ހުޅަނގު އޭޝިއާގައި އެމެރިކާއިން އިސްވެ ފެށި ހަނގުރާމަ ފުޅާވެ، ސަޢުދީ ޢަރަބިއްޔާއަށް އަމާޒުވި ނުރައްކާތެރި ހަމަލާތަކާ ގުޅިގެން، އެ ޤައުމުގެ އެންމެ ބޮޑު އަދި މުހިންމު އިންވެސްޓްމަންޓް ކޮންފަރެންސް އަންނަ އަހަރަށް ފަސްކޮށްފިއެވެ. 'ޑާވޯސް އިން ދި ޑެޒަރޓް' ގެ ނަމުން މަޝްހޫރުވެފައިވާ ފިއުޗަރ އިންވެސްޓްމަންޓް އިނީޝިއެޓިވްގެ (އެފްއައިއައި) 10 ވަނަ ބައްދަލުވުން އޮކްޓޫބަރު 26 އިން 29 އަށް ބޭއްވުމަށް ކުރިން އޮތީ ތާވަލުކޮށްފައެވެ. ނަމަވެސް، އިންތިޒާމުކުރާ ފަރާތްތަކުން ބުނީ، މި ބައްދަލުވުން މިހާރު 2027 އަށް ފަސްކޮށްފައިވާ ކަމަށާއި، ބައްދަލުވުން ބާއްވާނެ އައު ތާރީޚެއް ވަރަށް އަވަހަށް އިޢުލާނު ކުރާނެ ކަމުގައެވެ.
ސްވިޓްޒަލެންޑުގެ ވަރލްޑް އިކޮނޮމިކް ފޯރަމާ އެއްފަދައިން ބާއްވާ މި ސަމިޓަކީ، ތެލަށް ބަރޯސާވުން ކުޑަކޮށް، ފަތުރުވެރިކަމާއި ކުޅިވަރާއި ޓެކްނޮލޮޖީގެ ދާއިރާއަށް އެތައް ބިލިޔަން ޑޮލަރެއްގެ އިންވެސްޓްމަންޓް ހޯދުމަށް ސަޢުދީ ސަރުކާރުން ބާއްވާ މުހިންމު ހަރަކާތެކެވެ. މި އަހަރުގެ ބައްދަލުވުމުގައި ގޯލްޑްމަން ސެކްސް، ސްޓޭންޑަރޑް ޗާޓަރޑް އަދި ސިޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް، އެމެރިކާއާއި ޔަހޫދީން އީރާނާ ދެކޮޅަށް ފެށި ޣަައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން މުޅި ގަލްފުގެ ވިޔަފާރި ތާވަލަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ. އަދި، މީގެ ކުރިން އެކުވެރި ޢަރަބި ޢިމާރާތާއި (ޔޫއޭއީ) ޤަޠަރުގައި ވެސް ބައެއް ކޮންފަރެންސްތައް ވަނީ ކެންސަލްކޮށް ނުވަތަ ފަސްކޮށްފައެވެ.
ފާއިތުވި ހަފުތާތަކުގައި ޔަމަނުގެ ޙޫޘީން ސަޢުދީ އަރަމްކޯގެ ތެޔޮ ކުންފުނީގެ މައި މަރުކަޒަށާއި ރިޔާޟުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް ދިން ހަމަލާތަކުގައި 18 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަޚަމުވިއެވެ. މި ނުރައްކާތަކާ ގުޅިގެން ބައިނަލްއަޤުވާމީ ބޮޑެތި ބޭންކުތަކުން ވަނީ ސަލާމަތީ ކަންބޮޑުވުންތައް ސަޢުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުގެ ގަވަރުނަރު ޔާސިރު އަލް-ރުމައްޔާންއާ ސިއްރިއްޔާތުގައި ޙިއްޞާކޮށްފައެވެ. ނަމަވެސް، އެފްއައިއައިއިން ބުނީ މި ނިންމުމަކީ ބައްދަލުވުމުގެ "ފުރިހަމަ ފެންވަރާއި، އާދަޔާޚިލާފު ފުރިހަމަކަމާއި، ބައިވެރިން އުއްމީދުކުރާ ފަދަ ނުފޫޒުގަދަ އަސަރެއް" ކަށަވަރުކުރުމަށް ނިންމި ނިންމުމެއް ކަމުގައެވެ.