ބޭންކް އޮފް މޯލްޑިވްސްގެ ޚާއްސަގޮތުންކުރާ އާންމު ޖަލްސާއެއް އަންނަމަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް އެ ބޭންކުން ނިންމައިފިއެވެ. މި ޖަލްސާގައި ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރުން އޮންނާނެއެވެ.
ބީ.އެމް.އެލްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ހޮވުމަށް ހުށަހަޅާފައިވަނީ، އެ ބޭންކުގެ ޗީފް އެގްޒެކްޓިވް އޮފިސަރ، ސީއީއޯގެ މަޤާމަށް އައްޔަންކޮށްފައިވާ ކާރލް ސްޓުމްކައެވެ. ބީ.އެމް.އެލްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައި އަބަދުވެސް ހުންނަވަނީ އެ ބޭންކުގެ ސީއީއޯގެ މަޤާމުގައި ހުންނަވާ ބޭފުޅެކެވެ. މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެވެނީ ހިއްސާދާރުންގެ ވޯޓުންނެވެ.
ބޭންކް އޮފް މޯލްޑިވްސް، ބީ.އެމް.އެލުން ބުނީ ޚާއްސަގޮތުންކުރާ އާންމު ޖަލްސާ އޮންނާނީ އަންނަމަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށެވެ.
ޚާއްސަގޮތުން ކުރާ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ހިއްސާދާރުންނަށެވެ. ބީ.އެމް.އެލްގެ ބޯޑުގައި މުޅި ޖުމްލަ ތިބެނީ 11 މެންބަރުންނެވެ. އެއީ ސަރުކާރުގެ ފަރާތުން ބޯޑަށް އައްޔަންކުރާ 8 މެންބަރުންނާއި، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަންކުރާ 3 މެންބަރުންނެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޚާއްސަގޮތުންކުރާ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 22 ވަނަ ދުވަހުން މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.