ޚަބަރު

ސަބްމެރިން ކޭބަލް ސިސްޓަމްގެ ލޭންޑިން ސްޓޭޝަން ހުޅުމާލޭގައި ޤާއިމުކުރަނީ


ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ ލޭންޑިން ސްޓޭޝަން ހުޅުމާލޭގައި ޤާއިމްކުރުމަށް ނިންމައިފިއެވެ.

އެގޮތުން މިކަމަށް ބޭނުންވާ ބިން ހޯދުމާއި ގުޅޭ އެއްބަސްވުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީއާއި އޯޝަން ކަނެކްޓު މޯލްޑިވްސް، އޯސީއެމް އާއި ދެމެދު މިހާރުވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފެވެ. އޯސީއެމްގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ޝިހާބެވެ. މިކަމަށް ބޭނުންވާ ބިން ހަމަޖައްސާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިންނެވެ.


އޯސީއެމްއަކީ ސަރުކާރުގެ %100 ހިއްސާ އޮންނަ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ. ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ބިލިއަނަރު މުކޭޝް އަންބާނީގެ ރިލަޔަންސް ޖިއޯ ކުންފުންޏާއެވެ. މިކަމާއި ގުޅޭ އެއްބަސްވުމުގައި މިއަހަރު ފެބްރުއަރީ މަހުގެތެރޭގައި ވަނީ ސޮއިކޮށްފައެވެ.

ސަރުކާރުން އަޅާ ސަބްމެރިން ކޭބަލްގެ މި މަޝްރޫޢު ވެގެންދާނީ، ރާއްޖޭގެ ޑިޖިޓަލް ބެކްބޯން ވަރުގަދަކުރުމަށްޓަކައި، ހަލުވި ދުވެއްޔެއްގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން ރާއްޖެއަށް ގެނައުމަށް ބާރުއަޅާ މަޝްރޫޢަކަށެވެ. މި ކެބަލް ހުޅުމާލެ ފޭސް 2 ގައި އަޅާނީ 2023 ވަނަ އަހަރު ނިމުމުގެ ކުރިން އަދި އޭރަށް އެ ކޭބަލްގެ ޚިދުމަތް ލިބޭނެ ކަމަށް އޯސީއެމްއިން ލަފާކުރެއެވެ. ސަބްމެރިން ކޭބަލް އެޅުމުގެ ފުރަތަމަ މަރުހަލާއަކީ ސާރވޭއެއް ކުރުމެވެ. މި މަސައްކަތް މިހާރުވަނީ ކުރިއަށްގެންގޮސްފައެވެ.

ސަރުކާރުން މި ކޭބަލް އަޅަނީ ރާއްޖޭގައި އިންޓަނެޓްގެ އަގުހެޔޮކޮށް އަވަސް އިންޓަނެޓްގެ ޙިދުމަތެއް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ. މި ސަބްމެރިން ކޭބަލް މެދުވެރިކޮށް ރާއްޖެއާއި މުންބާއީއާއި، ސިންގަޕޫރާއި މި ސަހަރައްދުގެ އެހެން ސަރަހައްދުތަކާވެސް ގުޅާލެވޭނެއެވެ. އަދި މި ކޭބަލްގެ ސަބަބުން މި މިސަރަހައްދުގެ ވިޔަފާރި ކުރިއަރައިގެންދާނެކަމަށާއި، މިއީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ރާއްޖެއިން ކުރާ މަސައްކަތައް ލިބިގެންދާ ކުރިއެރުމެއްކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.