ޚަބަރު

ފަހު ކުއާޓަރުގައި އެމްޓީސީސީއަށް ލިބުނު އާމްދަނީ %24 އިތުރު


ނިމުނު ކުއާޓަރުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީއަށް ލިބުނު އާމްދަނީ އޭގެކުރީ ކުއާޓަރާއި އަޅާބަލާއިރު %24 އިތުރުވެފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގެ ރިޕޯޓުގައިވާގޮތުން، ނިމުނު ކުއާޓަރުގައި އެމްޓީސީސީއަށް 741 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރުގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނު 593 މިލިއަން ރުފިޔާއާއި އަޅާބަލާއިރު %24 އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ލިބުނު އާމްދަނީ އިތުރުވެފައިވީނަމަވެސް، ޓެކްސްއަށް ކެނޑުމުގެ ފަހުން ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރަށްވުރެ ވަނީ ދަށްވެފައެވެ. އެގޮތުން، މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި، 30.2 މިލިއަން ރުފިޔާ އެމްޓީސީސީއަށް ލިބިފައިވެއެވެ. މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރުގައި އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 40.5 މިލިއަން ރުފިޔާއެވެ.

އެމްޓީސީސީއަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދު ދަށްވެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުންދިޔުމާއި ގުޅިގެން ތަކެތި ގަތުމަށް ކުރަންޖެހޭ ހޭދަ އިތުރުވެފައިވުމުގެ ސަބަބުންކަމަށް އެމްޓީސީސީގެ ރިޕޯޓުގައިވެއެވެ.

މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި އެމްޓީސީސީން ހިންގި އުމްރާނީ ތަރައްޤީޤެ މަޝްރޫޢުތަކަށް ބަލާއިރު، އެކުންފުނިން ވަނީ 125 މަޝްރޫޢުއެއްގެ މަސައްކަތް ކުރިއަށްގެންގޮސްފައިއެވެ. އޭގެތެރެއިން 8 މަޝްރޫއެއްގެ މަސައްކަތް ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ. އަދި 15 މަޝްރޫޢެއްގެ މަސައްކަތް އެ ކުއަރޓަރުގައި ފަށާފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ޖުމްލަ އާމްދަނީ ވަނީ 2021 ވަނަ އަހަރަށްވުރެ އިތުރުވެފައިއެވެ. އެގޮތުން، މިދިޔަ އަހަރު އެމްޓީސީސީއަށް 2.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2021 ވަނަ އަހަރު އެކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނު 1.9 ބިލިއަން ރުފިޔާ އާއި އަޅާބަލާއިރު %26 އިތުރު އަދަދެކެވެ.

މިދިޔަ އަހަރު ނިމޭއިރު އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް އެމްޓީސީސީން ވަނީ މީގެކުރިން ލަފާކޮށްފައިއެވެ.