ޚަބަރު

"ދަ ޓްރާންސްޕޯޓާ" ގެ ހިންދީ ރީމޭކެއް ނުހަދާނެ


މީގެ 20 އަހަރު ކުރިން ރިލީޒްކުރި ހޮލީވުޑްގެ ތަރި ޖޭސަން ސްޓެތަމްގެ ކާމިޔާބު ފިލްމު "ދަ ޓްރާންސްޕޯޓާ" ގެ ހިންދީ ރިމޭކެއް ހަދަން ނިންމާފައިވާ ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން މިދިޔަ ޖުލައި މަހު ވަނީ ރިޕޯޓުކޮށްފައެވެ.

2002 ވަނަ އަހަރު ރިލީޒްކުރި މި އެކްޝަން ތުރިލާގެ ރައިޓްސް އެ އުފެއްދި ކުންފުނި، ޔޫރޮޕާ ކޯޕަރޭޝަނުން ގަތީ ޒީ5 އިން ރިލީޒްކުރި "ބްލާ" ގެ ޕްރޮޑިއުސަރު ވިޝާލް ރާނާއެވެ.

އޭނާ ވަނީ "ދަ ޓްރާންސްޕޯޓާ" ގެ ރައިޓްސް ހޯދުމަށް ފަހު، ޑައިރެކްޓަރު އަލީ އައްބާސް ޒަފަރަށް ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވެ، ޑައިރެކްޓްކުރަން ވެސް ހުށަހަޅައިފައިކަމަށް މީޑިއާތަކުން އޭރުން ބުންޏެވެ.

ނަމަވެސް ދާދިފަހުން ބޮލީވުޑް ހަންގާމާއަށް ދިން އިންޓަވިއުއެއްގައި ވިޝާލް ބުނީ "ދަ ޓްރާންސްޕޯޓާ" ގެ ރައިޓްސް ގަތީ އޭގެ ހިންދީ ރީމޭކެއް ހަދާކަށް ނޫން ކަމަށެވެ. ނަމަވެސް އިންޑިއާގެ ލޯކަލް ފިލްމެއްގެ ގޮތުގައި އެ ފިލްމު ކުރިއަށް ގެންދާނެ ކަމަށް ވިޝާލް ބުންޏެވެ.

ކޯރީ ޔުއެން އާއި ލުއީ ލެޓެރިއާ ޑައިރެކްޓްކޮށް ގެނެސްދިން "ދަ ޓްރާންސްޕޯޓާ" ގެ ކާމިޔާބީއާ ގުޅިގެން އޭގެ އިތުރު ބައިތަކެއް ވެސް ގެނެސްދިނެވެ. އެއީ 2005 ގެ "ދަ ޓްރާންސްޕޯޓާ 2" އާއި 2008 ގެ "ދަ ޓްރާންސްޕޯޓާ 3" ގެ އިތުރުން 2015 ގެ "ދަ ޓްރާންސްޕޯޓާ ރިފިއުލްޑް" އެވެ.

"ދަ ޓްރާންސްޕޯޓާ"ގެ އިތުރުން ވިޝާލް އަންނަނީ އޭނާގެ އިތުރު ފިލްމަކަށްވެސް ތައްޔާރުވަމުންނެވެ. އެ ފިލްމު ޑައިރެކްޓްކުރާނީ މިއަހަރުގެ އޮގަސްޓް މަހު ރިލީޒްކުރި "ބޫލް ބުލައްޔާ 2" ގެ ޑައިރެކްޓަރު އަނީސް ބަޒްމީ އެވެ. މި ފިލްމާއި ބެހޭގޮތުން ވިޝާލް ބުނީ، މި ފިލްމަކީ އަނީސްގެ ފަރާތުން އަދި ދުވަހަކުވެސް އުންމީދު ނުކުރާ ކަހަލަ ފިލްމެއް ކަމަށެވެ. އެއީ އެކްޝަން ކޮމެޑީއެއް ގޮތަށް ގެނެސްދޭ މި ފިލްމަކީ އަނީސްގެ އެނެމް ޔުނީކް ސްކްރިޕްޓް ކަމަށްވެސް ވިޝާލް ބުންޏެވެ.

މީގެއިތުރުން ޖުމްލަކޮށް ބަލާއިރު ވިޝާލް އަންނަނީ 8 ފިލްމާއި 5 ވެބް ސީރީޒް ޕްރޮޑިއުސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ހުރިހާ އެއްޗެއްގެވެސް މިހާރު އޮތީ ޕްރޮޑަކްޝަން އަދި ވާހަކަ ލިޔުމުގެ މަރުހަލާގައެވެ.