ޚަބަރު

ޖީއެސްޓީ ރޭޓަށް ބަދަލު އަޔަސް ތަކެތީގެ އަގު ހިފެހެއްޓިފައި


މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން، މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ޖީ.އެސް.ޓީ ރޭޓް %8 އަށް ވަނީ ބަދަލުވެފައެވެ. މިކަމާއި ގުޅިގެން، މިދުވަސްވަރު މީސް މީޑިއާގައި އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ ތަކެތީގެ އަގުތަކަށް އަންނަ ބަދަލުގެ ވާހަކައެވެ. އަދި މިދަނޑިވަޅުގައި ޖީއެސްޓީ ނުނަގާ ބާވަތްތަކުގެ އަގު އުފުލެމުންދާތީ ގިނަ ބަޔަކު ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޖީ.އެސް.ޓީ ރޭޓަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމެވީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށެވެ. ކޯވިޑް-19 އާއި ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދަށަށްގޮސްފައިވާއިރު، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށް، ދަރަނިއާއި ޚަރަދު ކުޑަކުރުމަކީ ސަރުކާރުގެ އަމާޒެވެ. މީގެއިތުރުން، ރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އެހެން ދާއިރާތާކުން ލިބޭ އާމްދަނީ އިތުރުކުރުމަކީވެސް ޓެކްސް ރޭޓަށް ބަދަލުގެނައުމުގެ މުހިންމު މަޤްޞަދެކެވެ.

ޖީ.އެސް.ޓީ ރޭޓް ބަދަލުވިޔަސް މައިގަނޑު ހުރިހާ ތަކެތީގެ އަގަށް ބޮޑު ބަދަލެއް ނާދޭ

ރާއްޖޭގެ އެންމެ ބޮޑު އެއް ފިހާރަކަމަށްވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގައި ޖީ.އެސްޓީ ރޭޓަށް ބަދަލުއައުމާއި ގުޅިގެން ގިނަ ބާވަތްތަކުގެ އަގު އުފުލިފައި ވަނީ އެންމެ 2 ރުފިޔާ ނުވަތަ 3 ރުފިޔާއަށެވެ. އެހެންނަމަވެސް، ފާހަގަކޮށްލެވޭ ބައެއް ބާވަތްތަކުގެ އަގު ވަނީ 10 ރުފިޔާ އާއި 15 ރުފިޔާއާއި ދެމެދުގެ އަދަދުތަކަށް މައްޗަށްގޮސްފައެވެ. އަދި ޖީއެސްޓީ ރޭޓް ބޮޑުކުރިފަހުން މައިގަނޑު ގޮތެއްގައި ތަކެތީގެ އަގު ހުރީ ހިފެހެއްޓިފައެވެ.

އަގު ބޮޑުވި ކަމަށް ފާހަގަކޮށްލެވޭ ބައެއް ބާވަތްތައް:

* ބާސްމަތީ ހަނޑޫ
* ރަތް ހަނޑޫ
* ހުދު ހަނޑޫ
* ކާށި ކިރު
* ލަންޗަން މީޓް

މިބާވަތްތަކަކީ ޖީ.އެސް.ޓީގެ ސަބަބުން ފާހަގަކޮށްލެވޭ ވަރަށް އަގު މައްޗަށްގޮސްފައިވާ ބާވަތްތަކެވެ. މިނޫން ބާވަތްތަކުގެ އަގު ހުރީ ހިފެހެއްޓިފައެވެ.

ޖީ.އެސް.ޓީގެ އިތުރުންވެސް ތަކެތީގެ އަގު ބޮޑުވުމަށް މެދުވެރިވާ ސަބަބުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ސަޕްލައި ޗެއިންއަށް ބުރޫއެރުން ހިމެނެއެވެ. އަދި ދުނިޔޭގެ ހުރިހާ ޤައުމުތަކުން ކޯވިޑް-19 އަށްފަހު އިޤްތިޞާދު ރަނގަޅުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ތަކެތީގެ ޑިމާންޑް ބޮޑުވުމަކީވެސް ތަކެތީގެ އަގު ބޮޑުވާ ސަބަބެކެވެ.

މާލޭގެ ލޯކަލް މާރުކޭޓްގައި ތަކެތީގެ އަގުތަކަށް ބަލާއިރު، ގިނަ ބާވަތްތަކުގެ އަގު ހުރީ މިހާރު ހިފެހެއްޓިފަައެވެ. ޖީއެސްޓީއަށް ބަދަލު ގެނައިފަހުން ބާޒާރުގައި އަގު މައްޗަށްގޮސްފައިވާ ތަކެތީގެ ތެރޭގައި ބްރޮކޮލީ، ކެޕްސިކަމް، ބެލްޕެޕަރ ހިމެނެއެވެ. މި ބާވަތްތައް ހިމެނެނީ ޖީ.އެސް.ޓީ ނަގާ ބާވަތްތަކުގެތެރޭގައެވެ.

ބާޒާރުގައި މިހަރު އެންމެ އަގު ބޮޑުކޮށް ހުރީ ލުނބޮލެވެ. މިއީ ޖީ.އެސް.ޓީ ނުނަގާ ބާވަތެކެވެ. ނަމަވެސް ލުނބޯގެ އަގު ބޮޑުވެފައިވަނީ އެތެރެކުރުމުގައި ދިމާވި މައްސަލައަކާއި ގުޅިގެންނެވެ. ބާޒާރުގައި ލުނބޯ ވިއްކާ އަގު މިދުވަސްވަރު ހުރީ 45 ރުފިޔާ އާއި 50 ރުފިޔާއަށް ބޮޑުވެފައެވެ. ކުރިން ލުނބޯ ކިލޯ އެއް 25 ނުވަތަ 30 ރުފިޔާއަށް ލިބެއެވެ. އަދި ލުނބޯގެ އަގު ވަރަށް އަވަހަށް ކުރިން ހުރި ވަރަށް ދަށަށް ދާނެކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ބާޒާރުގައި މިދުވަސްވަރު އެންމެ އަގު ހެޔޮކޮށް ވިއްކަނީ މިރުހެވެ. ވިޔަފާރިވެރިން ބުނާގޮތުގައި މިދުވަސްވަރު، ރަށްރަށުން މިރުސް ލިބޭ އަދަދު ވަނީ އިތުރުވެފައެވެ.

ސަރުކާރުން މިއަހަރު މުދަލާ ޚިދުމަތުން ނަގާ ޓެކްސް ނުވަތަ ޖީ.އެސް.ޓީ ބޮޑުކުރުމަށް ނިންމި ނިންމުމަކީ ދައުލަތުގެ މާލީ ސިޔާސަތު ހަރުދަނާކުރުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއްކަން އައި.އެމް.އެފްއިން ފާހަގަކުރެއެވެ. އަދި ހަކަތައިގެ އަގުތަކާއި، ކާބޯތަކެތީގެ އަގުތައް އުފުލެމުން ދިިޔުމާއި، މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބާއެކު ޚަރަދުކުރުންތައް އިތުރުވާނެތީ، އިންފްލޭޝަން ރޭޓު 4.9 އިންސައްތައަށް އަރާނެ ކަމަށް އައި.އެމް.އެފްއިން ލަފާކުރެއެވެ.

މުދަލާއި ޚިދުމަތުން ނަގާ ޓެކްސް ނުވަތަ ޖީ.އެސް.ޓީ ބޮޑުކުރުމުން އިންފްލޭޝަނަށް އަސަރުކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެގޮތުން، ނިމުނު އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓު ހުންނާނީ %3ގައި ކަމަށާއި، އަދި މިފެށުނު އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓު ހުންނާނެ ކަމަށް ލަފާކުރެވެނީ %5.4ގައި ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިއަދަދަކީ ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާ ބަލާއިރު ދަށް ރޭޓެއްކަން އެމިނިސްޓްރީން ފާހަގަކުރެއެވެ.

ޖީ.އެސް.ޓީ ރޭޓް މިހާރު ބޮޑުކޮށްފައިވާއިރު، މިއާއެކު ދައުލަތުގެ ބަޖެޓުން 3.2 ބިލިއަން ރުފިޔާ ރައްކާކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ވިދާޅުވެފައެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށްކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.