ޚަބަރު

ގައްދޫ އައިސް ޕްލާންޓުގެ ކެޕޭސިޓީ 2 ގުނަ ބޮޑުކުރަނީ


ގދ. ގައްދޫގައި ހުންނަ މިފްކޯގެ އައިސް ޕްލާންޓްގެ ކެޕޭސިޓީ 2 ގުނަ ބޮޑުކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިސްމާއިލް ފައުޒީ އަދި ގައްދޫ ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދެވެ.

މިފްކޯއިން ވިދާޅުވީ ގދ.ގައްދޫގައި ޤާއިމްކޮށް ހިންގުމުން ގެންދާ 25 ޓަނުގެ އައިސްޕްލާންޓުގެ ބަދަލުގައި މުޅިން އައު 50 ޓަނުގެ އައިސް ޕްލާންޓެއް ބެހެއްޓުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ވިދާޅުވީ، ކައުންސިލާއެކު ސޮއިކޮށްފައިވަނީ އައިސްޕްލާންޓު ބޮޑުކުރުމަށް ބޭނުންވާ ބިން ހަމަޖެއްސުމާއި ގުޅޭ އެއްބަސްވުމެއްގައި ކަމަށެވެ. އަދި ގައްދޫ އައިސްޕްލާންޓު ކެޕޭސިޓީ ބޮޑުކުރުމުގެ މަސައްކަތުގެ ދަށުން ކެޕޭސިޓީ ދެގުނައަށް އިތުރު ވުމާއެކު 100 ޓަނުގެ އައިސް ކޯލްޑް ސްޓޯރޭޖެއް ވެސް ގާއިމް ކުރެވިގެން ދާނެކަމަށް އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ މިފްކޯގެ އަމާޒަކީ ކުރިއަށް އޮތް 3 މަސްދުވަސްތެރޭ މަސައްކަތް ނިންމާ ގައްދޫ އައިސްޕްލާންޓުން މަސްވެރިންނަށް ޙިދުމަތްދޭނެ ފެށުން ކަމަށެވެ.

ސަރުކާރުން ދަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ދެކުނަށް ހާއްސަކޮށްގެން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދިޔުމަށް ވަނީ ރާވާފައެވެ. މީގެތެރޭގައި ގދ.ތިނަދޫ އަދި މ.މުލަކުގައި ފިޝަރީޒް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމާއި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް ތަރައްޤީކުރުން ހިމެނެއެވެ.

ގދ. ތިނަދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ 1000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. މ. މުލަކުގައި ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. އަދި ފެލިވަރު، ކޫއްޑޫ، ކަނޑުއޮތްގިރި ފެސިލިޓީ އަޕްގްރޭޑްކޮށް އަދި ތިނަދޫ އާއި މުލަކުގައި އައު ސްޓޯރޭޖް ފެސިލިޓީ ޤާއިމްކޮށް ނިމުމުން، މިފްކޯއަށް މަސްގަނެވޭ މިންވަރު ދުވާލަކަށް %61 އިތުރުކުރެވޭކަމަށް ސަރުކާރުން އަންދާޒާކުރައްވައެވެ.