ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން މިއަހަރު އެންމެ ބާރު ދުވެއްޔެއްގައި ކުރިއަރާނީ ރާއްޖޭގެ އިޤްތިޞާދުކަމަށް، ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ. ވޯލްޑް ބޭންކުން މިހެން ހާމަކޮށްފައިވަނީ ދުނިޔޭގެ އިޤްތިޞާދު ދިރާސާކުރުމަށްފަހު ނެރެފައިވާ ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓްގައެވެ.
ވޯލްޑް ބޭންކުގެ ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓްގައި ވަނީ މިއަހަރު ރާއްޖޭގެ އިޤްތިޞާދު %8.2 އަށް ކުރިއަރާނެކަމަށެވެ. މިއީ ދެކުނު އޭޝިއާގެ ޤައުމުތަކުގެތެރެއިން އެންމެ ބާރު ދުވެއްޔެއްގައި ކުރިއަރާނެ އިޤްތިޞާދުކަމަށް އެރިޕޯޓުގައިވެއެވެ. ނަމަވެސް މިއީ އެބޭންކުން މީގެކުރިން ލަފާކޮށްފައިވާ އަދަދަށްވުރެ %2 ދަށް ޢަދަދެކެވެ.
ވޯލްޑް ބޭންކުން މީގެކުރިން ލަފާކޮށްފައިވަނީ ރާއްޖޭގެ އިޤްތިޞާދު %12.4 އަށް ކުރިއަރާނެކަމަށެވެ. ނަމަވެސް، މިއަދަދަށްވުރެ %2 ދަށުން ލަފާކޮށްފައިވަނީ ކޯވިޑަށްފަހު އިޤްތިޞާދަށް އައި ބޮޑު ކުރިއެރުން ކޮންމެވެސް ވަރަކަށް މި އަހަރު މަޑުޖެހި، އާންމު ޙާލަތަކަށް ދާނެތީކަމަށް އެރިޕޯޓުގައިވެއެވެ.
އެހެންނަމަވެސް، ރާއްޖެއަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން، އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިޤްތިޞާދުގެ ގޮތުގައި ދެމިއޮންނާނެ ޤައުމެއްކަމަށްވެސް އެބޭންކުގެ ރިޕޯޓްގައިވެއެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓުގައިވާގޮތުން ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން، އެންމެ ބާރަށް ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އެހެން އަހަރުތަކަށްވުރެ އިތުރުވާނެތީއެވެ.
ކޯވިޑް-19ގެ ބަލިމަޑުމަޑުކަމަށްފަހު، ދުނިޔޭގެ ހުރިހާ ޤައުމުތަކުންވެސް އިޤްތިޞާދު ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާއިރު، ކޯވިޑް-19ގެ ފިޔަވަޅުތަކުގެ ސަބަބުން ޤައުމުތަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޢަދަދުވަނީ މަދުވެފައެވެ. މިީގެ ސަބަބުން އެޤައުމުތަކަށް ބޭރު ފައިސާ އިން ލިބޭ ޢާމްދަނީ ބޮޑުތަނުން މަދުވެފައިވާކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައިވެއެވެ.
ނަމަވެސް ދެކުނު އޭޝިއާގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު ރާއްޖޭގެ ފަތުރުވެރިކަން ވަނީ އަންދާޒާކުރިވަރަށްވުރެ އަވަހަށް، ކޯވިޑްގެ ކުރިން ހުރި މިންވަރަށް އިއާދަވެފައެވެ. އެގޮތުން، މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް %12.4 އަށް ކުރިއަރާނެކަމަށް އެބޭންކުގެ ރިޕޯޓުގައިވެއެވެ.
ރާއްޖޭގެ އިޤްތިޞާދު ހަލުވިކަމާއިއެކު ކުރިއެރިއަރައިގެން ދިޔަނަމަވެސް، އެހެން ޤައުމުތަކެކޭވެސް އެއްފަދައިން ރާއްޖޭގެ އިޤްތިޞާދަށްވެސް މިއަހަރު ގޮންޖެހުންތަކެއް ހުރިކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓުގައިވާގޮތުން، ރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމުގެ ސިނާޢަތަށް ބަރޯސާވެފައިވުމުގެ ސަބަބުން ޔޫރަޕާއި އެމެރިކާގެ އިޤްތިޞާދަށް ކުރިމަތިވާ ހީނަރުކަމުގެ އަސަރު ރާއްޖެއަށް ކުރާނެއެވެ. އެގޮތުން، ޤައުމުތަކުގެ އިޤްތިޞާދަށް ކުރިމަތިވާ ހީނަރުކަމުގެ ސަބަބުން، އެ މާކެޓްތަކުން ފަތުރުވެރިކަން ރާއްޖެށް ޒިޔާރަތްކުރާ ޢަދަދު ކޮންމެސް މިންވަރަކަށް ދަށްވެ، ރާއްޖޭގެ ފަތުރުވެރިކަމަށް އެކަމުގެ އަސަރުކުރާނެކަމަށް ވަނީ އެބޭނުކުން ލަފާކޮށްފައެވެ.
މީގެއިތުރުން، ކުދި ޤައުމުތަކުގެ ތެރެއިން، ރާއްޖެއަކީ ދަރަނީގެ ރިސްކްބޮޑު ޤައުމެއްގެ ގޮތުގައިކަމަށްވެސް، އެބޭންކުގެ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. އަދި ދުނިޔޭގެ މާލީ ބާޒާރުގައި އިންޓަރެސްޓް ރޭޓްތައް ބޮޑުވެގެން ދިއުމުގެ ސަބަބުން ދަރަނަ ދެއްކުމުގައި ދަތިތަކާއި ކުރިމަތިލާންޖެހޭނެކަމަށް އެރިޕޯޓުގައިވެއެވެ.
ރާއްޖޭގެ އިޤްތިޞާދަށް ދިމާވާނެ އަނެއް ގޮންޖެހުމުގެ ގޮތުގައި ފާހަގަކޮށްފައިވަނީ މޫސުމީ ބަދަލުތަކުގެ އިޤްތިޞާދަށް ނުރައްކާވުމެވެ. ވޯލްޑް ބޭންކުގެ ރިޕޯތުގައިވާގޮތުން، ރާއްޖެއަކީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމީ ބަދަލުތަކުގެ އެންމެ ބޮޑު އަސަރެއް ކުރާނެ އެއް ޤައުމުކަމެވެ. އަދި އެއީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް އެޅޭ ބޮޑު ހުރަހެއްކަމަށް އެބޭންކުން ފާހަގަކުރެއެވެ.