ޚަބަރު

ދިވެހި އެފްއެމް އެވޯޑް އަޝްފާ، ޝަލަބީ، ޝަމްވީލް އަދި ސިމްބޮލިކްއަށް


ދިވެހި އެފް.އެމްއިން މިދިޔަ އަހަރު ގެނެސްދިން ތަފާތު ޕްރޮގްރާމްތަކާއި، ޝޯވތަކުން އެހުންތެރިންގެ މެދުގައި އެންމެ މަޤުބޫލު ދިވެހި ފަންނާނުންނަށް ޚާއްސަ އެވޯޑެއް ދީފިއެވެ.

"ދިވެހި އެފް.އެމް އެވޯޑްސް 2021" މި ނަމުގައި އެވޯޑް ޙަފްލާ ބާއްވާފައިވަނީ ޓީވީއެމްގެ މަލްޓިޕަރޕަސް ސްޓޫޑިއޯގައެވެ.

"ދިވެހި އެފް.އެމް އެވޯޑްސް 2021" އަކީ ދިވެހި ފަންނާނުންގެ އަގުވަޒަންކުރުމަށް ދިވެހި އެފް.އެމްއިން މުޅިން އަލަށް ދޭން ފެށި އެވޯޑެކެވެ. މި އެވޯޑް ޙަފްލާގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްގެ އިސްވެރިންނާއި، ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި މަސައްކަތްކުރާ އެކި ފަންނާނުން ބައިވެރިވެފައިވެއެވެ.

މިފަހަރުގެ އެވޯޑް ޙަފްލާގައި 4 ކެޓެގަރީއަކުން ވަނީ އެވޯޑް ދީފައެވެ. އެގޮތުން އެންމެ ގިނައިން އެހުންތެރިން ރިކުއެސްޓްކުރި ލަވަ (އަންހެން)، އެންމެ ގިނައިން އެހުންތެރިން ރިކުއެސްޓްކުރި ލަވަ (ފިރިހެން)، އެހުންތެރިންގެ އެންމެ މަޤްބޫލު ބޭންޑް އަދި އެހުންތެރިންގެ އެންމެ މަޤްބޫލު ލަވަ މި ޙަފްލާގައި ވަނީ ހޮވާފައެވެ.

އެވޯޑް ދިނުމަށް މި ރެކޯޑްތައް ނަގާފައިވަނީ 2021 ވަނަ އަހަރު ދިވެހި އެފް.އެމްއިން ޝޯވތަކުގައި އޮންއެއަރ ކުރި ލަވަތަކަށް ބަލައިގެންނެވެ. ދިވެހި އެފް.އެމްއަކީ އަބަދުވެސް އެހުންތެރިންނާއި ގާތް ގުޅުމެއް ބާއްވައިގެން، ޝޯވތައް ގެނެސްދޭ ޗެނެލެކެވެ. ދިވެހި އެފްއެމްއިން ފުރަތަމަ ބޭއްވި އެވޯޑް ނައިޓުގެ ތެރެއިން މި 4 ދާއިރާއިންވެސް އެވޯޑް ލިބިފައިވަނީ ހުސް އަމިއްލަ ރާގުގެ އުފެއްދުންތަކަށެވެ.

މިފަހަރުގެ އެވޯޑު ލިބުނީ: އަޝްފާ، ޝަލަބީ، ޝަމްވީލް އަދި ސިމްބަލިކް

މި އެވޯޑް ދެވުނު 4 ކެޓެގަރީގެ ތެރެއިން އެންމެ ގިނައިން ރިކުއެސްޓްކުރި އަންހެން ލަވަކިޔުންތެރިޔާގެ ލަވައިގެ އެވޯޑް އިޢުލާންކޮށްދެއްވާ އެވޯޑް ޙަވާލުކޮށްދެއްވީ މަޝްޙޫރު ލަވަކިޔުންތެރިޔާ ރާފިޢަތު ރަމީޒާއެވެ.

