ނިމުނު 2022 ވަނަ އަހަރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް 2675 ޕްރައިވެޓް ޖެޓް ޖައްސާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި 2019 ވަނަ އަހަރު ޕްރައިވެޓް ޖެއްސި އަދަދާއި އަޅާބަލާއިރު، %53 އިތުރު އަދަދެކެވެ.
ކޮންމެ އަހަރެއްގެވެސް ފެށޭކޮޅާއި ފަހުކޮޅު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެއެވެ. މިއާއެކު ޕްރައިވެޓް ޖެޓްތައް ރާއްޖެއަށް އަންނަ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލް އިން ހާމަކުރާ ގޮތުގައި މިދިޔަ އަހަރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖުމްލަ 2675 ޕަރައިވެޓް ޖެޓް ޖައްސާފައިވެއެވެ. މިދިޔަ އަހަރު އެންމެ ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓް ވީ.އައި.އޭއަށް ޖައްސާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެމަހު ޖުމްލަ 522 ޕްރައިވެޓް ޖެޓް ވީ.އައި.އޭއަށް ދަތުރުކޮށްފައިވެއެވެ.
ވީ.އައި.އޭއަށް ދެން އެންމެ ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓްތައް ޖައްސާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާއި، ޑިސެންބަރު މަހުއެވެ. ފެބްރުއަރީ މަހު 342 ޕްރައިވެޓް ޖެޓް ވީ.އައި.އޭއަށް ޖައްސާފައިވާއިރު، ޑިސެންބަރު މަހު 324 ޕަރައިވެޓް ޖެޓް ޖައްސާފައިވާކަމަށް އެމް.އޭ.ސީ.އެލްއިން ވިދާޅުވެއެވެ.
މިޖެޓްތަކުން ޖުމްލަ 562158 (ފަސް ލައްކަ ފަސްދޮޅަސް ދެ ހާސް އެއް ސަތޭކަ ފަންސާސް އަށެއް) ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް އެމް.އޭ.ސީ.އެލްއިން ހާމަކުރެއެވެ.
ވީ.އައި.އޭއަށް ޖައްސާ ޕްރައިވެޓް ޖެޓްތައް އިތުރުވެ، ގިނަ އަދަދެއްގެ ޖެޓުތަކެއް ޕާކު ކުރަން ޖެހުމުގެ ސަބަބުން މުޅި އެއަރޕޯޓުގެ އޭޕްރޮންގެ ޖާގަ ފުރިގެންދިޔަކަމަށް އެމް.އޭ.ސީ.އެލްއިން ވިދާޅުވެއެވެ.
އެހެންކަމުން، އެކަން ހައްލުކުރުމަށް އެމް.އޭ.ސީ.އެލްއިން ވަނީ ވީ.އައި.އޭގެ ކުރީގެ ރަންވޭ އަދި މިހާރުގެ ޓެކްސީވޭގެ ބައެއްގައި ބައެއް ޖެޓްތައް ޕާކްކުރުމަށް ފުރުޞަތުދީފައެވެ. އަދި މި ފުރުޞަތު ފަހިކޮށްދިނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންކަމަށްވެސް އެމް.އޭ.ސީ.އެލްއިން ވިދާޅުވެއެވެ.
ރާއްޖެއަށް ދަތުރުކުރާ ޕްރައިވެޓް ޖެޓްގެ އަދަދު އިތުރުވުމަކީ ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ބޮޑުކުރިއެރުމެކެވެ. ރައްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމުގެ މައްޗަށް ބިނާވެފައިވާއިރު، އޭވިއަޝަން ދާއިރާއާއި ފަތުރުވެރިކަމުގެ ސިނާއަތް ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. އެހެންކަމުން އޭވިއޭޝަން ދާއިރާއަށް ލިބޭ ކޮންމެ ކުރިއެރުމަކީ ރާއްޖޭ އިޤްތިޞާދަށްވެސް ލިބޭ ކުރިއެރުމެކެވެ.
ކޯވިޑްގައި ރާއްޖޭގެ އިޤްތިޞާދު މުޅިން ހުއްޓި، އިޤްތިޞާދު އެއްކޮށް މަޑުޖެހުނުނަމަވެސް 2021 ވަނަ އަހަރު ނިމުނުއިރު، ރާއްޖޭގެ އިގްތިޞާދު ވަނީ 41.7 އިންސައްތައިން ކުރިއަރައިފައެވެ. އަދި މި އަހަރު ނިމޭއިރު ރާއްޖޭގެ އިޤްތިޞާދު 12.3 އިންސައްތައިން ކުރިއަރާނެކަމަށްވެސް ސަރުކާރުން ލަފާކުރައްވައެވެ.