ޗައިނާ ފަތުރުވެރިން އަންނަ މަހު ރާއްޖެއަށް އަންނަން ފަށާނެ ކަމަށް ޗައިނާއިން ދިވެހިރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ވަންގ ލިޒިން ވިދާޅުވެއްޖެއެވެ. ރާއްޖެއަށް ޗައިނާއިން ފަތުރުވެރިން އަންނަން މި ފަށަނީ ގާތްގަނޑަކަށް 3 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ.
މިކަމާއިގުޅިގެން، ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ވަންގ ލިޒިން ވިދާޅުވީ، އެ ޤައުމުގެ ރައްޔިތުންނަށް ވަކި ހަމަތަކެއްގެ މަތިން ދަތުރުކުރުމުގެ ލުއިތައް ވަރަށް އަވަހަށް ދޭނެކަމަށެވެ. ނަމަވެސް، ދެ ޤައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް އަދި ވަގުތު ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ޗައިނާއާއި ރާއްޖެއާއި ދެމެދު ސީދާ ދަތުރުތައްކުރުމަށްޓަކައި މޯލްޑިވިއަން އެއަރލައިންއާއިއެކު މަސައްކަތްކުރަމުންދާކަމަށް ޗައިނާ ސަފީރު ވިދާޅުވިއެވެ.
ކޮވިޑާއި ގުޅިގެން ޗައިނާގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން އެ ޤައުމުން ވަނީ ލުއިދޭން ފަށާފައެވެ. ޗައިނާގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެޤައުމަށް އެތެރެވުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަރަންޓީނު އަންނަ ޖަނަވަރީ މަހުގެ 8 ވަނަ ދުވަހުން ފެށިގެން އުވައިލަން އެ ޤައުމުން މިހާރު ވަނީ ނިންމާފައެވެ.
ކޯވިޑް19 ގެ ކުރިން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް 284029 (ދެ ލައްކަ އަށްޑިހަ ހަތަރު ހާސް ނަވަވީސް) ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ އެ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމެވެ.
ޗައިނާގައި އެންމެ ފުޅާ ދާއިރާއެއްގައި އޮންލައިން ޓްރެވަލް އެޖެންޓުކަމުގެ ޙިދުމަތްދޭ، ސީ-ޓްރިޕުން، ޗައިނާ އައުޓްބައުންޑު ޓޫރިޒަމް ރިސަރޗު އިންސްޓިޓިއުޓް އާއި ގުޅިގެން މިއަހަރު ވަނީ ޗައިނާ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލު މަންޒިލްތައް ހިމަނައިގެން ރިޕޯޓެއް ނެރެފައެވެ. ޗައިނީސް ހައި- އެންޑު އައުޓްބައުންޑް ކަސްޓަމައިޒްޑު ޓްރެވަލް ރިޕޯޓުގައިވާގޮތުން ރާއްޖެއަކީ ޗައިނާ ފަތުރުވެރިންގެ މެދުގައި 4 ވަނަ އަށް އެންމެ މަޤްބޫލް މަންޒިލެވެ.
ކޯވިޑަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން، ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ލިބެމުންނެވެ. އެގޮތުން ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ވިދިވިދިގެން 3 ވަނަ ފަހަރު މިއަހަރު ރާއްޖެއަށް ވަނީ ލިބިފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން މިއަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުކަމުގައިވާ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ އަމާޒު މިމަހުގެ 20 ވަނަ ދުވަހު ވަނީ ހާޞިލުކޮށްފައެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް ލިބެމުންދާ ކުރިއެރުންތަކާއެކު، ރާއްޖޭގެ މުޅި އިޤްތިޞާދީ ކުރިމަގުވެސް ފެނިގެންދަނީ އުޖާލާކޮށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.