ޚަބަރު

އަންނަމަހުން ފެށިގެން އުޅަނދުތަކުގެ ފީ ބަލައިގަންނާނީ ކައުންސިލުތަކުން


އަންނަ މަހަގެ 1 ވަނަ ދުވަހުން ފެށިގެން އެއްގަމާއި ކަނޑުއުޅަނދުގެ އަހަރީ ފީ ބަލައިގަންނާނީ ލޯކަލް ކައުންސިލްތަކުންކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވާ ނެރުއްވާފައިވާ މާލިއްޔަތާއިބެހޭ ސާކިއުލާގައި ބުނެފައިވަނީ އެއްގަމާއި ކަނޑުއުޅަނދު އަހަރީ ފީ ބަލައިގަތުން ކައުންސިލްތަކަށް ބަދަލުކުރުމުގެ ގޮތުން، މިއަހަރުގެ ނިޔަލަށް މީރާއިން މި ފީ ބަލައިގަތުން ހުއްޓާލުމަށް ނިންމާފައިކަމަށެވެ. އަދި އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއްގަމާއި ކަނޑުއުޅަނދުގެ އަހަރީ ފީ ބަލައިގަންނާނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑު ސިވިލް އޭވިއޭޝަންއިން ތައްޔާރުކޮށްފައިވާ ސިސްޓަމް މެދުވެރިކޮށް އެ ފީ ނިސްބަތްވާ ކައުންސިލްތަކަށް ކަމަށް ސާކިއުލާގައެވެ.

ނަމަވެސް މި ސިސްޓަމް މެދުވެރުކޮށް މި ފީ ނިސްބަތްވާ ކައުންސިލްގެ އެކައުންޓަށް ޖަމާކުރެވޭނީ 31 ޑިސެމްބަރު 2022ގެ ކުރިން ކައުންސިލްތަކުގެ ބޭންކު އެކައުންޓްތައް ބަނޑޭރި ޕޭ އާ އިންޓަގްރޭޓްކޮށްގެންނެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން އަންގާފައިވާގޮތުގެ މަތިން، މިމަހުގެ ނިޔަލަށް ބަނޑޭރި ޕޭ އާ އިންޓަރގްރޭޓްކޮށްފައިވާ ކައުންސިލްތަކުގެ ބޭންކް އެކައުންޓްތަކަށް އެ ފީ ޖަމާކުރެވޭނެ ކަމަށެވެ. މި މުއްދަތުގެ ނިޔަލަށް އެއްވެސް ކައުންސިލެއްގެ ބޭންކް އެކައުންޓް ބަނޑޭރި ޕޭ އާ އިންޓަގްރޭޓްނުކޮށް ވާނަމަ، އެ ކައުންސިލްއަކަށް ނިސްބަތްވާ ފީ ޖަމާވާނީ ޕަބްލިކް ބޭންކް އެކައުންޓަށެވެ.

ކައުންސިލްތަކުގެ ބޭންކް އެކައުންޓްތައް ބަނޑޭރި ޕޭ އާ އިންޓަގްރޭޓްނުކޮށްވާނަމަ މި ތާރީޙުގެ ކުރިން އެ މަސައްކަތް ނިންމުމަށްވެސް ފިނޭންސްއިން ވަނީ އަންގާފައެވެ.

2022ވަނަ އަހަރުގެތެރޭގައި އެއްގަމާއި ކަނޑުއުޅަނދުގެ އަހަރީ ފީގެ ގޮތުގައި ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާވެފައިވާ އާމްދަނީ، އެ ފީ ނިސްބަތްވާ ކައުންސިލްތަކަށް ޓްރާންސްފަރކުރުމުގެ މަސައްކަތް ކުރަމުންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

އެއްގަމު އުޅަނދުތަކާއި ކަނޑު އުޅަނދުތަކުގެ އަހަރީ ފީއިން ލިބޭ އާމްދަނީ ވެސް ލިބިގެންދާނީ އެ އުޅަނދެއް ދުއްވާ ރަށެއްގެ ކައުންސިލަށް ކަމަށް ކަނޑައަޅާފައިވާއިރު، ކައުންސިލްތައް މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ނަގާ ފީ ގެ ގޮތުގައި ލިބޭ އާމްދަނީ އާއި ކައުންސިލްގެ އިޙްތިސާސް ހިނގާ ބިންބިމުގެ ކުލި، ސީދާ ކައުންސިލްތަކަށް ލިބޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާހުތަކުގެ ދަށުން ކައުންސިލްތަކަށް ދީފައިވާ އިތުރު ބާރުތަކުގެ ތެރޭގައި، މާލީ ގޮތުން ބޮޑެތި ބާރުތަކެއް ދީފައިވެއެވެ. އެގޮތުން ރަށުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ އާމްދަނީގެ %40 ކައުންސިލްތަކަށް ލިބުމާއި، މުނިސިޕަލް ޚިދުމަތްތަކުން ލިބޭ ޢާމްދަނީ އެއްކޮށް ކައުންސިލްތަކަށް ދިނުންވެސް ހިމެނެއެވެ.