އައު އަހަރާއެކު މުދަލާއި ޚިދުމަތުން ނެގޭ ޓެކްސް ނުވަތަ ޖީ.އެސް.ޓީ އަށާއި ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނެގޭ ޓެކްސް، ޓީ.ޖީ.އެސް.ޓީގެ ރޭޓްތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާއިރު، މި ބަދަލުތަކަށް ވިޔަފާރިވެރިންނާއި އާއްމުންވެސް އަހުލުވެރިވުން މުހިއްމެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން، 1 ޖެނުއަރީ 2023 އިން ފެށިގެން ޓީ.ޖީ.އެސް.ޓީ ރޭޓް %16 އަށް އަދި ޖީ.އެސް.ޓީ ރޭޓް %8 އަށް ބަދަލުވާނެއެވެ.
މިކަމާއި ގުޅިގެން އާންމުންނާއި ވިޔަފާރިން ސަމާލުކަންދޭންވީ އެތައް ކަމެއް އެބަހުއްޓެވެ.
ޖީ.އެސް.ޓީއާއި ޓީ.ޖިއެސްޓީއަށް ރޭޓަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމެވީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށެވެ. ކޯވިޑް-19 އާއި ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދަށަށްގޮސްފައިވާއިރު، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށް، ދަރަނިއާއި ޚަރަދު ކުޑަކުރުމަކީ ސަރުކާރުގެ އަމާޒެވެ.
މުދަލާއި ޚިދުމަތުން ނެގޭ ޓެކްސް ނުވަތަ ޖީ.އެސް.ޓީ އަދި ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނެގޭ ޓެކްސް ޓީ.ޖީ.އެސް.ޓީގެ ރޭޓުތަކަށް ބަދަލު ގެނައުމަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކޮންމެހެންވެސް އަޅަންޖެހިފައިވާ ފިޔަވަޅެއްކަމަށް ފިނޭންސް މިނިސްޓްރީން ވަނީ މީގެކުރިން ވިދާޅުވެފައެވެ.
ރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވަނީ ރާއްޖޭގެ މައި ސިނާޢަތްކަމަށްވާ ފަތުރުވެރިކަމަށެވެ. ފަތުރުވެރިކަމުގެ ސިނާޢަތަށް އަންނަ ކޮންމެ ލޮޅުމަކީ ރާއްޖޭގެ އިޤްތިޞާދަށް އަންނަ ލޮޅުމެކެވެ.
މިކަމުން ދައްކައިދެނީ ރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މިންވަރެވެ. އެހެންކަމުން، ޓީ.ޖީ.އެސް.ޓީ ރޭޓް %16 އަށް އަދި ޖީ.އެސް.ޓީ ރޭޓް %8 އަށް ބަދަލުކުރުމަކީ ރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމަށް ބިނާވެފައިވާ މިންވަރު ކުޑަކޮށް، އެހެން ދާއިރާތަކުން ލިބޭ އާމްދަނީ އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ރާއްޖޭގައި ޖީ.އެސްޓީ ފުރަތަމަ ތަޢާރަފްކޮށްފައިވަނީ 2 އޮކްޓޫބަރު 2011 ވަނަ އަހަރުއެވެ. އެދުވަހުން ފެށިގެން %3.5 ގައި މުދަލާއި ޚިދުމަތުން ޓެކްސް ނަގަން ފެށުނެވެ. ނަމަވެސް، 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު ޓެކްސް ރޭޓަށް ބަދަލު ގެނެސް، %6 ގައި މުދަލާއި ޚިދުމަތުން ޓެކްސް ނަގަން ފެށުނެވެ.
އެގޮތުގެ މަތިން އަދާހަމައަށްވެސް މުދަލާއި ޚިދުމަތުން ޓެކްސް ނަގަމުންދެއެވެ. 12 އަހަރު ފާއިތުވީއިރުވެސް ޖީ.އެސް.ޓީ ނުވަތަ މުދަލާއި ޚިދުމަތުން ނެގޭ ޓެކްސްއާއި ބެހޭގޮތުން އާއްމުންނަށް އޭހާ އަހުލުވެރިނޫން ބައެއް ކަންކަން އެބަހުއްޓެވެ.
