެދުގެ އުޅަނދުތަކުގައި، ގިނަވެގެން 6 ބިދޭސީން ހަރަކާތްތެރިވެވޭނެކަމަށް އެއިސްލާހުގައިވެއެވެ. އަދި 24 މީޓަރަށްވުރެ ބޮޑެތި އުޅަނދުފަހަރުގައި، ގިނަވެގެން 8 ބިދޭސީން ހަރަކާތްތެރިވެވޭނެ ކަމަށްވެސް އެއިސްލާހުގައިވެއެވެ.

ގަވާއިދުގައި އޮތްގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވާ ބިދޭސީންނަކީ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ ވޯކްޕާމިޓެއް އޮންނަ ބިދޭސީންނަށް ވާންޖެހެއެވެ. އަދި މަސްދޯނިފަހަރުގައި މަސްވެރިކަމުގައި ހަރަކާތްތެރިވުމަށް ބިދޭސީން ގެންގުޅެވޭނީ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކުރާ ކޯޓާ ހޯދައިގެންނެވެ.

މަސްވެރިކަމުގައި ހަރަކާތްތެރިވާ ބިދޭސީންގެ އަދަދުތައް އިތުރުވަމުން ދިޔުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އަދި ގަވާއިދާ ޚިލާފަށް މަސްދޯނިފަހަރުތަކުގައި ބިދޭސީން ހަރަކާތްތެރިވާ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. މިކަން ހައްލުކުރުމަށް މަސް ދޯނި ފަހަރުގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ ބިދޭސީން އުޅޭ ދޯނި ފަހަރުތަކުގެ ވެރިން އަދި ކެޔޮޅުން 5000 ރުފިޔާއިން ޖޫރިމަނާ ކުރަން ފިޝަރިޒް މިނިސްޓްރީން ވަނީ ނިންމާފައެވެ. އަދި އަދި ކުރިއަށް އޮތްތާނގައި މަސްދޯނިފަހަރުތަކުގެ އިންސްޕެކްޝަންތަކެއް ކުރުމަށް ނިންމާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ފިޝަރީޒް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ގާތްގަނޑަކަށް 750 ދޯންޏަކަށް މަސްވެރިކަންކުރުމަށް ލައިސަންސް ދޫކޮށްފައިވެއެވެ. އަދި މަސްވެރިންގެ ގޮތުގައި 17000 އެއްހާ މަސައްކަތްކުރާ ކަމަށް ފިޝަރީޒް މިނިސްޓްރީން އަންދާޒާކުރެއެވެ.