ޚަބަރު

ވިކީ އަށް އަނެއްކާވެސް ބަޔޯ ޕިކެއް


ހަނގުރާމައިގެ ވަރުގަދަ ޝަހުސިއްޔަތަކަށް ބިނާކޮށް ބޮޑު ބަޖެޓަކުން ހަދަން ނިންމާފައިވާ ބަޔޯ ޕިކް ފިލްމެއް ވިކީ ކޯޝަލަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ވިކީއަށް މި ފިލްމު ހުށަހެޅީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ވަރޫން ދަވަންގެ "ބޭޅިޔާ" ގެ ޕްރޮޑިއުސަރު އަދި މެޑޮކް ފިލްމްސްގެ ވެރިޔާ ދިނޭޝް ވިޖަން ކަމަށެވެ. އަދި މި ފިލްމުގެ ޑައިރެކްޓަރަކީ 2019 ވަނަ އަހަރު ދެއްކި ފިލްމު "ލުކާ ޗުއްޕީ" އާއި ކްރިތީ ސެނޮން ލީޑް ރޯލުން ފެނުނު މިދިޔަ އަހަރުގެ "މިމީ" ގެނެސްދިން ލަކްޝްމަން އުޓޭކަރްއެވެ.

ލަކްޝްމަންގެ އެހެން ފިލްމެއްގެ މަސައްކަތް ވިކީ އާއި ސާރާ އަލީ ޚާން މި އަހަރުގެ ކުރީކޮޅު ވަނީ ނިންމާފައެވެ. ނަމަވެސް އަދި އެ ފިލްމުގެ ނަމާއި ރިލީޒްކުރާނެ ތާރީޚެއް އިއުލާނެއް ނުކުރެއެވެ.

ވިކީ އަށް ހުށަހެޅި ވޮރިއާގެ ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް އަދިވެސް ކުރިއަށްދާތީ ފިލްމު ރަސްމީކޮށް އިއުލާންކުރަން އަދި ދުވަސްކޮޅެއް ނަގާނެއެވެ. ނަމަވެސް ފިލްމުގެ ޓީމްގެ އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި އޭގެ ޝޫޓިން ފެށުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ 34 އަހަރުގެ އެކްޓަރު ވިކީގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 16 ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓަރ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ "ގޯވިންދާ ނާމް މޭރާ" އެވެ. ވިކީގެ ކުރިއަށް ހުރި އިތުރު ޕްރޮޖެކްޓްތަކުގެ ތެރޭގައި "ދަ ގްރޭޓް އިންޑިއަން ފެމިލީ" އާއި "ދި އިމޯޓަލް އޮފް އަޝްވަތައްތާ" އަދި "ސޭމް ބަހާދޫރް" ހިމެނެއެވެ.