ޚަބަރު

ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު، ރާއްޖޭގައި ކާބޯތަކެތީގެ އަގު ހިފެހެއްޓިފައި


ތަކެތީގެ އަގު ބޮޑުވަމުންދާ ވާހަކައަކީ މިދުވަސްވަރު ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ. ޚާއްސަކޮށް ޖިއެސްޓީ ނުވަތަ މުދަލާއި ޚިދުމަތުން ނެގޭ ޓެކްސް ބޮޑުކޮށްފައިވާ މިދަނޑިވަޅުގައި ތަކެތީގެ އަގު ބޮޑުވަމުންދާ ވާހަކަ މީސްމީޑިއާގައި ދެކެވޭ ވަރު ވަނީ ގިނަވެފައެވެ. ދުނިޔޭގެ ގިނަ ޤައުމުތަކަކީ ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ތަކެތީގެ ޑިމާންޑް އިތުރުވެ، އަގުތައްވަނީ އުފުލިފައެވެ. އަދި ރަޝިޔާ ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުމުވަކީވެސް ތަކެތީގެ އަގު ބޮޑުވާން ދިމާވެފައިވާ ސަބަބެކެވެ. ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމެއްކަމަށްވުމާއެކު، ބައިނަލްއަޤްވާމީ ސަޕްލައި ޗެއިނަށާއި ތަކެތީގެ ޑިމާންޑަށް އަންނަ ބަދަލާއިއެކު، ރާއްޖޭގެ ތަކެތީގެ އަގުތަކުން މިބަދަލުތައް ދަނީ ފެންނަމުންނެވެ.

ރާއްޖޭގައި އަގުއުފެލެމުންދާ ތަކެއްޗަށް ބަލާލާއިރު، އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ކާބޯތަކެތިންނާއި ތެލުންނެވެ. މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުންދައްކާ ގޮތުގައި މިއަހަރުގެ މެއި މަހުން ފެށިގެން އޮގަސްޓް މަހު ރާއްޖޭގައި ޕެޓްރޯލްގެ އަގު ވަނީ %56.8 އަށް އުފުލިފައެވެ. މިީގެކުރިން، އެސްޓީއޯއިން ޕެޓްރޯލް ލިޓަރެއް ވިއްކީ 8.85 ރުފިޔާއަށެވެ. އެހެންނަމަވެސް މިއަހަރުގެ މެއި މަހު، އެސްޓީއޯއިން ޕެޓްރޯލް ލިޓަރެއް ވިއްކާ އަގު ވަނީ 16.55 ރުފިޔާއަށް އުފުލިފައެވެ.

ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގު ބޮޑުވާވަރަށް އަދިވެސް ރާއްޖޭގައި ތެލުގެ ބޮޑުނުވާކަމަށް މަރުކަޒީ ބޭންކުން ވިދާޅުވެއެވެ. ސަބަބަކީ ބައިނަލްއަޤްވާމީ ގޮތުން ތެލަށް އަންނަ ބަދަލު ފޫބެއްދުމަށް ސަރުކާރުން ސަބްސިޑީ ދިނުމާއި ގުޅިގެންނެވެ. މިއަހަރުގެ ބަޖެޓުގައި 340 މިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް އޮތް އިރު އެއަދަދު އިތުރުވެ، 1.6 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

ރާއްޖޭގައި ދެން އެންމެ ބޮޑަށް އަގުބޮޑުވެފައި ވަނީ ތަރުކާރީއާއި މޭވާއިންނެވެ. އެގޮތުން މިދިޔަ މަހުގެ ފަހުކޮޅު ތަރުކާރީއާއި މޭވާގެ ބާވަތްތަކުގެ ތެރެއިން، އާފަލާއި އޮރެންޖުގެ އަގު ރެކޯޑް އަދަދަކަށް ވަނީ ބޮޑުވެފައެވެ. މީގެކުރިން އޮރެންޖާއި އާފަލު 4 ރުފިޔާއަށް ނުވަތަ 5 ރުފިޔާއަށް ލިބެއެވެ. ނަމަވެސް މިދިޔަ ހަފަތާތެރޭ އެބާވާތްތަކުގެ އަގުވަނީ 10 ރުފިޔާއާއި 11 ރުފިޔާއަށް އުފުލިފައެވެ.

ރާއްޖެއަށް މޭވާއާއި ތަރުކާރީ އެތެރެކޮށްގެން ވިއްކާ ވިޔަފާރިން ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެމުން ބުނީ އާފަލާއި އޮރެންޖުގެ އަގު ކުއްލިއަކަށް ބޮޑުވެފައިވަނީ އެބާވަތްތައް އެތެރެކުރުމުގައި ދަތަތަކާއި ކުރިމަތިލާންޖެހުމާއި ގުޅިގެންނެވެ. "އާންމުކޮށް ގެންނަނީ ސައުތު އެފްރިކާއިން. ދެން މިދޭތެރެއިން އޮރެންޖާއި އާފަލުގެ ޝިޕްމެންޓްތައް ނާދޭ. އެހެންވެ އޮރެންޖާއި އާފަލުގެ އަގު ބޮޑުވީ" ރާއްޖެއަށް މޭވާއާއި ތަރުކާރީ އެތެރެކުރާ ވިޔަފާރިވެރިއެއް ބުންޏެވެ.

