ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މިއަހަރު ރާއްޖެއިން ބޭރުގައި ބާއްވާ 28 ފެއަރއެއްގައި ބައިވެރިވެ، 9 ރޯޑްޝޯއެއް ބޭއްވުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ނިންމައިފިއެވެ.
އެމްއެމްޕީއާރުސީން އާއްމުކޮށްފައިވާ މިއަހަރު ބައިވެރިވާ ފެއަރތަކާއި ރޯޑް ޝޯވްތަކުގެ އަދަދުތަކަށް ބަލާއިރު، މިއަހަރު އެންމެ ފުރަތަމަ ބައިވެރިވާ ފެއަރއަކީ މިމަހުގެ 18 އިން 22 އަށް ސްޕެއިންގެ މެޑްރިޑުގައި ބާއްވާ ފިތޫރު ފެއަރއެވެ.
އަހަރުގެ ވަކި ވަކި މަސްތަކަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ފެއަރތަކުގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ މޭ މަހުއެވެ. މޭމަހުގެތެރޭ 5 ފެއަރއެއްގައި ބައިވެރިވެ، 2 ރޯޑު ޝޯއެއް އެމްއެމްޕީއާރުސީން ކުރިއަށްގެންދާނެއެވެ.
-އޯޓީއެމް އިންޑިއާ ( ފެބްރުއަރީ 2 – 4)
-އައިޓީބީ ބަރލިން ( މާރޗް 7 - 9 )
-އަރަބިއަން ޓްރެވަލް މާރކެޓް ( މޭ 1 – 4 )
-އައިއެފްޓީއެމް ޓޮޕް ރީސާ ( އޮކްޓޯބަރ 3 - 5)
-ޑަބްލިއުޓީއެމް ލަންޑަން ( ނޮވެމްބަރ 6 – 8 )
އެމްއެމްޕީއާރުސީން ވަނީ މިދިޔަ އަހަރުތެރޭވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ކުރިއަށްގެންގޮސްފައިވާ މި ހަރަކާތްތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ މައުލޫމާތުތައް ވަނީ ގިނަ އަދަދެއްގެ ބަޔަކަށް ފޯރުކޮށްދެވިފައެވެ.
ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީގެ ޓީމުން، ކުރަމުންދާ ބުރަ މަސައްކަތުގެ އަގު ދުނިޔެއިން ބަލައިގަނެ މިދިޔަ އަހަރުގެ ދުނިޔޭގެ ލީޑިންގ ޓޫރިސްޓު ބޯޑުގެ އެވޯޑު ފުރަތަމަ ފަހަރަށް، އެމްއެމްޕީއާރުސީން ވަނީ ކާމިޔާބުކޮށްފައެވެ. އެމްއެމްޕީއާރުސީއަށް ދުނިޔޭގެ ލީޑިންގ ޓޫރިސްޓު ބޯޑުގެ އެވޯޑު ލިބިފައިވަނީ ދުނިޔޭގެ 28 ޓޫރިސްޓު ބޯޑަކާއި ވާދަކޮށްގެންގެންނެވެ.
ރާއްޖެ އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ކާމިޔާބުކަން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވަމުންދާ މިންވަރަށް ބަލާލުމުންވެސް އެނގެއެވެ.
ސަރުކާރުން 2022 ވަނަ އަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފީ 1.6 މިލިއަން ފަތުރުވެރިންނެވެ. މި އަމާޒު ވަނީ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހު ހާސިލްވެފައެވެ. އަދި މިފެށުނު 2023 ވަނަ އަހަރަށް ސަރުކާރުން އަމާޒުހިފާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ ރެކޯޑެއް ހެދުމަށެވެ.