ޚަބަރު

އެލައިޑް ކޮމިއުނިޓީ ފަންޑާއި އެޑިޔުކޭޝަން ފަންޑުގެ އެހީ ލިބޭ ފަރާތްތައް ހޮވައިފި


އެލައިޑް އިންޝުއަރަންސްގެ "އެލައިޑް އެޑިޔުކޭޝަން ފަންޑް" އާއި "އެލައިޑް ކޮމިއުނިޓީ ފަންޑް" އެހީ ލިބޭ ފަރާތްތައް ހޮވައިފިއެވެ.

މިއީ އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖްތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން ތަޢާރަފްކޮށްފައިވާ ފަންޑިންގ ޕްރޮގްރާމްތަކެކެވެ.

"އެލައިޑް އެޑިޔުކޭޝަން ފަންޑް" އަކީ ތަޢުލީމީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި އެލައިޑުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރުވި ބޮޅެކެވެ. އަދި "އެލައިޑް ކޮމިއުނިޓީ ފަންޑް" އަކީ 6 ދާއިރާއެއް ހިމެނޭގޮތަށް މުޖުތަމައުއަށް މަންފާ ކުރުވަނިވި ހިޔާލުތައް ހަޤީޤަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅު ތެރޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ލިބިދޭ ފަންޑިންގ ޕްރޮގްރާމެކެވެ.

މި ދެޕްރޮގްރާމަށްވެސް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިއަހަރުގެ އޮގަސްޓް މަހުގައެވެ.

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތުދެއްވަމުން އެކުންފުނީގެ މާކެޓިންގ މެނޭޖަރ އައިޝަތު ސުދާ ވިދާޅުވީ، މިޕްރޮގަރާމަތަކަށް ފަރާތްތައް ހޮވުމުގައި މުޖްތަމަޢުއަށް ފައިދާ ކުރާނެ މަޝްރޫޢުތައް ހޮވުމަށް އަހައްމިއްޔަތުކަން ދީފައިވާނެކަމަށެވެ.

އެލައިޑް އެޑިއުކޭޝަން ފަންޑުން އެހީތެރިކަން ފޯރުކޮށްދޭނެ ސްކޫލުތައް

- ބއ. ދަރަވަންދޫ ސްކޫލު
- ށ. ފީވަކު ސްކޫލު
- ލ. މާބައިދޫ ސްކޫލު
- ގއ. ކޮނޑޭ ސްކޫލު
- ރ. ހުޅުދުއްފާރު ސްކޫލު
- ގދ. ތިނަދޫ ސްކޫލު
- ބ. ހިތާދޫ ސްކޫލު
- ހއ. ބާރަށު ސްކޫލު

މިއިން ކޮންމެ ސްކޫލަކަށް 25،000 ރުފިޔާގެ ހިލޭ އެހީ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިފަންޑުގެ ދަށުން ސްކޫލުތަކުގެ ލައިބްރަރީތައް ތަރައްޤީކުރުމުގެ އިތުރުން ދަރިވަރުންނާއި މުދައްރިސުންގެ ކުރިއެރުމަށް މިއެހީ ބޭނުން ކުރެވޭނެކަމަށް އެލައިޑުން ބުނެއެވެ.

މީގެއިތުރުން، އެލައިޑްގެ ކޮމިއުނިޓީ ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ސިއްހީ ދުޅަހެޔޮކަމާއި ތިމާވެށި ރައްކާތެރިކުރުމާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުގެ އިތުރުން، ތަޢުލީމާއި ތާރީހުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިންގާ މަޝްރޫޢުތަކަށްކަމަށް އެލައިޑުން މަޢުލޫމާތުދެއެވެ.

ކޮމިއިުނިޓީ ފަންޑްގެ އެހީ ފޮރުކޮށްދިނުމަށް ހަމަޖެހިފައިވާ ފަރާތްތައް

- ގއ. ކޮނޑޭ ކިއްސަރު ޖަމިއްޔާ
- ގދ. ހޯޑެއްދޫ ހޯޑެއްދޫ ސްޕޯޓްސް
- ބ. އޭދަފުށީ ފައުންޑޭޝަން އޮފް ޔޫތް ލިންކޭޖް
- ރ. ކިނޮޅަހު ޖަމިއްޔަތުލް އިއްތިހާދު

މިއިން ކޮންމެ ޖަމްޢިއްޔާއަކަށް މަޝްރޫޢުތައް ހިންގަން، ކޮމިއުނިޓީ ފަންޑުގެ ދަށުން 50000 ރުފިޔާގެ އެހީ ދިނުމަށް ހަމަޖެހިފައިވާކަމަށް އެލައިޑުން މަޢުލޫމާތުދެއެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާން ވިދާޅުވީ އަންނަ އަހަރުވެސް މިފަންޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެކަމަށެވެ. އަދި ތިމާވެއްޓާއި ރައްޓެހި ހެޔޮ ބަދަލުތައް ގެނައުމަށާއި، ރަނގަޅު ތަޢުލީމީ ނިޒާމެއް ބިނާކުރުމުގައި ގިނަގުނަ މަސައްކަތްތަކެއް އެކުންފުނިން އަބަދުވެސް ކުރަމުންދާނެކަމަށް ފިރުޝާން ފާހަގަކުރެއްވިއެވެ.