މި ޑިސެމްބަރ މަހުގެ މިހާތަނަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 5000 އިން މައްޗަށް އަރާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިއަހަރުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިހާ މަތިވި ފުރަތަމަ ފަހަރެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓް ރިޕޯޓްގައިވާގޮތުން މިމަހުގެ 1 އިން 14 ވަނަ ދުވަހުގެ ނިޔަލަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އައިސްފައިވަނީ 5346 ފަތުރުވެރިންނެވެ. މި އަދަދާއި އެންމެ ގާތްކުރާ އަދަދަކަށް މިއަހަރުގެ ތެރޭގައި ފަތުރުވެރިން އައިސްފައިވަނީ ފެބްރުއަރީ މަހުއެވެ. އެމަހުވެސް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އައިސްފައިވަނީ 5322 ފަތުރުވެރިންނެވެ.
◦ ޖަނަވަރީ - 4250 ފަތުރުވެރިން
◦ ފެބްރުއަރީ - 5322 ފަތުރުވެރިން
◦ މާރޗް - 4863 ފަތުރުވެރިން
◦ އޭޕްރީލް - 4843 ފަތުރުވެރިން
◦ މެއި - 4049 ފަތުރުވެރިން
◦ ޖޫން - 3696 ފަތުރުވެރިން
◦ ޖުލައި - 4308 ފަތުރުވެރިން
◦ އޮގަސްޓް - 4254 ފަތުރުވެރިން
◦ ސެޕްޓެމްބަރ – 3733 ފަތުރުވެރިން
◦ އޮކްޓޯބަރ – 4959 ފަތުރުވެރިން
◦ ނޮވެމްބަރ – 4896 ފަތުރުވެރިން
◦ ޑިސެމްބަރ 14 ގެ ނިޔަލަށް - 5346 ފަތުރުވެރިން
ޑިސެމްބަރ މަހުގެ މިހާތަނަށް ރާއްޖެއަށް 74،840 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2019 ވަަނަ އަހަރާއި އަޅާބަލާއިރު %10.3 ކުރިއެރުމެކެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 67،833 ފަތުރުވެރިންނެވެ. އަދި މިއީ 2021 ވަނަ އަހަރާއި އަޅާބަލާއިރު %6.8 ކުރިއެރުމެއްކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1،566،083 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ 2021 ވަނަ އަހަރާއި އަޅާބަލާއިރު %27.6 ކުރިއެރުމެކެވެ. މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އަމާޒުހިފާފައެވެ. އަދި މިމަހުގެ ފަހުކޮޅު މި އަދަދު ހާސިލްވާނެކަމަށް މިނިސްޓްރީން ބުނެއެވެ.
◦ އިންޑިއާ - 224،640 ފަތުރުވެރިން
◦ ރަޝިއާ - 189،586 ފަތުރުވެރިން
◦ އިނގިރޭސިވިލާތް - 168،123 ފަތުރުވެރިން
◦ ޖަރުމަނުވިލާތް - 126،866 ފަތުރުވެރިން
◦ އިޓަލީ - 87،218 ފަތުރުވެރިން
ރާއްޖެއަށް މިހާރު ބައިނަލްއަޤްވާމީ 33 އެއަރލައިންއަކުން އަންނަނީ ދަތުރުކުރަމުންނެވެ. އަދި މިމަހުގެ ފަހުކޮޅާއި އަންނަ މަހުގެ ކުރީކޮޅުވެސް ގިނަ އެއަރލައިންތަކަކުން ދަތުރު ފެށުމަށް ޝެޑިއުލްކޮށްފައިވާކަމަށް އެމްއޭސީއެލްއިން ބުނެއެވެ.