ޚަބަރު

އެހުންތެރިންގެ މަޤްބޫލު ފަންނާނުންނަށް "ދިވެހި އެފްއެމް އެވޯޑް 2021"


އެހުންތެރިންގެ މެދުގައި އެންމެ މަޤްބޫލު ފަންނާނުންނާއި، ލަވަކިޔުންތެރިންގެ އަގުވަޒަންކުރުމަށް "ދިވެހި އެފްއެމް އެވޯޑް 2021" ދިނުމަށް ނިންމައިފިއެވެ.

ފަންނާނުންގެ އަގުވަޒަންކުރުމަށް ދިވެހި އެފްއެމްއިން ދޭން ފަށާ މި އެވޯޑާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ އަޑުގެ ރޭޑިއޯ ޕްރޮޑަކްޝަން މެނޭޖަރ ނަސްރުﷲ އިދުރީސް ވިދާޅުވީ، ނިމިދިޔަ 2021 ވަނަ އަހަރުގެ ރޭޑިއޯ ޕްރޮގްރާމްތަކުގައި އޮންއެއަރކުރި ލަވަތަކުގެ އިތުރުން، އެހުންތެރިންގެ މެދުގައި އެންމެ ގިނަ ރިކުއެސްޓް ކޮށްފައިވާ ލަވަތަކަށް އެވޯޑް ދިނުމަށް ނިންމަވައިވާކަމަށެވެ.

ނަސްރުﷲ ވިދާޅުވީ، މިއީ ދިވެހި ފަންނާނުންނާއި ދިވެހި އަމިއްލަ ރާގުތަކަށް ލޯބިކުރާ ފަންނާނުންގެ އަގުވަޒަންކުރުމުގެ މަޤްޞަދުގައި ދޭ އެވޯޑެއްކަމަށެވެ. މި އެވޯޑު ދިނުން އޮންނާނީ މާދަމާރޭ 21:00 ޓީވީއެމްގައެވެ.

އެވޯޑު ދޭނީ 4 ކެޓަގަރީއަކުން


1- އެންމެ ގިނައިން އެހުންތެރިން ރިކުއެސްޓްކުރި ލަވަ (އަންހެން)
2- އެންމެ ގިނައިން އެހުންތެރިން ރިކުއެސްޓްކުރި ލަވަ (ފިރިހެން)
3- އެހުންތެރިންގެ އެންމެ މަޤްބޫލު ބޭންޑް
4- އެހުންތެރިންގެ އެންމެ މަޤްބޫލު ލަވަ

އެވޯޑް ދިނުމަށް މި ރެކޯޑްތައް ނަގާފައިވަނީ 2021 ވަނަ އަހަރު ދިވެހި އެފްއެމްއިން އޮންއެއަރކުރި ލަވަތަކަށް ބަލައިގެންނެވެ. ދިވެހި އެފްއެމްއަކީ އަބަދުވެސް އެހުންތެރިންނާއި ގާތް ގުޅުމެއް ބާއްވައިގެން، ޝޯވތައް ގެނެސްދޭ ޗެނެލެކެވެ. އެހެންކަމުން އެފްއެމްއިން ފުރަތަމަ ބާއްވާ އެވޯޑް ނައިޓަކީ އެހުންތެރިންގެ މަޤްބޫލު ލަވަތަކަށް ޚާއްޞަކޮށްގެން ބާއްވާ އެވޯޑް ނައިޓެކެވެ.

މި އެވޯޑާއި ގުޅޭގޮތުން ވާހަކަދައްކަމުން ރޭޑިއޯގެ އެގްޒެކިއުޓިވް ޕްރޮޑިއުސަރ މިޒްނާ އަޙްމަދު ވިދާޅުވީ، މި އެވޯޑު ހަފްލާގެ މެހެމާނުންގެ ގޮތުގައި މިދާއިރާގެ ފުންނާބުއުސް ފަންނާނުން ބައިވެރިވާނެކަމަށެވެ.

ރޭޑިއޯ އަޑުއެހުންތެރިންގެ މެދުގައި އެންމެ މަޤްބޫލު ފަންނާނުންނާއި، ލަވަކިޔުންތެރިންގެ އަގުވަޒަންކުރުމަށް އެވޯޑެއް ދިނުމަށް ނިންމާފައިވާއިރު، ކުރިއަށް އޮތް އަހަރުތަކުގައިވެސް މިއަށްވުރެން ފުޅާކޮށް އިތުރު ކެޓަގަރީތައް ހިމަނައިން ދިވެހި އެފްއެމް އެވޯޑް ދިނުމުގެ ވިސްނުން އެބަހުރިކަމަށް ނަސްރުﷲ ވިދާޅުވިއެވެ.

ދިވެހި އެފްއެމްއަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެހުންތެރިންގެ މެދުގައި މަޤްބޫލު ރޭޑިއޯ ޗެނަލެކެވެ. ދިވެހި އެފްއެމް އިން އަންނަނީ ދިވެހި އަމިއްލަ ރާގުތަކަށް އިސްކަންދީ އެފަދަ ފަންނާނުންގެ އުފެއްދުންތައް ކުރިއެރުވުމަށް މަސައްކަތްކުރަމުންނެވެ.

ޕަބްލިކް ސާރވިސް މީޑިއާގެ ރޭޑިއޯ ޗެނަލްތަކުގެ ތެރެއިން 91 މެގަހަރޓްސް ދިވެހި އެފްއެމްއަކީ މިއުޒިކާއި މުނިފޫހިފިލުވުމުގެ ޚާއްޞަ ޗެނަލެކެވެ.