ވިޔަފާރިވެރިން ބުނީ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މާލޭ ބާޒާރުގެ ފިހާރަތަކުން އޮރެންޖާއި އާފަލު ހަތަރު ރުފިޔާއަށް ނުވަތަ ފަސް ރުފިޔާއަށް ލިބެން ހުންނާނެކަމަށެވެ.

މިއަހަރުގެ މެއި މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް %5.9އަށް ކާބޯތަކެތީގެ އަގު އުފުލިފައިވާކަމަށް އެމްއެމްއޭގް ރިޕޯޓުގައިވެއެވެ. އެމްއެމްއޭގެ ރިޕޯޓުގައިވާގޮތުން މިމުއްދަތުގައި، މަހުގެ ބާވަތްތަކުގެވެސް އަގު ވަނީ އުފުލިފައެވެ. އެގޮތުން މިބާވަތްތަކުގެ އަގުތައްވަނީ ޖުމްލަ %9.8އަށް މައްޗަށްގޮސްފައިކަމަށް އެރިޕޯޓުގައިވެއެވެ. އަދި މިބާވަތްތަކުގެ އަގު މިއަހަރު ނިމުމުގެ ކުރިން އަދިވެސް ބޮޑުވާނެކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

ތަކެތީގެ އަގު ބޮޑުވިނަމަވެސް، ރާއްޖޭގެ ޖުމްލަ އިންފްލޭޝަން ދަށަށް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ މިއަހަރުގެ 3 ވަނަ ކުއާޓަރުގެ ރިޕޯޓުގައިވާގޮތުން، މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ރާއްޖޭގެ އިންފެލޭޝަން ވަނީ މިއަހަރުގެ ދެވަނަ ކުއާޓަރާއި އަޅާބަލާއިރު ދަށަށްގޮސްފައެވެ. އެމްއޭމްއޭގް ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ %2.7 ގައެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި އިންފްލޭޝަން ރޭޓް ހުރީ %2.9ގައެވެ.

އެމްއެމްއޭގެ ރިޕޯޓުގައިވާގޮތުން، މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ރާއްޖޭގެ ޖުމްލަ އިންފްލޭޝަން ދަށަށްގޮސްފައިވުމުގެ މައިގަނޑު ސަބަބަކީ 2021 ވަނަ އަހަރުގެ ފަހުކޮޅު މުވާސަލާތީ ޙިދުމަތުގެ އަގުތައް ހެޔޮކޮށްފައިވާތީ އަންނަ "ބޭސްއިފެކްޓް"ގެ ސަބަބުންނާއި އަދި މާލޭ ސަރަހައްދުގެ ހައުސިންގ ސްޓޮކް އިތުރުވެފައިވާތީ ކުލީގެ އަގުއިތުރުވާ މިންވަރު ހިފެހެއްޓިފައިވާތީއެވެ. އެގޮތުން، އަހަރުގެ 3 ވަނަ ކުއާޓަރުގައި މުވާސަލާތީ ޙިދުމަތުގެ އަގުތައް ވަނީ %11.3އަށް ދަށަށްގޮސްފައިކަމަށް އެ ރިޕޯޓުގައިވެއެވެ.

އިޤްތިޞާދެއްގައި އިންފްލޭޝަން ރޭޓްގެ ވައްޓަފާޅިއަކީ އަބަދު އެއްހަމައެއްގައި އޮންކަމަކަށް ނުވާއިރު މި އަހަރު ނިމޭއިރު އިންފްލޭޝަން ރޭޓު އުފުލޭނެކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ލަފާކުރެއެވެ. އެގޮތުން އަހަރު ނިމޭއިރު، އަހަރުގެ އިންފްލޭޝަން ރޭޓު ހުންނާނެ ކަމަށް އަންދާޒާ ކުރެވެނީ 3 އިންސައްތައިގައިކަމަށް އެމްއެމްއޭގެ ރިޕޯޓުގައިވެއެވެ.

މި އަހަރުގެ ކުރިއަށް ހުރި މަސްތަކުގައިވެސް ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގު އުފުލިފައި ހުންނާނެކަމަށް ލަފާކުރެވޭކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. އެހެންކަމުން ދިވެހިރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ގައުމުތަކަށް މިކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާނެއެވެ. އަދި އެކަންކަމުން ރައްުޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށް، ރައްޔިތުންނަށް ސަބްސިޑީގެ އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް މިހާރު ނަގަމުންދާ ޓެކްސްތައް ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.