ޚަބަރު

އުލިގަމުގައި ގެސްޓްހައުސްއެއް ތަރައްޤީކުރަން ބީލަމަށް


ހއ. އުލިގަމުގައި ގެސްޓް ހައުސްއެއް ތަރައްޤީ ކުރަން ބީލަމަށް ހުޅުވާލައިފިއެވެ. އުލިގަމު ކައުންސިލުން ވަނީ އެރަށުގައި ސިޓީ ހޮޓަލެއް ތަރައްޤީކުރަންވެސް އަލުން ބީލަމަށް ހުޅުވާލާފައެވެ.

އުލިގަމުގައި ގެސްޓްހައުސްއާއި ސިޓީހޮޓާ ތަރައްޤީ ކުރަނީ އެރަށުގެ ޓޫރިޒަމް ޒޯންގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އުލިގަމު ކައުންސިލްގެ މެމްބަރު އަހްމަދު އަބޫބަކުރު ވިދާޅުވީ އުލިގަމުގައި ގެސްޓް ހައުސް ތަރައްޤީކުރުމަށް ކައުންސިލުން 2000 އަކަފޫޓުގެ ބިމަކާއި 1000 އަކަފޫޓުގެ ބިމެއްވަނީ ކަނޑައަޅާފައެވެ.

އުލިގަމުގައި މީގެކުރިންވެސް ސިޓީހޮޓަލަކާއެކު ޔޮޓު މެރީނާއެއް ތަރައްޤީކުރަން ހުޅުވާލިއެވެ. އެގޮތުން އެ މަޝްރޫޢުގެ ދަށުން،
އެމްޓީޑީސީއާއި ގުޅިގެން ސިޓީ ހޮޓާ ތަރައްޤީކުރުމުގެ މަސައްކަތް އެރަށުގައިވަނީ ފަށާފައެވެ. ނަމަވެސް، އެމަސައްކަތްވަނީ ހުއްޓިފައެވެ. ސިޓީ ހޮޓަލުގެ މަސައްކަތް ހުއްޓުމަކަށް އައިއިރު މަސައްކަތުގެ %75 ވަނީ ނިންމައިފައެވެ. އެގޮތުން، ސްޓާފް އެކޮމަޑޭޝަންގެ މަސައްކަތާއި 25 ގެސްޓް ރޫމްވަނީ އިމާރާތްކޮށް ނިމިފައެވެ.

އުލިގަމު ކައުންސިލްގެ މެމްބަރު އަބޫބަކުރު ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ގެސްޓް ހައުސްއާއި ސިޓީ ހޮޓާ ތަރައްޤީކުރުމުގެ މަސައްކަތް ނިންމާ ޚިދުމަތްދޭން ފެށުމަށް ކައުންސިލުން ބޭނުންވާ ކަމަށެވެ.


އުލިގަމުގައި މީގެކުރިން ޔޮޓް މެރީނާއެއް ތަރައްޤީކުރަން ހުޅުވާލި ކަމަށާއި، އެރަށުގައި ޔޮޓް މެރީނާއެއް ޤާއިމް ކުރުމަކީ ރައްޔިތުންގެ 12 އަހަރުގެ އުންމީދެއް ކަމަށްވެސް އަބޫބަކުރު ފާހަގަކުރެއްވިއެވެ. ނަމަވެސް އެމަޝްރޫޢުގެ އިތުރު ތަފްސީލެއް ކައުންސިލުން ދީފައެއް ނުވެއެވެ.

އުލިގަމުގައި ފަތުރުވެރިކަން ފުޅާކުރުމަކީ ރަށުގެ ރައްޔިތުންގެ ބޮޑު އުންމީދެކެވެ. އުލިގަމަކީ ގިނަ އަދަދެއްގެ ޔޮޓް ފަހަރުވެސް ބަނދަރުކުރާ ރަށަކަށްވުމުން ގެސްޓް ހައުސްއާއި ސިޓީ ހޮޓަލެއް ރަށުގައި ތަރައްޤީކުރެވުމުން ރަށުގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ކައުންސިލުން ޤަބޫލުކުރެއެވެ.

ތިލަދުންމަތީގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ތިލަދުންމަތީގައި ރިސޯޓު ތަރައްޤީކުރުމަށް އަންނަ ހަފްތާތެރޭގައި އިތުރު 3 ރަށެއް ބީލަމަށް ހުޅުވާލުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ.