މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ޑިސެމްބަރުމަހުގެ 3ވަނަ ދުވަހުގެ ނިޔަލަށް، ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، މި ޢަދަދަކީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންނާއި އަޅާ ބަލާއިރު %28.7 އިތުރު ޢަދަދެކެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށްވަނީ 1.1 މިލިއަން ފަތުރުވެރިންނެވެ. ނަމަވެސް މިއީ 2019ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދާއި ބަލާއިރު، 2.5 އިންސައްތަ ދަށް އަދަދެކެވެ.
* ޖެނުއަރީ – 131764 ފަތުރުވެރިން
* ފެބްރުއަރީ – 149008 ފަތުރުވެރިން
* މާރިޗު – 150748 ފަތުރުވެރިން
* އޭޕްރީލް – 145280 ފަތުރުވެރިން
* މެއި – 125522 ފަތުރުވެރިން
* ޖޫން – 110889 ފަތުރުވެރިން
* ޖުލައި – 133561 ފަތުރުވެރިން
* އޮގަސްޓް – 131862 ފަތުރުވެރިން
* ސެޕްޓެމްބަރ – 111986 ފަތުރުވެރިން
* އޮކްޓޯބަރު – 153737 ފަތުރުވެރިން
* ނޮވެމްބަރު – 146886 ފަތުރުވެރިން
* ޑިސެމްބަރުމަހުގެ ފުރަތަމަ 3ވަނަ ދުވަހު- 17055 ފަތުރުވެރިން
ރާއްޖެއަށް އަހަރުގެ މިހާތަނަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، %14.1 ހިއްސާއާއިއެކު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. ދެވަނައަށް އެންމެ ގިނަ އޢަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ %12.2 ހިއްސާއަކީ ރަޝިއާ ފަތުރުވެރިންނެވެ. %10.8 ހިއްސާއާއި އެކު އިނގިރޭސިވިލާތަކީ ރާއްޖެއަށް 3ވަނަ އަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.
ސަރުކާރުން މިއަހަރަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް ވަނީ އަމާޒު ކަނޑައަޅާފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5685 ފަތުރުވެރިން އާދެއެވެ. އަދި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައިވެސް މި އަދަދަށް ފަތުރުވެރިން އަންނަ ކަމުގައިވާނަމަ މިމަހުގެ 22 ހިސާބު ސަރުކާރުން ކަނޑައަޅާފައިވާ ޢަމާޒު ހާސިލުކުރެވޭނެއެވެ.