ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 4000 ހައުސިންގ ޔުނިޓްތައް އާންމުން ބަލާލުމުގެ ފުރުސަތު ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.
މިއީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ފަހި ދިރިއުޅުން ކޯރޕަރޭޝަންގެ ފަރާތުން އިންޑިއާގެ ދެ ކުންފުންޏަކާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސިޔާސަތުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ މި 4000 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ 2 ކުންފުނިކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސް ލިމިޓެޑާއި، އެން.ބީ.ސީ.ސީ ލިމިޓެޑާއި ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން މިއިން ކޮންމެ ކުންފުންޏަކުންވެސް 2000 ހައުސިންގ ޔުނިޓް އަންނަނީ ތަރައްޤީކުރަމުންނެވެ.
މި 4000 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށްދާއިރު، މިތަންތަން ނިމިގެންދާއިރު ހުންނާނެގޮތް ދައްކުވައިދިނުމަށް ފަހި ދިރިއުޅުން ކޯރޕަރޭޝަނުން ވަނީ "އެކްސްޕީރިއަންސް ޔުނިޓް"ގެ ގޮތުގައި 2 ޔުނިޓެއް އާއްމުން ދައްކާލުމަށްޓަކާ ތައްޔާރުކޮށްފައެވެ. މި 2 ޔުނިޓް ތައްޔާރުކޮށްފައިވަނީ ޖޭ.އެމް.ސީއިން މަސައްކަތްކުރަމުންދާ ޓަވަރުތަކުގެ ތެރެއިން 12 ވަނަ ޓަވަރުގައެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ވިދާޅުވީ "އެކްސްޕީރިއަންސް ޔުނިޓް" ތަރައްޤީކޮށްފައިވާ ޓަވަރު 12 މިއަދުން ފެށިގެން އާންމުންނަށް ހުޅުވާލާނެކަމެވެ. އެގޮތުން، މިއަދުގެ މެންދުރު 14:00 އިން ހަވީރު 16:00 އަށް އެޓަވަރު ބަލާލުމުގެ ފުރުސަތު އޮންނާނެކަމަށް އެފެޑީސީން ވިދާޅުވެއެވެ. އަދި މާދަމާގެ މެންދުރު 14:00 އިން އިރުއޮއްސި 18:00 އަށްވެސް އެ ފުރުސަތު ވަނީ ހުޅުވާލާފައިކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ހައުސިންގ ޔުނިޓް ބެހިފައިވަނީ ޖުމްލަ 32 ޓަވަރަކަށެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 2 ކޮޓަރީގެ 1200 ހައުސިންގ ޔުނިޓާއި، 3 ކޮޓަރީގެ 2800 ހައުސިންގ ޔުނިޓެވެ. މީގެތެރެއިން 2 ކޮޓަރީގެ ޔުނިޓްތަކުގައި 650 އަކަފޫޓު ހުންނައިރު، 3 ކޮޓަރީގެ ފްލެޓްތަކުގައި 900 އަކަފޫޓު ހުންނާނެއެވެ.
މިއީ 17 ނުވަތަ 18 ފަންގިފިލާގެ ޓަވަރުތަކެވެ. މީގެތެރެއިން 13 ޓަވަރެއްގެ މަސައްކަތް ވަރަށް ބާރަށް މިވަގުތު އަންނަނީ ކުރަމުންނެވެ. އަދި އެ 13 ޓަވަރުގެ މަސައްކަތް މިއަހަރުގެ އޮގަސްޓް މަހަށް ނިންމާ ރައްޔިތުންނާއި ހަވާލުކުރުމަކީ އަމާޒެއްކަމަށް އެކުންފުނިން ވިދާޅުވިއެވެ. އެހެންނަމަވެސް މުޅި މަޝްރޫޢު ނިންމާލުމަށް އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށެވެ.
މި4000 ހައުސިން ޔުނިޓްތަކުގެ ތެރެއިން 3 ކޮޓަރީގެ އެޕާޓްމަންޓްގެ ކުއްޔަކީ 13ހާސް ރުފިޔާއެވެ. އަދި 2 ކޮޓަރީގެ އެޕާޓްމަންޓް ކުއްޔަކީ 7 ހާސް ރުފިޔާއެވެ. މާލޭގައި ތޮއްޖެހުން ކުޑަކޮށް، އެންމެ ބޭނުންވެފައިވާ އާއިލާތަކަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ވަޢުދުފުޅެކެވެ.