ޚަބަރު

ޗުއްޓީއާއެކު ގެސްޓް ހައުސްތައް ފުރިފައި


ކޮންމެ އަހަރެއް ފެށޭ ދުވަސްވަރަކީ ގިނަ އަދަދެއްގެ ދިވެހިންނާއި ފަތުރުވެރިން ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރާ ދުވަސްވަރެކެވެ. އެގޮތުން އެހެން އަހަރެކޭވެސް އެއްގޮތަށް މިއަހަރުގެ މިދުވަސްވަރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ގެސްޓް ހައުސްތައް ވަނީ ފުރިފައެވެ.

ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިހާރު ގެސްޓްހައުސް ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާއިރު، މިކަންވެފައިވަނީ ރަށްރަށަށް އިޤްތިޞާދީ ފުދުންތެރިކަން އިތުރުވާ އެއް ވަސީލަތަަކަށެވެ. ކޯވިޑް-19ގެ ސަބަބުން ގެސްޓް ހައުސް ވިޔަފާރިއަށް ބޮޑު ހީނަރުކަމެއް ލިބުނެވެ.

ގެސްޓްހައުސް ވިޔަފާރި ނުވަތަ ރަށު ފަތުރުވެރިކަން އެންމެ ފުޅާދާއިރާއެއްގައި ކުރިއަރާފައިވާ އަތޮޅުތަކުގެ ތެރޭގައި ކ.އަތޮޅާއި، އއ. އަތޮޅާއި ރ.އަތޮޅު ހިމެނެއެވެ. އެގޮތުން، ކ. އޮތޮޅުގައި ރަށު ފަތުރުވެރިކަމަށް ނަން މަޝްހޫރު އެއް ރަށަކީ މާފުއްޓެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، މާފުށީގެ ގެސްޓްހައުސްއެއް ކަމަށްވާ ކާނި ސީވިއުއިން ބުނީ މިދުވަސްވަރު ގެސްޓް ހައުސްގެ ޑިމާންޑް އިތުރުވެފައިވާކަމަށެވެ. އެގޮތުން، މިދިޔަ ނޮވެންބަރުމަހުން ފެށިގެން މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ގެސްޓް ހައުސްއަށް ޑިމާންޑް އޮންނާނެކަމަށް ކާނި ސީވިއުއިން ބުނެއެވެ. އަދި މިވަގުތު އެ ގެސްޓް ހައުސްގެ ޚިދުމަތް 453 ފަރާތަކުން ހޯދަމުންދާކަމަށްވެސް ކާނި ސީވިއުއިން ބުނެއެވެ.

ކ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި ރަށު ފަތުރުވެރިކަން ކުރާ އަނެއް ރަށްކަމަށްވާ ދިއްފުށީގެ އަމީރާގެ ގެސްޓް ހައުސްއިން ބުނީ އެ ގެސްޓް ހައުސްގެ ވިޔަފާރިވެސް މިދުވަސްވަރު ރަނގަޅުވެފައިވާކަމަށެވެ. އެގޮތުން، އެގެސްޓްހައުސްގެ އޮކިޕެންސީ ރޭޓް ހުރީ %100ގައިކަމަށް އަމީރާ ގެސްޓް ހައުސްއިން ބުންޏެވެ.

އަމީރާ ގެސްޓް ހައުސްއިން ބުނީ މިއީ ކޯވިޑްގެ ފަހުން މިހާވަރަށް ގެސްޓް ހައުސް ވިޔަފާރި ކުރިއެރި ފުރަތަމަ ފަހަރުކަމަށެވެ. އަދި މިދުވަސްވަރު ފަތުރުވެރިންނާއި އެއްވަރަށް ދިވެހިންގެ ޑިމާންޑްވެސް ބޮޑުކަމަށް އެގެސްޓް ހައުސްއިން ފާހަގަކުރެއެވެ.

މާލެ ސަރަހައްދުގައި އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ދިވެހިން ދެން އެންމެ ގިނައިން ދާ އެއް ތަނަކީ ހުޅުމާލެއެވެ.

ހުޅުމާލޭގެ ގެސްޓް ހައުސްއެއްކަމަށްވާ ނޫމޫ ގެސްޓް ހައުސްއިން ބުނީ މިދުވަސްވަރު އެގްސްޓް ހައުސްއާއި ހުޅުމާލޭގެ ގިނަ ގެސްޓް ހައުސްތައް ފުރިފައިވާކަމަށެވެ.

12 ކޮޓަރީގެ ޚިދުމަތްދޭ މިގެސްޓް ހައުސްގެ 12 ކޮޓަރިންވެސް އަބަދުވެސް ޚިދުމަތް ހޯދަމުންދާކަމަސް ނޫމޫ ގެސްޓް ހައުސްއިން ފާހަގަކުރެއެވެ. މީގެތެރޭގައި، ދިވެހިންނާއި ފަތުރުވެރިން ހިމެނޭއިރު، މިދުވަސްވަރު ގެސްޓް ހައުސްގައި ޑިމާންޑް ބޮޑީ ދުވާލު ގަޑީގައިކަމަށްވެސް ނޫމޫއިން ފާހަގަކުރެއެވެ.

ކޯވިޑްގެ ސަބަބުން ވިަޔަފާރިއަށް ލިބުން ހީނަރުކަމުން އަރައިތުން

ކޯވިޑްގެ ސަބަބުން އެންމެ ބޮޑު ހީނަރުކަމެއް ލިބުނީ ފަތުރުވެރިކަމުގެ ސިނާޢަތަށެވެ. އެގޮތުން، މިސިނާޢަތުގެ އެހެން ވިޔަފާރިތަކާއި އެއްގޮތަށް ގެސްޓްހައުސްތަކަށްވެސް ވަނީ ދަތި އުނދަގޫ ދުވަސްތަކަކާއި ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް އެކަމުން މަޑުމަޑުން އަރައިގަނެވި، އެވިޔަފާރިތައް ކުރިއެކޭ އެއްވަރަށް ކުރިއަރަމުންދާކަމަށް ގެސްޓް ހައުސްތަކުން ބުނެއެވެ.

ރަށު ފަތުރުވެރިކަން ތަރައްޤީވެ ފުޅާވުމަކީ އޭގެ ސަބަބުން ރަށެއްގެ އިޤްތިސާދާއި ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެގެންދާނެކަމެކެވެ. ރާއްޖޭގެ ގިނަ ރަށްތަކުން މިދުވަސްވަރު ފެންނަނީ މިމަންޒަރެވެ. ރަށުގެ ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކުގެ ގެސްޓްހައުސް ވިޔަފާރިއާއިއެކު މުޅި ރަށުގެ ފުދުންތެރިކަން އިތުރުވެފައިވާކަމަށް ރައްޔިތުން ޤަބޫލުކުރެއެވެ.