ޚަބަރު

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 91.53 މިލިއަން ރުފިޔާ


މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 91.53 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުތެރޭ މުދަލު ޒަކާތުގެގޮތުގައި 91.53 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2021ވަނަ އަހަރު މުދަލު ޒަކާތުގެގޮތުގައި ލިބިފައިވަނީ 91.51 މިލިއަން ރުފިޔާއެވެ.

ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު މުދަލުގެ ޒަކާތުގެގޮތުގައި 91.4 މިލިއަން ދިވެހި ރުފިޔާއިން ލިބިފައިވެއެވެ. އަދި 8315 ޑޮލަރު ލިބިފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިއަހަރު ސެޕްޓެމްބަރު މަހު މުދަލު ޒަކާތު ވާޖިބުވާ ނިޞާބަށް ބަދަލު ގެނެސްފައެވެ. އެގޮތުން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 5777.45ރ ކަމަށް ކަނޑައަޅާފައިވާއިރު، މީގެ ކުރީން މިދިޔަ އަހަރު ޖޫންމަހު ކަނޑައަޅާފައިވާ ނިޞާބުގެ އަދަދަކީ 6396.25ރ. އެވެ.

ރާއްޖޭގައި މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބު ބަލަނީ ރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ދަނީ ބަދަލު ގެންނަމުންދެއެވެ. ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ %2.5 މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

މުދަލު ޒަކާތް މީގެކުރިން އިސްލާމިކް މިނިސްޓްރީއަށް ދައްކަމުންއައި ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މޯލްޑިވްސް އިންލަންޑް ރެވެިއުނު އޮތޯރިޓީ، މީރާއަށެވެ. އެގޮތުން މީރާއަށް އޮންލައިކޮށް ވެސް މުދަލު ޒަކާތް ދެއްކޭނެއެވެ. އަދި އެމީހަކު މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރުވެސް މީރާ ވެބްސައިޓު މެދުވެރިކޮށް ބެލޭނެއެވެ.