އެހުންތެރިންގެ އެންމެ ގިނަ ރިކުއެސްޓާއެކު މި ކެޓެގަރީން އެވޯޑް ޙާޞިލުކޮށްފައިވަނީ ކުޅަދާނަ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާއެވެ. އެއީ އަޝްފާ ކިޔާފައިވާ "ކަސަބުން ބޯވަޅު" އެވެ.

މި ކެޓެގަރީން ނޮމިނޭޓްވި 3 ލަވަ:

- ކަސަބުން ބޯވަޅު / މަރިޔަމް އަޝްފާ
- ސަމުގާ / މީރާ މުޙައްމަދު މާޖިދު
- ޖޯޑެއްގެ ސާފު ލޯބި / އަންދަލާ ޙަލީމް

އެންމެ ގިނައިން ރިކުއެސްޓްކުރި ފިރިހެން ލަވަކިޔުންތެރިޔާގެ ލަވައިގެ އެވޯޑް އިޢުލާންކޮށްދެއްވާ އެވޯޑް ޙަވާލުކޮށްދެއްވީ މަޝްޙޫރު ލަވަކިޔުންތެރިޔާ އަޙްމަދު އާމިރެވެ.

އެހުންތެރިންގެ އެންމެ ގިނަ ރިކުއެސްޓާއެކު މި ކެޓެގަރީން އެވޯޑް ޙާޞިލުކޮށްފައިވަނީ މޯލްޑިވިއަން އައިޑަލްއިން ވިދާލި، ޝަލަބީ އިބްރާހީމެވެ. އެއީ އޭނާ ކިޔާފައިވާ "އާދޭސް" މި ލަވައަށެވެ.

މި ކެޓެގަރީން ނޮމިނޭޓްވި 3 ލަވަ:

- މި ވާވަރު / އިބްރާހީމް ޒައިދު ޢަލީ
- އާދޭސް / ޝަލަބީ އިބްރާހީމް
- އޮޑި ދީލާ / ޝަމްވީލް މުޙައްމަދު

ދިވެހި އެފް.އެމްގެ 2021 ވަނަ އަހަރުގެ އެންމެ މަޤުބޫލު ލަވައަކަށް ހޮވިފައިވަނީ ޝަމްވީލް މުޙައްމަދު ކިޔާފައިވާ "އޮޑި ދީލާ" މި ލަވައެވެ. އަހަރުގެ އެންމެ މަޤުބޫލު ލަވަ އިޢުލާންކޮށްދެއްވާ، އެވޯޑް ޙަވާލުކޮށްދެއްވީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝިފާ ތަޢުފީޤެވެ. މިއީ ޝަމްވީލުގެ ފުރަތަމަ އަމިއްލަ ރާގުގެ ލަވަވެސްމެއެވެ.

2021 ވަނަ އަހަރުގެ އެންމެ މަޤުބޫލު ލަވައަށް ނޮމިނޭޓްވި 3 ލަވަ:

- ކަސަބުން ބޯވަޅު / މަރިޔަމް އަޝްފާ
- އޮޑި ދީލާ / ޝަމްވީލް މުޙައްމަދު
- އާދޭސް / ޝަލަބީ އިބްރާހީމް

ދިވެހި އެފް.އެމްގެ 2021 ވަނަ އަހަރުގެ އެންމެ މަޤުބޫލު ބޭންޑަކަށް ހޮވިފައިވަނީ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ސިމްބޮލިކް ރެކޯޑްސްއެވެ. ސިމްބަލިކް ރެކޯޑްސްއަށް މި އެވޯޑް ޙަވާލުކޮށްދެއްވީ ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަމީމެވެ.

2021 ވަނަ އަހަރުގެ އެންމެ މަޤުބޫލު ބޭންޑަށް ނޮމިނޭޓްވި 3 ބޭންޑް:

- ދި ޓިއުންސް
- ސިމްބޮލިކް ރިކޯޑްސް
- ހަބޭސް

މިއީ ފެށުމެއް، ފަންނާނުންނަށް ލިބުނީ އިތުރު ހިތްވަރެއް!

