ޚަބަރު

އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ އަންދާޒާއަށްވުރެ %4.98 އިތުރު


މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ، ދައުލަތަށް މިއަހަރު ލިބޭނެކަމަށް އަންދާޒާކުރި
ޖުމްލަ އާމްދަނީއަށްވުރެ %4.98 އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ދައުލަތުގެ ޚަރަދުތަކާއި އާމްދަނީގެ ތަފްސީލް ހިއްސާކޮށް ފިނޭންސް މިނިސްޓްރީން ނެރޭ މާލީ ތަފާސް ހިސާބުގައެވެ.

ފިނޭންސް މިނިސްޓްރީގެ މާޅީ ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ދައުލަތަށް 25.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިއަހަރުގެ މިހާތަނަށް ދައުލަތުން އަންދާޒާކޮށްފައިވާ 24،2 ބިލިއަނާއި އަޅާބަލާއިރު، %4.98 އިތުރު އަދަދެކެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޓޭކްސްއިން ލިބޭ އާމްދަނީއެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 18.1 ބިލިއަން ރުފިޔާއެވެ. އަދި މިއީ މިއަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ 15.3 ބިލިއަން ރުފިޔާއާއި އަޅާބަލާއިރު، %18.4 އިތުރު އަދަދެކެވެ.

ޓެކްސްއިން ލިބޭ އާމްދަނީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިމްޕޯޓް ޑިއުޓީއާއި، ބިޒްނަސް އެންޑް ޕްރޮޕަރޓީ ޓެކްސް، ބީޕީޓީ އާއި، ޓީޖީއެސްޓީގެ އިތުރުން ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.

ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޖީއެސްޓީ ނުވަތަ މުދަލާއި ޚިދުމަތުން ނެގޭ ޓެކްސްގެ ގޮތުގައި ދައުލަތަށް ވަނީ 8.9 ބިލިއަން ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި މުދަލާއި ޚިދުމަތުން ނެގޭ ޓެކްސްއިން ދައުލަތަށް ލިބިފައިވަނީ 6.9 ބިލިއަން ރުފިޔާއެވެ. މީގެއިތުރުން، އަހަރުގެ މިހާތަނަށް، ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނެގޭ ޓެކްސް ނުވަތަ ޓީޖީއެސްޓީގެ ގޮތުގައި 6 ބިލިއަން ރުފިޔާ، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 3،2 ބިލިއަން ރުފިޔާ، އަދި ބީޕީޓީގެ ގޮތުގައި، 2.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސްގެ ތަފާސް ހިސާބުތަކުގައިވެއެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ ތެރޭގައި ދެން ހިމެނެނީ ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީއެވެ. ފިނޭންސް ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ މިހާތަނަށް، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް 7.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނު، 5.3 ބިލިއަނާއި އަޅާބަލާއިރު %33 އިތުރު އަދަދެކެވެ.

ޓެކްސް ނޫން އާމްދަނީގެ ތެރޭގައި ހިމެނެނީ އެއަރޕޯޓު ޑިވެލޮޕްމަންޓު ފީ އާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބޭ ޑިވިޑެންޓާއި، ޕްރޮޕަރޓީ އިންކަމް ފަދަ އާމްދަނީތަކެވެ. އެގޮތުން، އަހަރުގެ މިހާތަނަށް، އެއަރޕޯޓު ޑިވެލޮޕްމަންޓު ފީގެ ގޮތުގައި 781.9 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ތަފާސް ހިސާބުތަކުގައިވެއެވެ. އަދި އަހަރުގެ މިހާތަނަށް ކުންފުނިތަކުން ލިބޭ ޑިވިޑެންޓްގެ ގޮތުގައި 607.8 މިލިއަން ރުފިޔާ، ޕްރޮޕަރޓީ އިންކަމް ޓެކްސްގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާކަމަށް ފިނޭންސްގެ ތަފާސް ހިސާބުތަކުގައިވެއެވެ.

އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރަށްވުރެ އިތުރުވެފައިވާއިރު، ސަރުކާރުން ހިންގާ މަޝްރޫޢުތައް އިތުރުވެ، ދައުލަތުގެ ޚަރަދުވެސް ވަނީ މިދިޔަ އަހަރަށްވުރެ އިތުރުވެފައެވެ. އެގޮތުން، އަހަރުގެ އެންމެ ފަހު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން 36.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ދަޢުލަތުން ހޭދަކޮށްފައިވަނީ 30.5 ބިލިއަން ރުފިޔާއެވެ.

ދައުލަތުގެ ޚަރަދުތަކުގެ ތެރޭގައި ހިމެނެނީ ރިކަރެންޓް ޚަރަދުތަކާއި ކެޕިޓަލް ޚަރަދުތަކެވެ. ރިކަރެންޓް ޚަރަދުތަކުގެ ތެރޭގައި ހިމެނެނީ މުވައްޒަފުންގެ މުސާރައާއި އިދާރީ ހިންގުމުގެ ބައިން ކުރާ ޚަރަދުތަކެވެ. ކެޕިޓަލް ޚަރަދުތަކުގެ ތެރޭގައި ހިމެނެނީ ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ހޭދަކުރާ ޚަރަދުތަކެވެ. މިއަހަރުގެ މިހާތަނަށް، ދައުލަތުން ވަނީ މަޝްރޫޢުތަކަށް 8.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.