ވިޔަފާރި

ރާއްޖެ އައި ޕްރައިވެޓް ޖެޓްތަކުގެ އަދަދު %53 އިތުރު


ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައި 2019 ވަނަ އަހަރާއި އަޅާބަލާއިރު މިއަހަރު ރާއްޖެއައި ފްރައިވެޓް ޖެޓުތަކުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް މިއަހަރު އައި 1.6 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ ހަސަން އަރީފް ވިދާޅުވީ، 2019 ވަނަ އަހަރާއި އަޅާބަލާއިރު މިއަހަރު ރާއްޖެ އައި ޕްރައިވެޓް ޖެޓްތަކާއި އަދި އެއަރކްރާފްޓް މޫމަންޓްވެސް އިތުރުވެފައިވާކަމަށެވެ.

އަރީފް ވިދާޅުވީ، 2019 ވަނަ އަހަރާއި އަޅާބަލާއިރު ޕްރައިވެޓް ޖެޓްތައް ރާއްޖެ އައިސްފައިވާ އަދަދު %53 އިތުރުވެފައިވާކަމަށެވެ. އަދި އެއަރކްރާފްޓް މޫމަންޓްސް %10 އިތުރުވެފައިވާކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް މިއަހަރުގެ މިހާތަނަށް 2610 ފްރައިވެޓް ޖެޓް ވަނީ ޖައްސާފައެވެ. މިދިޔަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ 1،702 ޕްރައިވެޓް ޖެޓެވެ. 2019 ވަނަ އަހަރު އެއަރ ޓްރެފިކް މޫވްމަންޓް ހުރީ 24،000 ގައެވެ. އަދި މިއަހަރު އެއަރ ކްރާފްޓް މޫމަންޓްސް ހުރީ 27،000 ގައިކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

"2019 ވަނަ އަހަރާއި އަޅާބަލާފައި 2022 ވަނަ އަހަރުގައި ޖެނެރަލް އޭވިއޭޝަން ނުވަތަ ޖެޓުތައް ވަނީ %53 ކުރިއަރާފައި. އެއީ ވަރަށް ބޮޑު ކުރިއެރުމެއް. އޭގެއިތުރުން މުޅި އެއަރކްރާފްޓް މޫމަންޓްސް ވަނީ %10 އިތުރުވެފައި. މިއީ ވަރަށް ބޮޑު ކުރިއެރުމެއް އަޅުގަނޑުމެންނަށް. ފަސިންޖަރުންނަށް ބަލާކަމަށް ވަންޏާ އެރައިވިން ގާތްގަނޑަކަށް އަޅުގަނޑުމެންގެ ރިކަވަރީ 2019 އާއި އަޅާބަލާއިރު ގާތްގަނޑަކަށް މިއުޅެނީ %98 ރިކަވަރީއެއްގައި މިއުޅެނީ. މިއީ އަދި ޖަނަވަރީން ނޮވެމްބަރާއި ހަމައަށް. މާނައަކީ މިއަހަރު ނިމެންވާއިރަށް ވަރަށް ބޮޑަށް އެކްސީޑްވެގެންދާނެއޭ". އަރީފް ވިދާޅުވިއެވެ.

އެމްއޭސީއެލްއިން ވިދާޅުވީ، މިދިޔަ 2021 ވަނަ އަހަރު ފަސިންޖަރުންގެ އަދަދު ހުރީ 1.4 މިލިއަނުގައެވެ. އެއީ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ފަސިންޖަރުން ހިމަނައިގެންނެވެ. މިއަހަރު ވީއައިއޭ ބޭނުންކުރި ފަސިންޖަރުންގެ އަދަދު 2 މިލިއަނަށް އަރާނެކަމަށް ލަފާކުރެވޭކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެއަރކްރާފްޓް މޫމަންޓްވެސް 2021 ވަނަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް %20 އިތުރުވެފައިވާ ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.