މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ، 2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރާއި އަޅާބަލާއިރު %26 އިތުރުވެފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ. މީރާއިން މިކަން ހާމަކޮށްފައިވަނީ އެއޮތޯރިޓީންއިން ނެރެފައިވާ ކުއާޓަލީ ރިވިއު ރިޕޯޓްގައިއެވެ.
މީރާގެ ކުއާޓަލީ ރިވިއު ރިޕޯޓްގައިވާގޮތުން މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ލިބުނު ޖުމްލަ އާމްދަނީގެ %70 އަކީ ޑޮލަރުން ލިބުނު އާމްދަނީއެވެ. އެގޮތުން، މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ޖުމްލަ 246.30 މިލިއަން ޑޮލަރު ލިބިފައިވާކަމަށް އެރިޕޯޓުގައިވެއެވެ. މިއީ 3.78 ބިލިއަން ރުފިޔާއެވެ.
މިއަދަދަކީ 2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ލިބުނު 195.52 މިލިއަން ޑޮލަރާއި އަޅާބަލާއިރު %26 އިތުރު އަދަދެކެވެ. މީރާގެ ރިޕޯޓުގައިވާގޮތުން ޑޮލަރުން ލިބުނު އާމްދަނީ އިތުރުވެފައިވަނީ ޓީ.ޖީ.އެސް.ޓީ ނުވަތަ ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނެގޭ ޓެކްސްގެގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާތީއެވެ.
އެގޮތުން، ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 26.54 މިލިއަން ޑޮލަރު ލިބިފައިވާކަމަށް މިރާގެ ރިޕޯޓުގައިވެއެވެ. ނަމަވެސް މިއީ 2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީއާއި އަޅާބަލާއިރު %2.7 ދަށް އަދަދެކެވެ.
މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ޑޮލަރުން ލިބުނު އާމްދަނީ އިތުރުވެފައިވާ އަނެއް ސަބަބަކީ ބިމު ކުލީގެ މުއްދަތު އިތުރުކޮށްގެން ލިބިފައިވާ އާމްދަނީ އިތުރުވެފައިވުންކަމަށް މީރާގެ ރިޕޯޓުގައިވެއެވެ.
އެގޮތުން، މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ބިމު ކުލީގެ މުއްދަތު އިތުރުކޮށްގެން 15 މިލިއަން ޑޮލަރު ލިބިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއަދަދަކީ 2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ބިމު ކުލީގެ މުއްދަތު އިތުރުކޮށްގެން ލިބުނު އާމްދަނީ އާއި އަޅާބަލާއިރު %383.3 އިތުރު އަދަދެއްކަމަށް ތަފާސްހިސާބުތަކުގައިވެއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ބިމު ކުލީގެ ގޮތުގައިވެސް ދައުލަތަށް ވަނީ ބޮޑު ޢަދަދަކުން އާމްދަނީ ލިބިފައިއެވެ. އެގޮތުން، މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ބިމު ކުލީގެ ގޮތުގައި ޖުމްލަ 20.53 މިލިއަން ޑޮލަރު ލިބިފައިވެއެވެ. ނަމަވެސް މިއަދަދަކީ 2021 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރާއި އަޅާބަލާއިރު %20 ދަށް އަދަދެކެވެ.
މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި އެންމެ ގިނަ އަދަކަށް ޑޮލަރުން އާމްދަނީ ލިބިފައިވަނީ ޑިސެންބަރު މަހުއެވެ. އެގޮތުން، ޑިސެންބަރު މަހު ޖުމްލަ 135.95 މިލިއަން ޑޮލަރު ލިބިފައިވާކަމަށް ތަފާސްހިސާބުތަކުގައިވެއެވެ. މިއީ 2021 ވަނަ އަހަރުގެ ޑިސެންބަރު މަހު ދައުލަތަށް ލިބުނު 105.48 މިލިއަން ޑޮލަރާއި އަޅާބަލާއިރު %28.9 އިތުރު އަދަދެކެވެ.