ޗައިނާ ފަތުރުވެރިން އަލުން ރާއްޖެއަށް ޒިޔާރަތްކުރަން ފެށުމާއެކު، މިއަހަރު ސަރުކާރުން ކަނޑައަޅާފައިވާ ފަތުރުވެރިކަމުގެ އަމާޒު %10އަށް އިތުރުވާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ކޯވިޑަށްފަހު ރާއްޖެއަށް އައި ފުރަތަމަ ޗައިނާގެ ފްލައިޓަށް މަރުޚަބާކިޔުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ކޯވިޑް19 ގެ ކުރިން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް 284029 (ދެ ލައްކަ އަށްޑިހަ ހަތަރު ހާސް ނަވާވީސް) ފަތުރުވެރިން އައިސް އެ ޤައުމު ހިމެނެނީ އެ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުގެ ގޮތުގައެވެ. ނަމަވެސް ކޯވިޑް19 އާއެކު އެ ޤައުމުގައި ދަތުރުފަތުރުކުރުމަށް އެޅި ފިޔަވަޅުތަކާއި ހެދި މިވީ 3 އަހަރުގެ ތެރޭގައި ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އައިސްފައެއް ނުވެއެވެ.
އެހެންނަމަވެސް، ޗައިނާގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާއި ގުޅިގެން، 198 ފަތުރުވެރިންނާއެކު ޗައިނާގެ ފުރަތަމަ ފްލައިޓް ވަނީ އައިސްފައިއެވެ. މި ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޗައިނާގެ ބެއިޖިންގ ކެޕިޓަލް އެއަރލައިންސް އިންނެވެ. މި ފްލައިޓުން ރާއްޖެއަށް އައި ފަތުރުވެރިންނަށް ޓޫރިޒަމް މިނިސްޓްރީއާއި އެމް.އެމް.ޕީ.އާރު.ސީއިން ވަނީ ހޫނު މަރުޚަބާއެއް ކިޔައިފައެވެ.
ކޯވިޑްއާއި ގުޅިގެން މެދުކެނޑުމަށްފަހު، ޗައިނާއިން ރާއްޖެއަށް އަލުން ދަތުރުތައް ފެށުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވީ، 3 އަހަރަށްފަހު ރާއްޖޭގެ އެންމެ ބޮޑު މަރކެޓުން ފަތުރުވެރިން ޒިޔާރަތް ކުރަން ފެށުމަކީ ފަތުރުވެރިކަމަށާއި ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ބޮޑު ކުރިއެރުމެއްކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ޕްރޮޑަކްޓްތަކަކީ ޗައިނާ ފަތުރުވެރިން ވަރަށް ބަލައިގަންނަ އަދި ވަރަށް ރައްޓެހި ޕްރޮޑަކްޓެއް ކަމަށެވެ. އެހެންކަމުން، ފަހަތުން އަރާ ޗައިނާ މާރކެޓް ގަދަ 5 މަރކެޓްގެ ތެރޭގައި ހިމެނޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ގާތްގަނޑަކަށް އަހަރުގެ 3 ހަފްތާ ގެއްލުން ފަހުން ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް އަލުން މިފެށުނީ. ދެން އަޅުގަނޑުމެން އުއްމީދު ކުރަން ފަހަތުން އަރާ އެކެއްވެސް ހޯދައިފާނެކަމަށް. އެކަމަކު 1 ވަނަ 2 ވަނަ ނުވަތަ 3 ވަނަ މަރކެޓްގައި ޗައިނާ ގުނާލެވޭނެކަމަށް އަޅުގަނޑުމެންގެ ވަރަށް ބޮޑު އިތުބާރެއް އެބައޮތް" މިނިސްޓަރ މަޢުޞޫމް ވިދާޅުވިއެވެ.
