ގްރީން ފަންޑުން މިދިޔަ ނޮވެންބަރު މަހު 44 މަޝްރޫއަކަށް 51.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ އެއިދާރާއިން ނެރޭ ގްރީން ޓެކްސް ރިޕޯޓުގައެވެ.
މިދިޔަ ނޮވެންބަރު މަހު ޚަރަދުކޮށްފައިވާ މިންވަރަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ގްރީން ފަންޑުން ކުރި ޚަރަދާ އަޅާބަލާއިރު، %66.8 ދަށް އަދަދެކެވެ. އޮކްޓޫބަރު މަހު ގްރީން ފަންޑުން ޚަރަދުކޮށްފައިވަނީ، 60 މަޝްރޫޢަކަށް، 154.9 މިލިއަން ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ގްރީން ފަންޑު ރިޕޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން ނޮވެންބަރު މަހު ގްރީން ފަންޑުން ޚަރުދުކޮށްފައިވަނީ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫއުތަކާއި ރައްކާތެރި ފެން ފޯރުކޮށްދިނުމުގެ މަޝްރޫއުތަކަށެވެ.
ފިނޭންސްގެ ރިޕޯޓުގައިވާގޮތުން ނޮވެންބަރު މަހު ގްރީން ފަންޑުން އެންމެ ގިނައިން ހޭދަކޮށްފައިވަނީ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫއުތަކަށެވެ. ރައްކާތެރި ފެނާއި ނަރުދަމާގެ ނިޒާމު ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހްގެ ތަސައްވުރެކެވެ.
* އއ. މަތިވެރީގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށް - 4.9 މިލިއަން ރުފިޔާ
* އއ. ފޭދޫގައި ފެނާއި ނަރުދަމާގެ މަޝްރޫއު - 4.4 މިލިއަން ރުފިޔާ
* އއ. ހިމަންދޫގައި ފެނާއި ނަރުދަމާގެ މަޝްރޫއު - 4.2 މިލިއަން ރުފިޔާ
* ތ. ބުރުނީގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް - 3.87 މިލިއަން ރުފިޔާ
* ބ. ކެންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް - 3.80 މިލިއަން ރުފިޔާ
ނޮވެންބަރު މަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ޖުމްލަ އަދަދު ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާއިރު، ނޮވެންބަރު މަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއާއި، އެ ފައިސާ ޚަރަދު ކުރެވުނު ގޮތުގެ ތަފްސީލްވެސް ވަނީ ހާމަކޮށްފައެވެ.
މިދިޔަ އަހަރުގެ 11 މަސް ދުވަސްތެރޭ 897 މިލިއަން ރުފިޔާ ގްރީން ފަންޑަށް ލިބިފައިވާއިރު، އޭގެ ތެރެއިން 778 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ނޮވެންބަރު މަހުގެ ނިޔަލަށް ގްރީން ފަންޑުގައި ހުރީ 826 މިލިއަން ރުފިޔާއެވެ.
ގްރީން ފަންޑަކީ ތިމާވެއްޓާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސްއާއި ސިޓީ ހޮޓާތަކާއި ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.
ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކަށް އަންނަ ފަތުރުވެރިން، އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ދައްކަން ޖެހެއެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން، އެ ތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 3 ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސް ދައްކަންޖެހެއެެވެ.