* ކާޑުގެ ބާވަތްތައް (ހަނޑު، ހަކުރު، ފުށް)
* ލޮނު
* ކިރު
* ކާތެޔޮ
* މަހާއި، މަހުގެ ބާވަތްތައް
* ސައިފަތް
* ފިޔާ އަދި އަލުވި
* ހަވާދުގެ ބާވަތްތައް
* ދިޔާހަކުރު، ކުރުނބާ، ކުރޮޅި އަދި ކާށި
* ކެރެޓް، ކެބެޖް، ބީންސް އަދި ޓޮމާޓޯ
* ހުރިހާ ބާޥަތްތަކުގެ މޭވާ
* ފާން އަދި ބަނަސް
* ކުޑަކުދިންގެ ނެޕީއާއި ބޮޑެތި މީހުންގެ ނެޕީ
* ކުޑަކުދިންގެ ކާބޯތަކެތި
* ގޭސް
* ޑީސެލް އަދި ޕެޓްރޯލް
* ޓިޝޫ ފަދަ ޕެޑް ފަދަ ބާވަތްތައް
މިބާވަތްތަކަކީ މިހާރުވެސް ޖީ.އެސް.ޓީ ނުނަގާ ބާވަތްތަކުގައި ހިމެނޭ ބާވަތްތަކެވެ. މިބާވަތްތައް ނޫން ބާވަތްތަކުން މިހާރު %6 ގައި ޖީ.އެސް.ޓި ނަގަމުންދާއިރު، މާދަމާއިން ފެށިގެން %8 ގައި ޖީ.އެސް.ޓީ ނަގަމުންދާނެއެވެ.
* 24 ގަޑިއިރު ޚިދުމަތް ނުދޭ ކެފޭތަކާއި ރެސްޓޯރަންޓްތަކާއި 24 ގަޑިއިރު ޚިދުމަތް ނުދޭ އެހެން ވިޔަފާރިތަކުން، އައު ރޭޓުގައި މާދަމާ ޖީ.އެސް.ޓީ ނަގަން ފަށާނީ އެފަދަ ތަންތަން ހުޅުވާ ވަގުތުން ފެށިގެން
* 24 ގަޑިއިރު ޚިދުމަތް ދޭ ވިޔަފާރިތަކުން މިރޭ 00:00 ފެށިގެން އައު ރޭޓުގައި ޖީ.އެސް.ޓީ ނަގަން ފެށުން
* މާދަމާއިން ފެށިގެން މުދަލާއި ޚިދުމަތުގެ އަގު ޖީ.އެސް.ޓީގެ އައު ރޭޓު ހިމަނައިގެން ޖަހައިފައި ހުރުން
* މިރޭ އަގުތަކަށް ބަދަލު ގެންނަން އުނދަގޫ ވާ ފަރާތްތަކުން، މާދަމާގެ ކުރިން ނަގާނެ އަގާއި، މާދަމާއިން ފެށިގެން ނަގާނެ އަގު ސާފުކޮށް އެނގޭނެހެން އަގު ޖަހައިފައި ބެހެއްޓުން
ޖީ.އެސް.ޓީ އަދި ޓީ.ޖީ.އެސް.ޓީ ރޭޓްތަކަށް މާދާމައިން ފެށިގެން ބަދަލު އަންނާތީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ދަނީ ވިޔަފާރިވެރިންނާއި އާންމުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން، ޖީ.އެސް.ޓީ ރޭޓަށް އަންނަ ބަދަލާއި ގުޅިގެން ވިޔަފާރިތަކުން ސަމާލުކަންދޭންޖެހޭ ކަންތައްތައް ހިމަނައިގެން "ފެކްޓް ޝީޓް" އެއް ތައްޔާރުކޮށް މީރާގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާކަމަށް މިރާއިން ވިދާޅުވެއެވެ.
މީގެއިތުރުން، މި ބަދަލަށް ތައްޔާރުވުމަށް ޓެކްސް ދައްކާ ފަރާތްތަކާއި، އާންމުން ހޭލުންތެރިކުރުމުގެ ގޮތުން މީރާއިން ދަނީ ޚާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދަމުންނެވެ. މި ކެމްޕެއިންގެ ދަށުން މީރާގެ ޓިމުތަކުން ދަނީ މާލޭގެ އިތުރުން އަތޮޅުތަކަށް ޒިޔާރަތްކޮށް ޓެކްސް ދައްކާ ފަރާތްތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކާއި ،އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މާދާމާ ޖީ.އެސް.ޓީގެ ރޭޓު ބަދަލުވުމަށްފަހު ވިޔަފާރިތަކުން އަމަލުކުރަމުން ގެންދަނީ ޤާނޫނާއި އެއްގޮތަށްތޯ ބެލުމަށް މީރާގެ ޓީމުތަކުން ވިޔަފާރިތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށްވެސް މީރާއިން މައުލޫމާތުދެއެވެ.