މާފަރު އިންޓަރނޭޝަން އެއަރޕޯޓުން އަންނަމަހު ޖެޓްފިއުލް ވިއްކުމަށް ތައްޔާރުވަމުންދާކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ. އެކަމަށްޓަކާ ވާންޖެހޭ ތައްޔާރީތައްވަމުންދާއިރު، މިކަމުގައި ބޭނުންކުރާ އިކުއިޕްމަންޓްތައް ޓެސްޓްކުރަން މިވަނީ ފަށާފައެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު މެނޭޖްކުރާ އައިލެންޑް އޭވިއޭޝަނުން ދަނީ އެ އެއަރޕޯޓުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ޖެނެރަލް މެނޭޖަރ މުމްތާޒް އަލީ ވިދާޅުވީ، މާފަރު އެއަރޕޯޓުގައި ތަރައްޤީކުރާ ވަގުތީ ފިއުލް ފާމަކީ 400،000 ލީޓަރުގެ ތެޔޮ ރައްކާކުރުމުގެ ޤާބިލުކަން ހުރި ތަނެއް ކަމަށެވެ. މިހާރު މިކަމަށް ބޭނުންވާ ޓޭންކުތައްވެސް މާފަރަށް ގެންގޮސްފައިވާކަން މުމްތާޒް ފާހަގަކުރެއްވިއެވެ.
މުމްތާޒް ވިދާޅުވީ، ފިއުލް ފާމްގެ ޑިމާންޑް ބޮޑުވުމާއި ގުޅިގެން މިހާރު ޓެސްޓިިން ރައުންޑްތައް ކުރަމުންދާކަމަށެވެ. އެގޮތުން މިކަމުގައި ބޭނުންކުރާ ސާމާނުތައް ޓެސްޓުކުރަމުންދާކަމަށް މުމްތާޒް ވިދާޅުވިއެވެ. އެ ފިއުލް ފާމުން ރަސްމީކޮށް ޚިދުމަތް ފަށާނީ އަންނަމަހުކަމަށްވެސް މުމްތާޒް ވިދާޅުވިއެވެ.
މުމްތާޒް ވިދާޅުވީ، މާފަރު އެއަރޕޯޓަކީ ގިނަ ޢަދަދަކަށް ޕްރައިވެޓު ޖެޓު ޖައްސާ އެއަރޕޯޓަކަށްވުމުން، އެ އެއަރޕޯޓުން ތެޔޮ ނުލިބޭތީ އެޝަކުވާ ޖެޓު އޮޕަރޭޓަރުންގެ ފަރާތުން ލިބޭ ކަމަށެވެ. އަދި ވަގުތީ ފިއުލް ފާމާއެކު އެކަމަށް ޙައްލު ލިބިގެންދާނެ ކަމަށް މުމްތާޒް ވިދާޅުވިއެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު އިތުރަށް ތަރައްޤީކުރުމަށް އައިލެންޑް އޭވިއޭޝަނުން ގެންގުޅޭ ޕްލޭންގެ ދަށުން އެ އެއަރޕޯޓުގައި ސައިޒުގެ ގޮތުން މިއަށްވުރެ ބޮޑު ފިއުލް ފާމެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ.
2019 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވާފައިވާ މާފަރު އެއަރޕޯޓު އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. ސަރުކާރުން މާފަރު އެއަރޕޯޓު ތަރައްޤީކޮށްފައިވަނީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއަރބަސް އޭ-320 އާއި ބޮއިން 737ގެ ބޯޓުތައްވެސް ޖެއްސޭ ގޮތަށެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި ގަން އިންޓަނޭޝަނަލް އެއަޕޯޓަށްފަހު އެންމެ ބޮޑު ރަންވޭއެއްވެސް ހަދާފައިވަނީ މާފަރު އެއަރޕޯޓުގައެވެ.
ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ރަންވޭ ބޮޑުކޮށް، އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްގެން ކުރަމުންނެވެ.