ހުޅުމާލޭގައި ތަރައްޤީކުރާ "އިންޓަރގްރޭޓެޑް އާބަން ޓޫރިޒަމް ޕްރޮޖެކްޓް" އާބަން އައިލްގައި 15 ގެސްޓް ހައުސް ތަރައްޤީކުރުމަށް އެޗްޑީސީން ހުޅުވާލައިފިއެވެ.
އެޗްޑީސީން ބުނީ މި ތަނުގައި ގެސްޓްހައުސް ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 19 ވަނަ ދުވަހާއި ހަމައަށް ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
އާބަން އައިލްއަކީ ހުޅުމާލޭގެ އެންމެ އުތުރުން އޮންނަ ފަތުރުވެރިކަމަށް ހާއްސަ ކުރެވިފައިވާ ރަށެކެވެ. ހުޅުމާލެއާއި އަދި ރާއްޖޭގެ އިގުތިސާދީ މައި ހަބާ އާބަން އައިލް ގުޅިފައިވުމުން މި ތަނުގެ ފަތުރުވެރިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެކަމަށް އެޗްޑީސީން ބުނެއެވެ. އާބަން އައިލް ޕްރޮޖެކްޓް ތައާރަފްކޮށްފައިވަނީ މިދިޔަ ނޮވެމްބަރުމަހުއެވެ.
ގާތްގަނޑަކަށް 23 ހެކްޓަރުގެ މި ރަށުގައި ފަތުރުވެރިންނަށް ހާއްސަ ތަފާތު ގިނަ އެކޮމޮޑޭޝަން ފެސިލިޓީތައް ހިމެނޭނެކަމަށް އެޗްޑީސީން ބުނެއެވެ. މިގޮތުން ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އިތުރުން، ކުރު މުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮން މަޑުކުރާ ފަތުރުވެރިންނަށާއި، ވިޔަފާރި ކަންކަމު އަންނަ ފަތުރުވެރިން، އަދި، ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށްވެސް ބޭނުންވާ ފަދަ އެކޮމޮޑެޝަންތައް ހިމެނެއެވެ.
މި ކޮމްޕޯނަންޓްތަކުގެ ތެރެއިން ތަރައްޤީކުރާ 15 ގެސްޓްހައުސްއަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު އެޗްޑީސީން ވަނީ ހުޅުވާލާފައެވެ.
● މެދު ފަންތީގެ 10 ބުރީގެ 3 ހޮޓާ - 19103 އަކަމީޓަރުގެ ސަރަހައްދެއް
● މަތީ ފަންތީގެ 10 ބުރީގެ 3 ހޮޓާ - 50681 އަކަމީޓަރުގެ ސަރަހައްދެއް
● 8-10 ބުރީގެ 4 ސިޓީ ހޮޓާ - 2850 އަކަމީޓަރުގެ ސަރަހައްދެއް
● 6 ބުރީގެ 21 ގެސްޓްހައުސް - 9224 އަކަމީޓަރުގެ ސަރަހައްދެއް
● 3 ބުރީގެ 11 ލަގްޒަރީ ވިލާ - 5083 އަކަމީޓަރުގެ ސަރަހައްދެއް
● 8-12 ބުރިއަށް، ސާވިސްޑް އެޕާޓްމަންޓް ހަދަން 7006 އަކަމީޓަރުގެ 10 ބިން
● ވިޔަފާރިތައް ތަރައްގީކުރަން 9 ބިން - 9474 އަކަމީޓަރުގެ ސަރަހައްދެއް
އާބަން އައިލް ވެގެންދާނީ ދިވެހި އަދި ބޭރުގެ ވިޔަފާރިވެރިންނަށްވެސް އިންވެސްޓު ކުރަން ރަނުގެ ފުރުސަތަކަށްކަމަށް އެޗްޑީސީން ބުނެއެވެ.
މި ޕްރޮޖެކްޓުގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް އެޗްޑީސީން ފާހަގަކުރެއެވެ. ފަތުރުވެރިކަމުގެ ސިނާއަތާއި ރިއަލް އެސްޓޭޓު ސިނާއަތުގައި ހިމެނޭ ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ލިބުމުގެ އިތުރުން މީގެ ސަބަބުން މިސަރަހައްދުގައި އޮޕަރޭޓުކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށާއި އަލަށް ވިޔަފާރީގެ މައިދާނަށް ވަންނަ ފަރާތްތަކަށްވެސް ފަހި ފުރުސަތުތަކެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.