ޚަބަރު

"އޯމްކާރާ" ގެ ރީމޭކެއް، "ދޭސީ ބޯއީޒް" ގެ ސީކުއަލް އެއް


އާނަންދު ޕަންޑިތް މޯޝަން ޕިކްޗާސް އާއި އިރޯސް އިންޓަނޭޝަނަލް އަދި ޕަރަގް ސަންގްވީ ގުޅިގެން ވިޝާލް ބާދުވާޖްގެ ބޮޑު ތަރުޚީބެއް ލިބިފައިވާ "އޯމްކާރާ" ގެ ރީމޭކާއި އަކްޝޭ ކުމާރާއި ޖޯން އަބްރަހަމް ލީޑް ރޯލުން ފެނިގެންދާ ކޮމިކް ޑްރާމާ "ދޭސީ ބޯއީޒް" ގެ ސީކުއެލް އިޢުލާންކޮށްފިއެވެ.

އެ ޚަބަރު ހިއްސާ ކުރަމުން އާނަންދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އައިކޮނިކް ދެ ފިލްމެއްގެ ސީކުއެލް އާއި ރީމެކް ހެދުމަށް އެރޯސް އިންޓަނޭޝަނަލް އެންޑް ޕަރަގް ސަންގްވީއާ ގުޅިގެން މަސައްކަތް ކުރަމުން ދާ ކަމަށެވެ.

"އޯމްކާރާ" އާއި "ދޭސީ ބޯއީޒް" އަކީ ދެ ފިލްމުވެސް އެޅުވި ޒަމާނުގައި ވަރަށް ހިނގި ދެ ފިލްމު ކަމަށާއި، ދެ ފިލްމުގެ ކާސްޓާއި މިޔުޒިކް އަދި އެނޫންވެސް ކަންތައްތަކުން ދެ ފިލްމަށްވެސް ބޮޑު ތަރުޚީބެއް ލިބިފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ. އަދި ދެ ފިލްމު އަލުން އެހެން ހަރުފަތަކަށް ގެންނަން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް އާނަންދު ވަނީ ބުނެފައެވެ.

"އޯމްކާރާ" އަކީ މަޝްހޫރު އިނގިރޭސި ނޮވެލިސްޓް ވިލިއަމް ޝޭކްސްޕީއާރުގެ ކްލެސިކް ޑްރާމާ "އޮތެއްލޯ" ގެ މައްޗަށް ބިނާކޮށް ވިޝާލް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި އަޖޭ ދޭވްގަން، ސައިފް އަލީ ޚާން، ކަރީނާ ކަޕޫރު ޚާން، ވިވެކް އޮބެރޯއީ، ކޮންކަނާ ސެން ޝަރްމާ އަދި ބިޕާޝާ ބާސޫ ލީޑް ރޯލުން ފެނިގެން ދިޔައެވެ.

އަނެއްކޮޅުން ދީޕިކާ ޕަޑޫކޯން އާއި ޗިޓްރަންގަޑާ ސިންގް ލީޑް ރޯލުން ފެނިގެންދިޔަ "ދޭސީބޯއީޒް" އަކީ ޑޭވިޑް ދަވަންގެ ދަރިފުޅު އަދި ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވާންގެ ފުރަތަމަ ޑައިރެކްޝަންއެވެ.

"އޯމްކާރާ"ގެ ރީމޭކް އަދި "ދޭސީ ބޯއީޒް"ގެ ސީކުއެލް ފިލްމުގެ ކާސްޓުންނާއި ރިލީޒްކުރާނެ ތާރީޚެއްވެސް އަދި އިޢުލާނެއް ނުކުރެއެވެ.