މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި އިންކަމް ޓެކްސްގެ ގޮތުގައި 404.21 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މިރާ އިން ހާމަކޮށްފިއެވެ.
މީރާއިން މިކަން ހާމަކޮށްފައިވަނީ އެއޮތޯރިޓީން އާއްމުކޮށްފައިވާ ކުއާޓަލީ ރިޕޯޓުގައިއެވެ.
މީރާގެ ރިޕޯޓުގައިވާގޮތުން މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި އިންކަމް ޓެކްސްގެ ގޮތުގައި 404.21 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރާއި އަޅާބަލާއިރު %37 އިތުރު އަދަދެކެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިންކަމް ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އަދަދަކަށް ދައުލަތަށް އާމްދަނީ ލިބިފައިވަނީ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ.
އެގޮތުން، މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކްސްގެ ގޮތުގައި ދައުލަތަށް 131.80 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރާއި އަޅާބަލާއިރު %71.9 އިތުރު އަދަދެކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ވަކި ވަކި ފަރުދުންގެ އަތުން ނަގާ އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީވެސް ވަނީ 2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރާއި އަޅާބަލާއިރު އިތުރުވެފައިއެވެ. އެގޮތުން، ވަކި ވަކި ފަރުދުންގެ އަތުން ނަގާ އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް 55.82 މިލިއަން ރުފިޔާ މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ލިބިފައިވެއެވެ.
މިއީ 2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ވަކި ވަކި ފަރުދުންގެ އަތުން ނަގާ އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އާއި އަޅާބަލާއިރު %40.9 އިތުރު އަދަދެކެވެ.
ވަކި ވަކި ފަރުދުންގެ އަތުން ނަގާ އިންކަމް ޓެކްސްގެ ތެރޭގައި ފަރުދުންގެ ޢާމްދަނީން ނަގާ ޓެކްސް ހިމެނެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ފަރުދުންގެ ޢާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ދައުލަތަށް 49.12 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރާއި އަޅާބަލާއިރު %39.6 އިތުރު އަދަދެކެވެ.
ރާއްޖޭގައި ފަރުދުންގެ ޢާމްދަނީން ޓެކްސް ނަގަން ފެށީ 1 ޖެނުއަރީ 2020 ގައެވެ. އިންކަމް ޓެކްސް ނަގަނީ މަހެއްގެ މައްޗަށް 60،000 އަށްވުރެ މަތީ އާމްދަނީއެއް ލިބޭ ފަރާތްތަކުންނެވެ.