ޚަބަރު

މުދަލު ޒަކާތުގެ ގޮތުގައި 81.6 މިލިއަން ރުފިޔާ، މިއީ %2.8 އިތުރު ޢަދަދެއް


މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 81.6 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މި ޢަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް މުދަލުގެ ޒަކާތުގެ ގޮތުގައި ލިބުނު 79.3 މިލިއަން ރުފިޔާއާއި، އަޅާ ބަލާއިރު %2.8 އިތުރު ޢަދަދެކެވެ. މުދަލުގެ ޒަކާތުގެގޮތުގައި އަހަރުގެ މިހާތަަނަށް ލިބުނު ޢަދަދު އިތުރުވެފައިވީ ނަމަވެސް، ފާއިތުވީ 4 މަސްދުވަހުވެސް މުދަލު ޒަކާތުގެގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ މިދިޔަ އަހަރާއި އަޅާ ބަލާއިރު ދަށަށް ގޮސްފައެވެ.

އެގޮތުން މިއަހަރުގެ ނޮވެމްބަރުމަހު މުދަލު ޒަކާތުގެގޮތުގައި 4.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި ޢަދަދަކީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު މުދަލު ޒަކާތުގެގޮތުގައި ލިބުނު 9.4 މިލިއަން ރުފިޔާ އާއި އަޅާބަލާއިރު %48 ދަށް ޢަދަދެކެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މުދަލު ޒަކާތް ދައްކާ މިންވަރު މަހުން މަހަށް ދަށްވަނީ، އެއީ އާއްމުކޮށް ވިޔަފާރިއަށް އަހަރު ހަމަވުމުން ދައްކާ ފައިސާއެއް ކަމުގައިވާތީއެވެ. އަދި އެކި ވިޔަފާރިތަކަށް އަހަރު ހަމަވާނީ އަހަރުގެ އެކި މުއްދަތުތަކުގައި ކަމަށްވުމުން މި ޢަދަދަށް ބަދަލުތައް އަންނަކަން އެމިނިސްޓްރީން ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިއަހަރު ސެޕްޓެމްބަރުމަހު މުދަލު ޒަކާތު ވާޖިބުވާ ނިޞާބަށް ބަދަލު ގެނެސްފައެވެ. އެގޮތުން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 5777.45ރ ކަމަށް ކަނޑައަޅާފައިވާއިރު، މީގެ ކުރީން މިދިޔަ އަހަރު ޖޫންމަހު ކަނޑައަޅާފައިވާ ނިޞާބުގެ އަދަދަކީ 6396.25ރ. އެވެ.

ރާއްޖޭގައި މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބު ބަލަނީ ރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ދަނީ ބަދަލު ގެންނަމުންދެއެވެ. ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ %2.5 މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

މުދަލު ޒަކާތް މީގެކުރިން އިސްލާމިކް މިނިސްޓްރީއަށް ދައްކަމުންއައި ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މޯލްޑިވްސް އިންލަންޑް ރެވެިއުނު އޮތޯރިޓީ، މީރާއަށެވެ. އެގޮތުން މީރާއަށް އޮންލައިކޮށް ވެސް މުދަލު ޒަކާތް ދެއްކޭނެއެވެ. އަދި އެމީހަކު މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރުވެސް މީރާ ވެބްސައިޓު މެދުވެރިކޮށް ބެލޭނެއެވެ.