މިދިޔަ ޑިސެންބަރުމަހު ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓްގެ މުވައްޒަފުންނަށް ސަރވިސް ޗާޖުގެ ގޮތުގައި، 1645.23 ޑޮލަރު ނުވަތަ 25369 ރުފިޔާ ލިބިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ ޑިސެމްބަރުމަހު އެންމެ ގިނަ އަދަދަކަށް މުވައްޒަފުންނަށް ސަރވިސް ޗާޖް ދިން ރިސޯޓެވެ.
ރިސޯޓު ވޯކާސް މޯލްޑިވްސް ފޭސްބުކް ޕޭޖުގައި ވަނީ 21 ރިސޯޓެއްގެ ސަރވިސް ޗާޖާއި ގުޅޭ މައުލޫމާތުތައް އާއްމުކޮށްފައެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓާއިއެކު އިތުރު 7 ރިސޯޓަކުން ވަނީ 1000 ޑޮލަރަށްވުރެ މަތިން މުވައްޒަފުންނަށް ސަރވިސް ޗާޖް ދީފައެވެ. އޭގެ ތެރޭގައި ރިޓްޒް ކާލްޓަން ރިސޯޓާއި ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓް ހިމެނެއެވެ.
- ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓު - 25369 ރުފިޔާ
- ރިޒް ކާލްޓަން ފަރި އައިލެންޑް ރިސޯޓު - 24665 ރުފިޔާ
- ޝަވަލް ބްލޯންކް ރަންދެލި ރިސޯޓު - 24394 ރުފިޔާ
- ސެންޓް ރެޖިސް ވޮމުލި ރިސޯޓް - 24440 ރުފިޔާ
- ރީތިރަށް އައިލެންޑް ރިސޯޓު - 18133 ރުފިޔާ
- ވަކަރު މޯލްޑިވްސް ރިސޯޓު - 17933 ރުފިޔާ
- ހުރަވަޅި އެންޑް ކުޑަދޫ ރިސޯޓް - 16005 ރުފިޔާ
ކޮންމެ އަހަރެއްގެވެސް ފަހުކޮޅުއާއި ކުރީކޮޅު މުވައްޒަފުންގެ ސަރވިސް ޗާޖް އަހަރުގެ އެހެން މަސްތަކާއި އަޅާބަލާއިރު އިތުރުވެއެވެ. ސަބަބަކީ މިދުވަސްވަރު ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާތީއެވެ.
މިދިޔަ މަސް ނިމުނުއިރު، 1675299 (އެއް މިލިއަން ހަލައްކަ ހަތްދިހަ ފަސްހާސް ދުއިސައްތަ ނުވަދިހަ ނުވަ) ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ޑިސެންބަރުމަހު އެންމެ ދަށްކޮށް ސަރވިސް ޗާޖު ދިން ރިސޯޓުތަކުގެ ސަރވިސް ޗާޖުގެ ގޮތުގައި ދިން އަދަދު އުޅެނީ 5000 ރުފިޔާއާއި 4000 އާއި ދެމެދުގައިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ސަރވިސް ޗާޖު ނުދޭ މައްސަލައާއި ސަރވިސް ޗާޖު ބެހުމުގައި ހަމަހަމަކަމެއް ނެތުމުގެ ޒަމާންވީ މައްސަލަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވަނީ ބޮޑު ހައްލެއް ގެނެސްދެއްވާފައެވެ. އެގޮތުން، ވަޒީފާއާއި ބެހޭ ޤާނޫނަށް ސަރުކާރުން މިހާރު ސާވިސްޗާޖުގެ ގޮތުގައި ނަގާ ޢަދަދުގެ މަދުވެގެން %10 މުވައްޒަފުންގެ މެދުގައި ބެހުމަށް ލާޒިމްކޮށް ޤާނޫނު ވަނީ އިސްލާހުކޮށްފައެވެ.