މިނިސްޓަރ ޑރ. އަބްދުﷲ މަޢުޞޫމް ވިދާޅުވީ ސަރުކާރުން މިއަހަރުގެ އަމާޒު ކަނޑައަޅުމުގެ މަޝްވަރާ ކުރަމުންދިޔައިރު، އެހިސާބުތަކުގައި ޗައިނާ ފަތުރުވެރިންގެ ޢަދަދުތައް ހިމަނާފައިވާނެކަމަށެވެ. އެހެންނަމަވެސް، ކުރިން ރާވާފައިވާ އޮތް ދުވަހުގެ ކުރިން ޗައިނާއިން ރާއްޖެއަށް ދަތުރުތައް ފެށުމާއެކު، މިއަހަރުގެ އަމާޒަށް ބަދަލު އަންނާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެގޮތުން، ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާއިން މިއަހަރު ކަނޑައަޅާފައިވާ އަމާޒުކަމަށްވާ 1.8 މިލިއަން ފަތުރުވެރިންގެ ޓާގެޓަށް %10އަށް އިތުރުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިކަމާއި ބެހޭގޮތުން، އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޠައްޔިބު މުޙައްމަދު ވިދާޅުވީ ޗައިނާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަން ފެށުމަކީ ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އަދި މިއަހަރަކީ ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ ކުރިއެރުންތަކެއް ހޯދާނެ އަހަރެއްކަމަށް ޠައްޔިބު ފާހަގަކުރެއްވިއެވެ.
"މިވަގުތު އަޅުގަނޑުމެން ވިސްނަންޖެހޭ ކިހިނެއްތޯ އެމީހުންގެ ޓްރެވަލް ޕެޓަރންސް ހުންނަނީ. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، ހެދިފައިވާ ސަރވޭތަކާއި ރިސާޗްތަކުން ފެންނަ ގޮތުގައި، މީގެ 2 ހަފްތާ ކުރީއްސުރެ، އެންމެ ދަތުރުކުރަން ބޭނުންވާ 10 މަންޒިލް ތެރޭގައި ރާއްޖެ އެބަ ހިމެނޭ. އެހެންވީމަ އަޅުގަނޑުމެން އުއްމީދުކުރަނީ އިތުރަށް މީތި ސަސްޓެއިން ކުރެވޭނެކަމަށް" ޠައްޔިބު ވިދާޅުވިއެވެ.
ސަރުކާރުން މިއަހަރު އަމާޒު ހިފައިފައިވަނީ 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. މިއީ މިދިޔަ އަހަރު ސަރުކާރުން އަމާޒުހިފި 1.6 މިލިއަން ފަތުރުވެރިންނާއި އަޅާބަލާއިރު 2 ލައްކަ އިތުރު އަދަދެކެވެ. އެގޮތުން، ނިމުނު 2022 ވަނަ އަހަރު ވަނީ 1.6 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލްކޮށްފައެވެ.
މީގެއިތުރުން، ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑްކަ މަށްވާ ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑްވެސް ރާއްޖެއިން ވިދިވިދިގެން 3 ވަނަ ފަހަރަށް ހާސިލުކުރީވެސް ނިމިގެންދިޔަ 2022 ވަނަ އަހަރުއެވެ.
ރާއްޖެއަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ކުރިއެރުންތަކާއި އަޑިގުޑަންތަކުގެ އަސަރު އިޤްތިޞާދަށްވެސް ކުރާނެއެވެ. ކޯވިޑްގައި ރާއްޖޭގެ އިޤްތިޞާދު މުޅިން ހުއްޓި، އިޤްތިޞާދު އެއްކޮށް މަޑުޖެހުނުނަމަވެސް 2021 ވަނަ އަހަރު ނިމުނުއިރު، ރާއްޖޭގެ އިގްތިޞާދު ވަނީ 41.7 އިންސައްތައިން ކުރިއަރައިފައެވެ. އަދި މި އަހަރު ނިމޭއިރު ރާއްޖޭގެ އިޤްތިޞާދު 12.3 އިންސައްތައިން ކުރިއަރާނެކަމަށްވެސް ސަރުކާރުން ލަފާކުރައްވައެވެ.