ޚަބަރު

ދައުލަތުގެ ޔޫސަބަލް ރިޒާވްއަށް 114 މިލިއަން ޑޮލަރު އިތުރުވެއްޖެ


ދައުލަތުގެ ޔޫސަބަލް ރިޒާވްއަށް މިދިޔަ އޮކްޓޫބަރު މަހާއި އަޅާބަލާއިރު 114 މިލިއަން ޑޮލަރު އިތުރުވެއްޖެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭއިން ހާމަކޮށްފިއެވެ.

އެމް.އެމް.އޭއިން މިކަން ހާމަކޮށްފައިވަނީ ދައުލަތުގެ މާލީ ތަފާސްހިސާބުތައް ބަޔާންކޮށް އެ އޮތޯރިޓީއިން ކޮންމެ މަހަކު ނެރޭ މާލީ ތަފާސްހިސާބުތަކުގައެވެ.

އެމް.އެމް.އޭގެ ރިޕޯޓުގައިވާގޮތުން މިދިޔަ މަސް ނިމުނުއިރު، ދައުލަތުގެ ރަސްމީ ރިޒާވުގައި ހުރީ 604.2 މިލިއަން ޑޮލަރު ނުވަތަ 9.3 ބިލިއަން ރުފިޔާއެވެ. މިއަހަރުގެ އޮކްޓޫބަރު މަހު ދައުލަތުގެ ރަސްމީ ރިޒާވުގައި ހުރީ 499.6 މިލިއަން ޑޮލަރު ނުވަތަ 7.6 ބިލިއަން ރުފިޔާއެވެ. މިއީ %21 އިތުރުވުމެކެވެ.

ރަސްމީ ރިޒާވަކީ ޤައުމެއްގެ މާލީ ޤާބިލުކަން ހުރި މިންވަރު އަންގައިދޭ މިންގަނޑެކެވެ. އެގޮތުން، ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެ ކުރެވޭނޭ ޤާބިލުކަން ރާއްޖޭގައި ހުރިކަން ނުވަތަ ނެތްކަން ވަޒަން ކުރާނީ ރިޒާވް ހުންނަ ވަރަށް ބަލައިގެންނެވެ. މިއީ ހިއްސާ ވިއްކައިގެންނާއި އިންވެސްޓްކޮށްގެން ދައުލަތަށް ލިބޭ އާމްދަނީއެކެވެ.

މިއާމްދަނީގެ ތެރެއިން، ދައުލަތުން ދައްކަންޖެހޭ ދަރަނިތައް އުނިކުރުމަށްފަހު ބަކީބައި ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ކަނޑައަޅައެވެ. އެމް.އެމް.އޭގެ ރިޕޯޓުގައިވާ ގޮތުން އޮކްޓޯބަރު މަހު ދައުލަތުގެ ޔޫސަބުލް ރިޒާވްގައި ހުރީ 105.1 މިލިއަން ޑޮލަރު ނުވަތަ 1.6 މިލިއަން ރުފިޔާއެވެ. ނޮވެންބަރު މަހު ދައުލަތުގެ ޔޫސަބަލް ރިޒާވްގައި ހުރީ 219 މިލިއަން ޑޮލަރު ނުވަތަ 3.3 މިލިއަން ރުފިޔާއެވެ. މިއީ އޮކްޓޫބަރު މަހާއި އަޅާބަލާއިރު 114 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.

ދައުލަތުގެ ޔޫސަބްލަ ރިޒާވް އިތުރުވެފައިވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް، އިންޑިއާއިން ދާދިފަހުން ބަޖެޓަރީ ސަޕޯޓްގެ ގޮތުގައި 100 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފޯރުކޮށްދިނުމާއި ގުޅިގެންނެވެ.

އިންޑިއާއިން މި އެހީ ފޯރުކޮށްދީފައި ވަނީ މިދިޔަ ނޮވެންބަރު މަހުގެ 29 ވަނަ ދުވަހުއެވެ. މި ފައިސާގެ އެހީ ފޯރުކޮށްދީފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ، އެސް.ބީ.އައި އަށް ދޫކުރެވޭ ޓްރެޝަރީ ބޮންޑް ސޭލްއެއް މެދުވެރިކޮށެވެ.

ރާއްޖެއަށް އިންޑިއާއިން މި އެހީ ދީފައިވަނީ އެއްވެސް ޝަރުތަކާއިނުލާ، ސަރުކާރަށް ފެންނަ ގޮތުގައި އިސްކަންދީގެން ޤައުމަށް މިވަގުތު ދިމާވެފައިވާ އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް ޙަރަދުކުރުމަށެވެ. މި ފައިސާގެ އެހީއަށް އިންޑިއާއިން ވަނީ އެސް.ބީ.އައިއަށް ސޮވެރެއިން ގެރެންޓީ ފޯރުކޮށްދީފައިއެވެ.

ރާއްޖޭގެ ރިޒާވް ހުސްވެ، ޑިފޯލްޓަކަށް ގޮސް، ދަރަނި ދެއްކުމުގެ ޤާބިލުކަން ނެތްކަމަށްބުނެ ސޯޝަލް މީޑިއާއިގައި ތަފާތުވާކަތައް ދަނީ ދައުރުވަމުންނެވެ. އެހެންނަމަވެސް މިވާހަކަތަކީ ހަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަމަށް ފިނޭންސް މިނިސްޓްރީން މީގެކުރިން ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއަށް ޑޮލަރުން ލިބޭ އާމްދަނީ އިތުރުވެ، ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ޕްރީ-ކޯވިޑް ލެވެލްގައި ދެމެހެއްޓޭނެކަމަށްވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.