ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ، ޙައްލު ހޯދުމަށް ޚާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.
ކަންނެލީގެ މަސްވެރިންނަށް ހުރި ދަތިތައް ދެނެގަތުމަށްޓަކައި، ކަމާއި ގުޅުންހުރި ފަރާތްތައް ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާޢީލާއި، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަނާއި ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަންގެ ފަރާތުންނާއި، މަސް ގަންނަ ކުންފުނިތަކުގެ ފަރާތުން ބައިވެރިވެފައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ، ކަންނެލީގެ މަސްވެރިކަން ރާއްޖޭގައި ކުރިއެރުވުމަށް މި ދާއިރާގައި ހުރި ދަތިތަކަށް ހައްލު ހޯދުމާއި ގުޅޭގޮތުންނެވެ. އެގޮތުން މަސް ގަންނަ ކެޕޭސިޓީ އިތުރުކުރުމާއި، ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް އިތުރު މާރކެޓުތައް ހޯދުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެެވެ.
Today, @MoEDmv @faya_i and @MoFMRAmv @drhussainhassan held a stakeholder meeting with yellowfin tuna fishermen #BKMU @FishermensUnion and Maldivian tuna exporters @MspeaMv to discuss the challenges faced by the industry and potential solutions. pic.twitter.com/0OI0n8zu1Z
— Economy & Trade (@MoEDmv) December 16, 2022
މި ބައްދަލުވުމުގައި މި މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް މިކަމަށް ޚާއްސަ ވޯކިންގ ގުރޫޕެއް އުފެއްދުމަށް ވަނީ ނިންމައިފައެވެ. އިކޮނޮމިކް މިނިސްޓްރީން ހާމަކުރާގޮތުގައި ވޯކިންގ ގުރޫޕެއް އުފެދިގެން ދިޔުމުން މަޝްވަރާ ބައްދަލުވުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މިދާއިރާގައި ހުރި ދަތިތައް ދެނެގަތުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސީދާ މަސްވެރިންނާއެކު ބައްދަލުވުންތައް ބާއްވާ ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ހައްލުހޯދުމަށް ގުޅިގެން މަސައްކަތްތައް ދަނީ ކުރަމުންނެވެ.
އެގޮތުން ދާދިފަހުން ވަނީ ހުޅުމާލޭ މަސްވެރިންގެ ޖެޓީން މަސްވެރިންނަށް ޚާއްސަ ރޭޓެއްގައި ތެޔޮ ލިބޭނެ އިންތިޒާމް ސަރުކާރު ހިއްސާވާ، ފިއުލް ސަޕްލައިސް މޯލްޑިވްސް، އެފްއެސްއެމުން ހަމަޖައްސާފައެވެ. މިބަދަލާއެކު މާލޭ ސަރަޙައްދުން މަސްވެރިން ގަންނަ ތެލުގެ އަގުވަނީ ހެޔޮވެފައެވެ. މީގެ އިތުރުން މަސްވެރިންނަށް ފަސޭހައިން ހައިސް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށްވެސް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.