ޚަބަރު

މިނިމުނު 11 މަސްދުވަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަަރަށްވުރެ %28.6 އިތުރު


އަހަރުގެ 11 މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަަހަރުގެ މިމުއްދަތާއި އަޅާބަލާއިރު، %28.6 އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ދައުލަތުގެ ޚަރަދުތަކާއި އާމްދަނީގެ ތަފްސީލް ހިއްސާކޮށް ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ މާލީ ތަފާސް ހިސާބުގައެވެ.

ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައިވާގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް، ދައުލަތަށް 24.7 ބިލިއަން ރުފިޔާގެ އާމްދަނީއެއްވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު 19.2 ބިލިއަން ރުފިޔާ އާއި އަޅާބަލާއިރު، %28.6 އިތުރު ޢަދަދެކެވެ.

ދަޢުލަތަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޓެކްސް އިން ލިބޭ ޢާމްދަނީއެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަހަރުގެ 11 މަސްދުވަހު ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަަތަށް ވަނީ ޖުމްލަ 17.9 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު 13.2 ބިލިއަނާއި އަޅާބަލާއިރު %35.6 އިތުރު އަދަދެކެވެ.

ޓެކްސް އިން ލިބޭ އާމްދަނީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑް ޕްރޮޕަރޓީ ޓެކްސް، ބީޕީޓީ އާއި، ޖީއެސްޓީގެ އިތުރުން ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.
ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޖީއެސްޓީ ނުވަތަ މުދަލާއި ޚިދުމަތުން ނެގޭ ޓެކްސްގެގޮތުގައި ދައުލަތަށް ވަނީ 8.8 ބިލިއަން ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި މުދަލާ ޚިދުމަތުން ނެގޭ ޓެކްސްއިން ދައުލަތަށް 6.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު މުދަލާ ޚިދުމަތުން ނެގޭ ޓެކްސްއިން ދައުލަތަށް ލިބުނު އާމްދަނީ %29.4 އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނެގޭ ޓެކްސް ޓީޖީއެސްޓީ އިން ދައުލަތަށް ވަނީ 5.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނެގޭ ޓެކްސްއިން ދައުލަތަށް ލިބިފައިވަނީ 4.5 ބިލިއަން ރުފިޔާއެވެ. މީގެއިތުރުން، އަހަރުގެ މިހާތަނަށް އިންޕޯޓް ޑިއުޓީން ދައުލަތަށް 3.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ބީޕީޓީގެ ގޮތުގައި ދައުލަތަށް ވަނީ 4.1 ބިލިއަން ރުފިޔާ ލިބިފައެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ ތެރޭގައި ދެން ހިމެނެނީ ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީއެވެ. އަހަރުގެ 11 މަސްތެރޭގައި، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް ޖުމްލަ 6.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މިމުއްދަތުގައި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 5 ބިލިއަން ރުފިޔާއެވެ. ޓެކްސް ނޫން އާމްދަނީގެ ތެރޭގައި ހިމެނެނީ އެއަރޕޯޓު ޑިވެލޮޕްމަންޓު ފީ އާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބޭ ޑިވިޑެންޓާއި، ޕްރޮޕަރޓީ އިންކަމް ފަދަ އާމްދަނީތަކެވެ. އެގޮތުން، އެއަރޕޯޓު ޑިވެލޮޕްމަންޓު ފީގެ ގޮތުގައި 768.2 މިލިއަން ރުފިޔާ، ކުންފުނިތަކުން ލިބޭ ޑިވިޑެންޓްގެ ގޮތުގައި 597.8 މިލިއަން ރުފިޔާ އަދި ޕްރޮޕަރޓީ އިންކަމް ޓެކްސްގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ.

ދައުލަތަށް ލިބޭ ޢާމްދަނީ އިތުރުވެފައިވާއިރު، ސަރުކާރުން ހިންގާ މަޝްރޫޢުތައް އިތުރުވެ، ދައުލަތުން ކޮށްފައިވާ ޚަރަދުވެސް ވަނީ މިދިޔަ އަހަރަށްވުރެ އިތުރުވެފައެވެ. މިއަހަރުގެ ނިމުނު 11 މަސް ދުވަހު ދަޢުލަތުގެ ބަޖެޓުން 33.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރުގެ މިމުއްދަތުގައި ދަޢުލަތުން ހޭދަކޮށްފައިވަނީ 29.4 ބިލިއަން ރުފިޔާއެވެ.

ދައުލަތުން ކުރާ ޚަރަދުތަކުގެ ތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ ރިކަރަންޓު ޚަރަދުތަކާއި ކެޕިޓަލް ޚަރަދުތަކެވެ. ރިކަރެންޓް ޚަރަދުތަކުގެ ތެރޭގައި ހިމެނެނީ މުވައްޒަފުންގެ މުސާރައާއި އިދާރީ ހިންގުމުގެ ބައިން ކުރާ ޚަރަދުތަކެވެ. ކެޕިޓަލް ޚަރަދުތަކުގެ ތެރޭގައި ހިމެނެނީ ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ހޭދަކުރާ ޚަރަދުތަކެވެ. މިއަހަރުގެ މިމުއްދަތުގައި ދައުލަތުން ވަނީ މަޝްރޫޢުތަކަށް ޖުމްލަ 6.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.