ރާއްޖޭގެ އިޤްތިޞާދުގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށްކަމަށާއި، އަންނަ އަހަރުވެސް ދައުލަތުގެ ޚަރަދުކުޑަކޮށް ބަޖެޓުން 3.2 ބިލިއަން ރުފިޔާ ރައްކާކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ސާލިހު ވަނީ ރާއްޖޭގެ އިޤްތިޞާދަށް އަންނަމުންދާ ކުރިއެރުންތައް ހިއްސާކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާފަހަކަދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ މި އަހަރު ސިފަކުރެއްވީ އިޤްތިޞާދީ ގޮތުން ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހުނު އަހަރެއްގެ ގޮތުގައެވެ. އެގޮތުން، ކޯވިޑްގެ ސަބަބުން ލިބުނު އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ކުރެވުނު މަސައްކަތްތަކުން އަރައިނުގަނެވި އުޅެނިކޮށް ރަޝިއާ ޔޫކްރެއިން ހަނގުރާމަ ފެށުމާއިއެކު ކުރިމަތިވި އުނދަގޫތަކުން އަރައިގަތުމަށް އިތުރަށް މަސައްކަތްތަކެއް ކުރަންޖެހުނުކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މަހުން މަހަށް ދައުލަތަށް ލިބޭ އާމްދަނީ އިތުރުވި ނަމަވެސް، ދުނިޔޭގެ ބާޒާރުގައި މުދަލާއި ތެލުގެ އަގު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން، ދައުލަތަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދަންޖެހުންކަމަށެވެ. އަދި މިމަސައްކަތްތައް އެމަނިކުފާނު ހިތްހަމަޖެހިވަޑައިގަންނަވާ ވަރަށް ކުރެވުނުކަމަށާއި ރާއްޖޭގެ އިޤްތިޞާދީ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަހަރު ނިމިގެންދާއިރު، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިދަނީ ރަނގަޅުވަމުން. މިހާރު ރާއްޖޭގެ އިޤްތިޞާދު، ކޯވިޑް-19ގެ ކުރިން އޮތް ހިސާބަށް އަލުން އަނބުރާ ގާތްގަނޑަކަށް ވާސިލުވެވިއްޖެ. 2022 ނިމޭއިރު، 12.3 އިންސައްތައިގެ އިޤްތިޞާދު ކުރިއަރާނެ ކަމަށް ލަފާކުރެވޭ. އަދި 2023 ވަނަ އަހަރުގެ އަންދާޒާއަކީ 7.6 އިންސައްތަކަމަށްވެސް އަންދާޒާކޮށްފައިވޭ" ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޯވިޑްގެ ކުރީގެ ހާލަތަށް ރާއްޖޭގެ އިޤްތިޞާދު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުންކަމަށެވެ. އެގޮތުން، ކޯވިޑް-19 ގެ ކުރީގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ވަރަށް މިހާރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާކަމަށް ރައީސް ސާލިހް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ކޯވިޑަށްފަހު ދުނިޔޭގެ ނިސްބަތުގައި އެންމެބާރު ދުވެއްޔެއްގައި އިޤްތިޞާދު ކުރިއަރާ 10 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާކަމަށާއި، މިދިޔަ އަހަރާއި މިއަހަރުގެ އެންމެ ކުރިއަރައިދިޔަ 5 އިޤްތިޞާދުގެ ތެރޭގައިވެސް ދިވެހިރާއްޖެ ހިމެނިފައިވާކަން ރައީސް ވިދާޅުވިއެވެ. އަދި އަންނަ އަހަރަކީ، ކުރިމަތިވާނެ ގޮންޖެހުންތައް ހުރަސްކުރުމަށް އުންމީދުތަކެއް ލިބިގެންދާނެ އަހަރެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ރައީސް ސާލިހް ވަނީ އަންނަ އަހަރު ސޮވެރިން ފަންޑުގައި 9.4 ބިލިއަން ރުފިޔާ ރައްކާކުރެވޭނެކަމަށް ވިދާޅުވެފައެވެ. އަދި ދަރަނިތައް ދެއްކުމުގައި އެެއްވެސް ދަތިތަކެއް ނެތްކަމަށާއި، ދަރަނި ދެއްކުމަށް ހަރުދަނާ ސިޔާސަތުތައް ޤާއިމްކުރެވިފައިވާކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
އަންނަ އަހަރު ފިއުލް ސަބްސިޑީ ކުޑަކޮށް މިހާރަށްވުރެ ބޮޑަށް ޑައިރެކްޓްކޮށް ސަބްސިޑީ ދިނުމާއި އާސަންދައިގެ ޚަރަދުތައް ކުޑަކުރުމަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާއިރު، ޕޭ ހަރމަނައިޒޭޝަންއަށް ބަޖެޓުގައި ހިމަނާފައިވާ މިންވަރަށް އެ ޚަރަދުނުކޮށް ހިފަހައްޓަވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީއަށާއި، އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދިނުމަށް ސަރުކާރުން ފާއިތުވި 4 އަހަރު ތެރޭގައި ކުރެވުނު ބައެއް މުހިއްމު މަސައްކަތްތަކުގެ ތަފާސް ހިސާބުވެސް ރައީސް ވަނީ ހިއްސާކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ސާފު ބޯފެނާއި ނަރުދަމާ އެންމެންނަށް ފޯރުކޮށްދިނުމުގެ 141 މަޝްރޫޢެއް މިހާރުވެސް ކުރިއަށްދާކަމަށެވެ. އަދި 7 ރަށެއްގެ ބިން އިތުރުކުރުމުގެ މަސައްކަތް ނިމި، 8 ރަށެއްގެ ބިން އިތުރުކުރުމުގެ ޢަމަލީ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ޞިއްޙީ ދާއިރާއާއި ގުޅުންހުރި 31 މަޝްރޫޢެއް ނިމިފައިވާއިރު، މީގެ ތެރޭގައި ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކާއި އަތޮޅު ހޮސްޕިޓަލްތަކާއި ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.