މި އެވޯޑް ޙަފްލާގައި ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދު ވަނީ މިފަދަ މިއުޒިކް އެވޯޑް ޙަފްލާއެއް ދިވެހި ފަންނުވެރިކަމަށް ބޭނުންޖެހިފައިވާ މިންވަރު ފާހަގަކުރައްވާފައެވެ. އަދި މިއީ ދިވެހި ފަންނާނުންގެ އުފެއްދުންތެރި މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެގޮތުން އެޅުނު ރަނގަޅު ފިޔަވަޅެއްކަމަށާއި، ކުރިއަށްއޮތްތާނގައި މި އެވޯޑް މިއަށްވުރެއްވެސް ފުރިހަމަކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލާ، އެ މަގަށް މަސައްކަތްކުރާނެކަމަށެވެ.

މިފަދަ އެވޯޑެއް ދިނުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ޕީ.އެސް.އެމްގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ދިވެހި ފަންނާނުންނަށް މިހާރަށްވުރެ ރަނގަޅު ފުރުޞަތުތައް ފަހިކޮށްދީ، އިންޑަސްޓްރީއާއެކު އޮންނަ ގުޅުން އިތުރުކުރުންކަމަށް ޚާލިދު ވިދާޅުވިއެވެ.

ޙަފްލާއަށްފަހު ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދެއްކި ބައެއް ފަންނާނުން ވަނީ އެމީހުންގެ މަސައްކަތްތައް އެންމެ ގިނައިން އެހުންތެރިންނާއި ހިސާބަށް ގެނެސްދޭ އެއް ވަޞީލަތަކީ ދިވެހި އެފް.އެމްކަން ފާހަގަކޮށްފައެވެ.

ދިވެހި އެފް.އެމްއިން އިސްނަގައިގެން ދިވެހި ފަންނާނުންގެ އުފެއްދުންތަކަށް ޚާއްސަކޮށްގެން މިފަދަ އެވޯޑެއް ދޭން ފެށުމަކީ، ކުރިއަށްއޮތްތަނުގައި މި ދާއިރާގެ ވާދަވެރިކަންވެސް އިތުރުވެ، ފެންވަރު ރަނގަޅު އުފެއްދުންތަކެއް އާއްމުންނާއި ހިސާބަށް ގެނެސްދިނުމަށް ކޮށައިދޭނެ މުހިއްމު މަގެއްގެގޮތުގައި އެ ފަރާތްތަކުން ފާހަގަކުރެއެވެ.

ވަކިން ޚާއްސަކޮށް މިއީ މި ދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށް، ދާއިރާއަށް އަލަށް ވަންނަ ފަރާތްތަކަށްވެސް ލިބިގެންދާނެ ހިތްވަރެއްގެގޮތުގައި އެ ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.

ދިވެހި އެފް.އެމްއަކީ މިއުޒިކާއި މުނިފޫހިފިލުވުމަށް ޚާއްސަކޮށްގެން ރާއްޖޭގައި މިވަގުތު ހިންގާ އެންމެ ދުވަސްވީ އެއް ރޭޑިއޯ ޗެނަލެވެ. ދިވެހި އެފް.އެމްއަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެހުންތެރިންގެ މެދުގައި މަޤުބޫލު ރޭޑިއޯ ޗެނަލެކެވެ. ދިވެހި އެފްއެމް އިން އަންނަނީ ދިވެހި އަމިއްލަ ރާގުތަކަށް އިސްކަންދީ އެފަދަ ފަންނާނުންގެ އުފެއްދުންތައް ކުރިއެރުވުމަށް މަސައްކަތްކުރަމުންނެވެ.

ދިވެހި އެފް.އެމްގެ ޓީމުން ދޭ ޔަޤީންކަމަކީ މިފަހަރުގެ އެވޯޑް ޙަފްލާގައި އެންމެ 4 ކެޓެގަރީއެއް ފެނުންނަމަވެސް، ކުރިއަށްއޮތްތާނގައި މިއަށްވުރެ މާ ފުރިހަމަ އަދި ފޯރިގަދަ އެވޯޑް ޙަފްލާތަކެއް ދިވެހި ފަންނާނުންނަށާއި، އެހުންތެރިންނާއި ހަމައަށް ގެނެސްދޭނެކަމެވެ.