ޚަބަރު

"މިޝަން މަޖްނޫ" ގައި ރަޝްމިކާ އަކީ ލޯފަން މީހެއް


"އުރީ: ދަ ސާޖިކަލް ސްޓްރައިކް" އާއި "ފެޝަން" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، ޝަންތަނޫ ބަގްޗީ ޑައިރެކްޓްކޮށްފައިވާ ފިލްމު "މިޝަން މަޖުނޫ" ނެޓްފްލިކްސް އިން ޕްރިމިއަރ ކުރާ ގޮތަށް ނިންމާފައިވާކަން އިޢުލާނުކުރީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

"ޝޭރުޝާހު" ގެ އެކްޓަރު ސިދާތް މަލޯތްރާއާއި ދެކުނު ފިލްމު "ޕުޝްމާ" ގެ ތަރި ރަޝްމިކާ މަންދަން ލީޑް ރޯލުން ފެންނަ މި ފިލްމުގެ އެންމެ ފަހުގެ އަޕްޑޭޓަށް ބަލާއިރު މީގައި ރަޝްމިކާ ފެންނާނީ ލޯފަން މީހެއްގެ ރޯލުން ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ވަނީ ބުނެފައެވެ.

މި ރޯލަށް ތައްޔާރު ވުމަށް ރަޝްމިކާ ވަނީ ވަރަށް ރިސަރޗް ހަދާފައި ކަމަށްވެސް މީޑިއާތަކުން ބުނެއެވެ. މި ފިލްމުގައި ސިދާތް އާއި ރަޝްމިކާއަކީ ދެ ލޯބިވެރިންނެވެ. މި ފިލްމުގެ ޓީޒާއެއްވެސް މިހާރު ވަނީ ދައްކާލާފައެވެ.

ސިދާތް އެންމެ ފަހުން ފެނުނީ މިދިޔަ އޮކްޓޫބަރު މަހު ރިލީޒްކުރި "ތޭންކް ގޯޑް" އިންނެވެ.

މިދިޔަ އަހަރު ގެނެސްދިން ސިދާތްގެ ޕީރިއޯޑިކް ވޯ ފިލްމު "ޝޭރްޝާހް" އަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. "މިޝަން މަޖްނޫ" އަކީވެސް ހަމަ އެކަހަލަ ފިލްމެކެވެ. އެހެންވެ ސިދާތްގެ ފަރާތުން މި ފިލްމަށްވެސް ކުރާ އުންމީދު ބޮޑެވެ. މި ފިލްމު ނެޓްފިލްކްސް އިން ޕްރިމިއަރ ކުރާނީ އަންނަމަހުގެ 20 ވަނަ ދުވަހުއެވެ.

ބަތަލާ ރަޝްމިކާ މަންދަނާ އެވެ. އޭނަގެ ފުރަތަމަ ހިންދީ ފިލްމަކީ އޮކްޓޯބަރުގައި ރިލީޒްކުރި "ގުޑް ބާއި" އެވެ.