ޚަބަރު

ޕީކް ސީޒަން ފެށި ފަތުރުވެރިންގެ މިސްރާބު ރާއްޖެއަށް، ބައެއް ރިސޯޓްތައް ފުރިފައި


ވޯލްޑު ކަޕް ނިމުމާއި އެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާކޮށްފިއެވެ.

ކޮންމެ އަހަރެއްގެވެސް ފަހުކޮޅު އަދި އައު އަހަރާއި ދިމާކޮށް ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އާދެއެވެ. އެގޮތުން މިއަހަރުވެސް ރާއްޖެއަަށް ގިނަ ޢަދަދެއްގެ ފަތުރުވެރިން ދަނީ އަންނަމުންނެވެ. އެހެންނަމަވެސް މިދުވަސްވަރު ވާރލްޑު ކަޕް ކުރިއަށް ދާތީ ގިނަ ޢަދަދެއްގެ ބަޔަކުވަނީ ޤަތަރަށް ދަތުރުކޮށްފައެވެ. އަދި ވާރލްޑު ކަޕް ބެލުމަށްވެސް ގިނަ ބަޔަކު ވަގުތު ދޭތީ ދުނިޔޭގެ އެކި ސަރަހައްދުތަކަށް ޗުއްޓީއަށް ދަތުރުކުރާ މީހުންގެ ޢަދަދުތައް ވަނީ ދަށްވެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ރިޔާޢަތްކުރައްވާ ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މަޢުސޫމް ވިދާޅުވީ، ރާއްޖޭގެ މަތީ ފަންތީގެ ގިނަ ރިސޯޓުތައް މިހާރުވެސް ފުރިފައިވާކަމަށެވެ. އަދި ފަތުރުވެރިކަމުގެ އެހެން ފެސިލިޓީތަކަށްވެސް އަންނަ ފަތުރުވެރިންގެ ޢަދަދުތަކަށްވެސް ކުރިއެރުން ލިބެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ވޯލްޑުކަޕް ނިމުމާއި އެކު އާދަޔާ ޚިލާފަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވެނީ، އައިއްސިއްޔާ އަހަރު ނިންމާލާނީ ވަރަށް ރަނގަޅު ނަންބަރުތަކަކުން،" ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

1.6 މިލިއަން ހާސިލުކުރުމުގެ ޢަމާޒަށް

މިނިސްޓަރ ފާހަގަކުރެއްވިގޮތުގައި މި އަހަރަށް ކަނޑައަޅާފައިވާ ޢަމާޒަށް އަންނަ ހަފްތާތެރޭ ވާސިލުވާނެއެވެ. އަދި މި ޢަމާޒު ހާސިލްކުރުމަށް ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުންވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސަރުކާރުން މިއަހަރަށް އަމާޒުހިފާފައިވަނީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 1.5 މިލިއަން ފަތުރުވެރިން އައިސްފައެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދުތަކާއި ގުޅޭގޮތުން، ރާއްޖޭގެ ޓުއަރ އޮޕަރޭޓަރުން ބުނީ ވާރލްޑު ކަޕް ނިމޭ ހިސާބުން ރާއްޖެއަށް ގިނަ ޢަދަދަކަށް ފަތުރުވެރިން އައުމަށް ބުކިން ހަދާފައިވާކަމަށެވެ. މިހާރުވެސް ރާއްޖެއަށް ދުވަހުން ދުވަހަށް އަންނަ ފަތުރުވެރިންގެ ޢަދަދުތައް އިތުރުވަމުންދާކަމަށާއި، ރިސޯޓުތަކުގެ އޮކިއުޕެންސީ މިވަގުތު ހުރީ %70 - %80 އިންސައްތައާއި ދެމެދުގައި ކަމަށްވެސް ޓުއަރ އޮޕަރޭޓަރުން ބުންޏެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ގެނައުމުގައި ހަރަކާތްތެރިވާ ކެޕިޓަލް ޓްރެވަލްގެ ސީއީއޯ ޔޫސުފް ރިފްޢަތު ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިން އަންނަ ޢަދަދުތަކާއި ރާއްޖެއަށް ފަތުރުވެރިން އައުމަށް ބުކިން ހަދާފައިވާ ޢަދަދުތަކަށް ބަލާއިރު، މިއަހަރު ނިމޭއިރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން އަންނާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

"މިހާރު އެވްރެޖް އެރައިވަލް އަކީ 4500 - 5000 ފަތުރުވެރިންވަރު، އެހެންނަމަވެސް އަޅުގަނޑުމެން އަންދާޒާ އެބަކުރަން 6000 – 6500 މީހުން ނުވަތަ 7000 މީހުން ޑެއިލީ އަންނާނެ ކަަމަށް،" ރިފްޢަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަންނަ މަހުގެ މެދެއްހާ ހިސާބު ޗައިނާވެސް ހުޅުވިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެޤައުމަކީ ފަތުރުވެރިކަމުގެ ބޮޑު މާކެޓެއްކަން ފާހަގަކުރައްވާ ރިފްޢަތު ވިދާޅުވީ، ޗައިނާ ހުޅުވާލުމުން އޭގެ ފައިދާ ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެކަމަށެވެ.

ދުނިޔޭގެ ސަމާލުކަން ރާއްޖެއަށް

ވާރލްޑު ކަޕަށްފަހު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވާނެކަމަށް ލަފާކޮށްފައިވާއިރު، އެ މުބާރާތުން ކަޓައިގެން ދިޔަ ބައެއް ޓީމުތަކުގެ ތަރިން ދަނީ މިހާރުވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. މިއާއެކުވެސް ރާއްޖެއަށް ލިބިފައިވާ ސަމާލުކަންވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދުތައް އިތުރުކޮށް، ރާއްޖޭގެ މަޤްބޫލުކަން ދެމެހެއްޓުމަށް ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖެއިން ވަނީ މިއަހަރު ޖެހިޖެހިގެން 3ވަނަ ފަހަރަށް ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަން އެވޯޑު ހާސިލްކޮށްފައެވެ. މި އެވޯޑާއެކު، ދައްކައިދެނީ ދުނިޔޭގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއަށް އޮތް މަޤްބޫލްކަން އިތުރުވަމުންދާކަމެވެ.