ޚަބަރު

ފަހަތުން އަރާ ބްރެންޓްފޯޑް އަތުން ލިވަޕޫލް މޮޅުވެއްޖެ


  • ބްރެންޓްފޯޑުން މެޗު ނިންމާލީ 9 ކުޅުންތެރިންނާއެކު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑް އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެއްޖެއެވެ.

ބްރެންޓްފޯޑްގެ ޖީޓެކް ކޮމިއުނިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ބްރެންޓްފޯޑުންނެވެ.

ބްރެންޓްފޯޑުން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 44 ވަނަ މިނިޓުގައި ކީން ލެވިސް-ޕޮޓަރ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ނަމަވެސް ފުރަތަމަ ހާފުގެ އިންޖަރީ ވަގުތުގެ ކުޅުމުގައި ހިނގާދިޔަ ހިތްހަމަނުޖެހުމެއްގެ ތެރެއިން ބްރެންޓްފޯޑުގެ ޔެހޯ ޔަރްމޯލިކް ލިވަޕޫލްގެ ޑިފެންޑަރ ޖެރެމީ ޖެކޭގެ ބޮލުގައި ބޮލުން ޖެހުމާއި ގުޅިގެން އޭނާއަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާފައެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ބްރެންޓްފޯޑްއިން ކުޅެން ޖެހުމުގެ ފައިދާ ނަގާ މެޗުގެ 62 ވަނަ މިނިޓުގައި ލިވަޕޫލްގެ ވިކްޓަރ މުނޯޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މި މެޗުން ލިވަޕޫލް މޮޅުކޮށްދިން ލަނޑަކީ މެޗުގެ 70 ވަނަ މިނިޓުގައި އެލެކްޒެންޑަރ އިސާކް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 5 ވަނަ ލަނޑެވެ.

މެޗުގެ އިންޖަރީ ވަގުތުގެ ކުޅުމުގައި ބްރެންޓްފޯޑްގެ ވިޓަލީ ޖެނެލްޓްއަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއިއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.